Roadha Mihaaru
ހާމަ އަށް ދޫކޮށްލާފައި އޮންނަ މަރުގެ ދަންތުރަތަކެއް!

ހުޅުމާލެ 2 ގައި ހާމައަށް ދޫކޮށްލާފައި އޮންނަ މަރުގެ "ދަންތުރަ" ތަކެއް!

27 މާޗް 2024

ހުޅުމާލެ 2 ގައި މީހުން ދިރިއުޅޭ ކޮންމެ ޓަވަރެއްގެ ކައިރީގައި ހާމަ އަށް އޮންނަ ޓްރާންސްފޯމަރުތައް ހުޅުމާލެ 1 އިންނާއި މާލެއިން ނުފެންނަނީ ސަބަބެއް ނެތިއެއް ނޫނެވެ. އެއީ ވަށައި ފާރު އަޅައި، ފޮރުވައި، ބޮޑު ތަޅު އަޅުވައި އާންމުންގެ ލޮލުން ގެއްލުވާލާފައި ހުންނަ ތަނެކެވެ. އޭގެ ސަބަބު ވަރަށް ސާފެވެ. ސެކިއުރިޓީ ވަރަށް ވަރުގަދަ އެވެ. ކެމެރާ ހުރެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ގަދަ އަށް ކަރަންޓު ދީފައި ހުންނަ ބިމު އަޑިން އަންނަ ހައި ވޯލްޓޭޖް ކޭބަލްތައް ސީދާ ގުޅާފައި ހުންނަނީ ޓްރާންސްފޯމަރުތަކަށެވެ. ކޮންމެ ޓްރާންސްފޯމަރެއްގައި ގާތްގަނޑަކަށް 11،000 ވޯލްޓޭޖް ހުރެ އެވެ. ހާމައަށް ބަހައްޓައިފި ނަމަ ކަރަންޓުގައި ޖެހި ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފެނުނީ އެ މަންޒަރެވެ.

އެ ރޭ ޓްރާންސްފޯމަރަކުން ވައްކަން ކުރަން ވަތް މީހަކު ކަރަންޓުގައި ޖެހި ފެނުނީ މަރުވެފައި އޮއްވަ އެވެ. އެކަމަކު އެއީ ހަމައެކަނި އެ މީހާގެ މައްސަލައެކޭ ބުނެ މިކަން ނިންމާލެވޭކަށް ނެތެވެ.

ހުޅުމާލެ 2 އަށް ކަރަންޓު ދިނުމުގެ މަސައްކަތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހަވާލުކުރި ކަމެކެވެ. އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ޗައިނާގެ ކުންފުންޏަކާ އެވެ. މިއަދާ ހަމައަށް ވެސް އެ މަސައްކަތް އެއްކޮށް ނިންމައެއް ނުލެވެ އެވެ. އޭރު ސްޓެލްކޯ އިން ބިޑް ކުރުމުން ވެސް އެ ކުންފުންޏަށް އެ މަސައްކަތް ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ.

އެހެންވެ މީހުން ދިރިއުޅޭ ގިނަ ޓަވަރުތަކަށް ކަރަންޓު ދެމުން އަންނަނީ ކައިރީގައި ޓްރާންސްފޯމަރެއް ބަހައްޓައިގެންނެވެ. އަދި ބައެއް ޓަވަރުތަކުގައި ހުޅުވާ ނުލެވިގެން އުޅެނީ ވެސް ކަރަންޓުގެ މަސައްކަތް ނިންމާ ނުލެވޭތީ އެވެ.

ހުޅުމާލެ 2 ގެ ޓަވަރުތަކަށް ކަރަންޓު ދިނުމަށް ބަހައްޓާފައި ހުންނަ ޓްރާންސްފޯމަރުތައް: އާންމުން ދިރިއުޅޭ ތަނުގެ ކައިރީ އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް ނެތް--ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހުޅުމާލެ 2 ގެ ޓަވަރުތަކަށް ކަރަންޓު ދިނުމަށް ބަހައްޓާފައި ހުންނަ ޓްރާންސްފޯމަރުތައް: އާންމުން ދިރިއުޅޭ ތަނުގެ ކައިރީ އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް ނެތް--ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ނަމަވެސް މައްސަލަ ދިމާވާ ހިސާބަކީ އެ ޓްރާންސްފޯމަރުތައް ބެހެއްޓުމަށް ފަހު ވަރަށް ހާމަ އަށް ހުންނަތާ އެތައް ދުވަހެއް ވުމެވެ. އެއްވެސް ހުރަހެއް ނެތި އާންމުން އޭގެ ކައިރިން ހިނގާ ބައެއް މީހުން ޓްރާންސްފޯމަރު ބޭރުގައި އަތް ވިއްދާލައިގެން ވެސް ތިބެ އެވެ. ކުޑަކުދިން ސްކޫލް ނިންމާފައި ޓަވަރުތަކަށް އަރަނީ އޭގެ ބިއްދޮށުން ލައިގެން ވަދެގެންނެވެ. އޭގެ ބޭރުގައި "ނުރައްކާ" ބޯޑު ޖެހުން ފިޔަވައި އެތައް ދުވަހެއް ވަންދެން އޮތީ ރައްކާތެރި ކަމުގެ އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.

އެކަމަކު، މިހާރު ގިނަ ޓަވަރުތަކުގައި ޓްރާންސްފޯމަރުތައް ވަށައި ހުންނަނީ ކަކުލާ ހަމައަށް އަރައި ފާރެއް ރާނާފަ އެވެ. އޭގެ މަތިން ވަރަށް ފަސޭހައިން އަރައި ތަންދޮރު ނުދަންނަ މީހުން އޮންނަނީ ނުރައްކަލަށް ހުށަހެޅިފަ އެވެ.

ޓްރާންސްފޯމަރުތައް ކައިރީ ސެކިއުރިޓީއެއް ސީސީޓީވީ ކެމެރާއެއް ނުހުރެ އެވެ.

ހުޅުމާލެ 2 ގެ ޓަވަރުތަކަށް ކަރަންޓު ދިނުމަށް ބަހައްޓާފައި ހުންނަ ޓްރާންސްފޯމަރުތައް: އާންމުން ދިރިއުޅޭ ތަނުގެ ކައިރީ އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް ނެތް--ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހުޅުމާލެ 2 ގެ ޓަވަރުތަކަށް ކަރަންޓު ދިނުމަށް ބަހައްޓާފައި ހުންނަ ޓްރާންސްފޯމަރުތައް: އާންމުން ދިރިއުޅޭ ތަނުގެ ކައިރީ އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް ނެތް--ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި ފަހުން މަރުވި މީހާގެ ހާދިސާގައި ވެސް ކަންތައް ދިމާވީ ގޮތަށެވެ. އެ މީހާ ބޭނުންވުމުން ފާރު މަތިން އަރައިގެން ޓްރާންސްފޯމަރާ ހަމައަށް ވަރަށް ފަސޭހައިން އޮތީ ދެވޭ ގޮތަށެވެ.

އެކަމަކު، މާލެ އާއި ހުޅުމާލެ 1 ގައި ސްޓެލްކޯ އިން މެނޭޖް ކުރަމުން އަންނަ ޓްރާންސްފޯމަރުތައް ގެންގުޅެނީ އެގޮތަކަށް ނޫނެވެ. އެ މީހުން އަމަލު ކުރަން ޖެހޭ ހާއްސަ އެސްއޯޕީތަކެއް ވެސް ހަދާފައި ހުރެ އެވެ.

ޓްރާންސްފޯމަރުތައް ބަހައްޓާފައި ހުންނަ ތަންތަނުގައި ވަރަށް އުސްކޮށް ފާރު ރާނައި އެތަނަށް ވެސް ނުވަދެވޭ ގޮތަށް ހުންނަނީ ތަޅު ލައިފަ އެވެ. އަދި އެތަން ސީސީޓީވީ ކެމެރާ އިން ބަރާބަރަށް މޮނިޓާ ކުރެ އެވެ. ސްޓެލްކޯގެ މުވައްޒަފަކަށް ވެސް އެ ތަނަށް ވަދެވޭނީ ހާއްސަ ޕްރޮސީޖާއެއްގެ ދަށުން ސޭފްޓީ ޕްރިކޯޝަންތައް ނަގައިގެންނެވެ.

ހުޅުމާލެ 1 ގައި ފެންސު ޖަހާފައި ހުރި ޓްރާންސްފޯމަރެއް--ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހުޅުމާލެ 1 ގައި ފެންސު ޖަހާފައި ހުރި ޓްރާންސްފޯމަރެއް--ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ނަމަވެސް ހުޅުމާލެ 2 ގައި އާންމުން އުޅޭ ސަރަހައްދުތަކާއި ކުޑަކުދިން ކުޅެން ނުހުންނަން އޮންނަ ހުސް ބިންތަކުގައި ވަރަށް ރައްކާތެރިކަން ކުޑަ ގޮތަކަށް ޓްރާންސްފޯމަރުތައް ބަހައްޓާފައި ހުރުމުން މީގެ ކުރިން ވެސް ބައެއް ފަރާތްތަކުުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި ސްޓެލްކޯގެ އޮފިޝަލުން ވެސް އެ މައްސަލަ ސީދާ އެޗްޑީސީގެ ސަމާލު ކަމަށް ވަނީ ގެނެސްފަ އެވެ. އެކަމަކު، ނުރައްކާތެރި ހާދިސާ ހިނގައި މީހެއްގެ ފުރާނަ ގޮސްފައި ވަނީ އެ މައްސަލަ ހައްލު ނުކޮށް އޮއްވަ އެވެ.

އެ މައްސަލާގައި "މިހާރު"ން ސުވާލު ކުރުމުން އެޗްޑީސީގެ ޕަބްލިކް ރިލޭޝަންގެ އެސިސްޓަންޓް މެނޭޖަރު މުހައްމަދު ސިރާޖު ވިދާޅުވި ގޮތުގައި ޓްރާންސްފޯމަރުތައް ހުންނަ ތަންތަން ރައްކާތެރި ކުރުމަކީ މިހާރު ވެސް ފަށާފައިވާ ކަމެކެވެ. އަދި އޭގެ ސަބަބުން މީހެއްގެ ފުރާނަ ގެއްލުނު ހާދިސާ އަށް ފަހު ހާއްސަ ސަމާލު ކަމެއް ދީގެން ވީހާ ވެސް އަވަހަށް އެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަސައްކަތް ނިމޭ އިރު ވަށާފާރާއި ނުވަދެވޭ ގޮތަށް އިތުރު ސެކިއުރިޓީ ކެމެރާ ބަހައްޓާނެ،" އޭނާ ވިދާޅުވި އެވެ.

ސިރާޖު ވިދާޅުވި ގޮތުގައި، ޓްރާންސްފޯމަރުގެ ކަރަންޓުގައި ޖެހި އެންމެ ފަހުން ޒުވާނަކު މަރުވިއިރު އަދި އެ ތަންތަނުގެ ސަލާމަތީ ކަންކަން ރަނގަޅު ކުރުމަށްޓަކައި ވަށައިފާރު ރާނައި އެހެން މަސައްކަތްތައް ވެސް ކުރަމުންނެވެ.

"އެ މަސައްކަތް ފަށާފައި ވަނިކޮށް މިކަން މި ވީ. ސްޓެލްކޯއާ ހަވާލު ކުރާނީ ވެސް ސެކިއުރިޓީގެ ގޮތުން ކުރަންޖެހޭ ކަންކަން ނިންމާފައި،" އެޗްޑީސީގެ އޮފިޝަލް ވިދާޅުވި އެވެ.

ހުޅުމާލެ 2 ގައި އެ މަސައްކަތް ކުރުމަށް ޔާމީންގެ ސަރުކާރުން ހުޅުވައިލި ފުރުސަތުގައި ސްޓެލްކޯ އިން ވެސް ކުރިމަތިލި އެވެ. ނަމަވެސް އޭރު އެ ކުންފުންޏަކަށް އެ މަޝްރޫއެއް ނުލިބެ އެވެ. އެއީ 70 މިލިއަން ޑޮލަރު އިންވެސްޓްމަންޓެކެވެ.

މިއަދު އެ ޓްރާންސްފޯމަރުތައް ބަލަހައްޓަނީ އެޗްޑީސީ އާއި ޗައިނާގެ ކުންފުނި ގުޅިގެންނެވެ. ނަމަވެސް އެ އަށް މައްސަލައެއް ދިމާވެ، ޓަވަރުތަކުން ކަރަންޓު ކެނޑުމުން ސްޓެލްކޯ އިން ވެސް އެހީތެރިކަން ފޯރުކޮށްދެ އެވެ.

ހުޅުމާލެ 2 ގެ ޓަވަރުތަކަށް ކަރަންޓު ދިނުމަށް ބަހައްޓާފައި ހުންނަ ޓްރާންސްފޯމަރުތައް: އާންމުން ދިރިއުޅޭ ތަނުގެ ކައިރީ އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް ނެތް--ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހުޅުމާލެ 2 ގެ ޓަވަރުތަކަށް ކަރަންޓު ދިނުމަށް ބަހައްޓާފައި ހުންނަ ޓްރާންސްފޯމަރުތައް: އާންމުން ދިރިއުޅޭ ތަނުގެ ކައިރީ އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް ނެތް--ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހުޅުމާލެ 2 ގައި ކަރަންޓުގެ ނެޓްވޯކްގެ މަސައްކަތް ނުނިމޭތީ މި ވަގުތަށް އޮންނަނީ އެފަދަ ހާލަތެއްގަ އެވެ. މާލޭގައި އެއް ރިންގަކުން ގުޅާލާފައި ވާތީ އެއް ޓްރާންސްފޯމަރުން ކަރަންޓު ކެނޑުނަސް އެހެން ޓްރާންސްފޯމަރަކުން ބެކަޕް ކަރަންޓު ދެވެ އެވެ.

ހުޅުމާލެ 2 ގައި އެ މަސައްކަތް މުޅިން ފުރިހަމަ ނުވާތީ ދޭތެރެއަކުން ރޯވިޔަސް ނުވަތަ ޝޯޓެއް ވިޔަސް އަދި ކޭބަލަކަށް ގެއްލުން ވިޔަސް ޓަވަރެއްގައި އުޅޭ އެތައް ހާސް މީހުން މުޅި ދުވަހު އުޅެން ޖެހޭނީ ދަތި ހާލުގަ އެވެ.

ކުޑަކުދިން ކުޅެން ނުކުންނަން އޮތް ހުސް ބިމުގައި އޮންނަނީ މަރުގެ ދަންތުރަ އެއްހެން ހާމައަށެވެ.