Roadha Mihaaru
ދަރުމަވަންތަ މަޝްރޫއުއަށް ޓެކްސް ދޭންޖެހެނީ ސަރުކާރުން

ދަރުމަވަންތަ ހޮސްޕިޓަލް މަޝްރޫއުއާ ގުޅިގެން ޖީއެސްޓީ ދައްކަން ޖެހޭނީ ދިވެހި ސަރުކާރުން: ސިވިލް ކޯޓް

24 މާޗް 2024

އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް ކަމަށްވާ ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫއުއާ ގުޅިގެން، އެ މަސައްކަތްކުރި ޗައިނާގެ ކުންފުނިން ދިވެހި ދައުލަތަށް ޖީއެސްޓީގެ ގޮތުގައި ދައްކަން ދައްކަންޖެހޭ ފައިސާ ދައުލަތަށް ދައްކަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް ކަމަށްވާ ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫއުއާ ގުޅިގެން، އެ މަސައްކަތްކުރި ޗައިނާގެ ކުންފުނިން ދިވެހި ދައުލަތަށް ޖީއެސްޓީގެ ގޮތުގައި ދައްކަން ދައްކަންޖެހޭ ފައިސާ ދައުލަތަށް ދައްކަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް އެޅުމަށް ހަވާލުކުރީ ޗައިނާގެ ޗަންގް ހުވާ ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. ޖުމްލަ 140 މިލިއަން ޑޮލަރުގެ އަގު ހުރި އެ މަޝްރޫއުގެ މަސައްކަތް ނިންމުމަށް ފަހު މިހާރު އެ އިމާރާތް އަންނަނީ ބޭނުން ކުރަމުންނެވެ.

އެ މައްސަލާގައި ޗައިނާގެ ކުންފުނިން ސިވިލް ކޯޓުގައި ދައުވާކުރީ 140 މިލިއަން ޑޮލަރަކީ ޖީއެސްޓީ ނުހިމަނައި ހަމައެކަނި މަޝްރޫއުގެ އަގު ކަމަށާއި އެހެންވެ، އެ ކުންފުނިން ޖީއެސްޓީގެ ގޮތުގައި ދިވެހި ދައުލަތަށް ދައްކަން ޖެހޭ ޓެކުހަށް ޒިންމާ ވާން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށް ބުނެ އެވެ.

އެ މައްސަލާގައި ސިވިލް ކޯޓުން މިދިޔަ ހަފުތާގައި ކުރި ހުކުމުގައި ވަނީ އެއްބަސްވުމަށް 2018 ވަނަ އަހަރު ގެނައި އިސްލާހު ހިމެނޭ ގޮތަށް އެއްބަސްވުމުގެ ހުރިހާ މާއްދާތަކަށް ބަލާއިރު، 25 ބުރީގެ އިމާރާތުގެ މަޝްރޫއުގެ އަގުގެ ގޮތުގައި 140 މިލިއަން ޑޮލަރު ކަނޑައަޅާފައި ވަނީ ޖީއެސްޓީ އާއި އެހެން ވެސް ޓެކްސް ނުހިމެނޭ ގޮތަށް ކަމަށެވެ. އެހެންވެ، ޗައިނާގެ ކުންފުނިން އެ މަޝްރޫއުއާ ގުޅިގެން ޓެކްސްގެ ގޮތުގައި ދިވެހި ދައުލަތަށް ދައްކަންޖެހޭ ޖީއެސްޓީއަކީ ދިވެހި ސަރުކާރުން ޒިންމާވާން ޖެހޭ ފައިސާތަކެއް ކަމަށް އެ ހުކުމުގައިވެ އެވެ.

ޗައިނާގެ ޗަންގް ހުވާ ކޮންސްޓްރަކްޝަން ކުންފުނިން މިހާތަނަށް ޖީއެސްޓީގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކި 227،000ރ. ވެސް ދިވެހި ސަރުކާރުން އަނބުރާ އެ ކުންފުންޏަށް ދޭން ޖެހޭނެ ކަމަށް އެ ހުކުމުގައި ބުންޏެވެ. އެހެންވެ، އެ ފައިސާ އެއް މަސް ތެރޭގައި ދައްކަން ހުކުމުގައި އަންގާފައިވެ އެވެ.