26 މާޗް 2024
އެއީ ދެހާހުގެ ކުރީކޮޅެވެ؛ މާލެއިން ށ. ޅައިގަމަށް އައި ބަޔަކު ލަވައެއްގައި ކުޑަ ރޯލެއް ކުޅޭނެ އަންހެނަކު ހޯދަނީ އެވެ. އެ މީހުން ބޭނުންވީ ބުރުގާ ނާޅާ ހުރި އުމުރުން ދުވަސްވީ އަންހެނެކެވެ. އެ ލަވައިގައި ފޫޅުމައެއްގެ ރޯލު ކުޅުމަށެވެ. އެ މީހުންގެ އެދުމަށް މި ރޯލަށް އެންމެ ކަމުދާނެހެން ހީވާ ދެތިން އަންހެނަކު ރަށު އޮފީހަށް ގެންދިޔަ އެވެ. އެ މީހުންގެ ތެރެއިން ބުރުގާ ނާޅާ ހުރީ މި ރަށު ރުގިއްޔާ އާދަމް އެކަންޏެވެ.
އެއީ ދެހާހުގެ ކުރީކޮޅެވެ؛ މާލެއިން ށ. ޅައިގަމަށް އައި ބަޔަކު ލަވައެއްގައި ކުޑަ ރޯލެއް ކުޅޭނެ އަންހެނަކު ހޯދަނީ އެވެ. އެ މީހުން ބޭނުންވީ ބުރުގާ ނާޅާ ހުރި އުމުރުން ދުވަސްވީ އަންހެނެކެވެ. އެ ލަވައިގައި ފޫޅުމައެއްގެ ރޯލު ކުޅުމަށެވެ. އެ މީހުންގެ އެދުމަށް މި ރޯލަށް އެންމެ ކަމުދާނެހެން ހީވާ ދެތިން އަންހެނަކު ރަށު އޮފީހަށް ގެންދިޔަ އެވެ. އެ މީހުންގެ ތެރެއިން ބުރުގާ ނާޅާ ހުރީ މި ރަށު ރުގިއްޔާ އާދަމް އެކަންޏެވެ.
"އަޅުގަނޑު ބުރުގާ ނާޅަން އޭރަކު، ދެން ތިބި މީހުން ބުނެފި ބުރުގާ ނަގާކަށް ނުކެރޭނެއޭ. ދެން އަޅުގަނޑު ބުނެފިން އާނ އަޅުގަނޑަށް ކެރޭނެއޭ [ލަވަ ކުޅެން]،" އުމުރުން މިހާރު 75 އަހަރުގެ ރުގިއްޔާ ބުންޏެވެ.
ށ. ޅައިމަގު، ރުގިއްޔާ އާދަމް އޭނާގެ ގޭގެ ދޮރުގައި ލެނގިލައިގެން ފޮޓޯއަކަށް ހުއްޓިގެން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެ ލަވައަކީ ގިނަ ބައެއްގެ އިހުސާސްތަކާ ކުޅެލި "ހޭވާ ހޭވާ" އެވެ. މާނަ ފުން ޅެމެއް ހިމެނޭ، އަޑުއަހަން ރީތި ރާގެކެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ ފާތިމަތު ޒޫނާ ކިޔާފައިވާ އެ ލަވައަކީ މާބަނޑު ދުވަސްވަރު ޑޮކްޓަރީ ފަރުވާ ހޯދުމަށް މީހުންނަށް ހިތްވަރުދީ، ހޭލުންތެރިކުރުވުމުގެ މަގުސަދުގައި ޔޫއެންއެފްޕީ މޯލްޑިވްސް އިން 2002 ވަނަ އަހަރު ތައްޔާރުކުރި ވީޑިއޯ ލަވައެކެވެ.
"ހޭވާ ހޭވާ" މި ލަވައިގެ އަސްލަކީ ވަރަށް ކުރީގެ ފަރިއްސެކެވެ. މި ފަރިހި ހެއްދެވީ ހދ. ކުޅުދުއްފުށީ ފާލްސާގޭ ހަސަން އަހްމަދު (މަޝްހޫރު ލަނގޮޑި މާލިމީ) އެވެ. ތާރީހީ އެކި ލިޔުންތަކުގައިވާ ގޮތުގައި ލަނގޮޑި މާލިމީ އަކީ ފާގަތި މާލިމީއެކެވެ. އޭނާ އަކީ މޮޅު ނަކަތްތެރި އެދުރެކެވެ. އަދި ފަންޑިތައިގެ ތެރެއަށް ވަންނަވާ ހުންނެވި ބޮޑު ކަންވެރިއެކެވެ. ވަރަށް ކުޅަދާނަ ޝާއިރެއް ވެސް މެ އެވެ.
ލަނގޮޑި މާލިމީ ހެއްދެވި މި ފަރިހީގެ ބަތާލާ އަކީ ކުޅުދުއްފުށީ ފޯ އިބްރާހީމްގެ އައިޝަތު ނުވަތަ ފޯ އައިސަ އެވެ. ބުނެވޭ ގޮތުގައި ފޯ އައިސައަކީ ހެދިހުރި ރީތި ހަށިގަނޑެއްގެ ވެރިއެކެވެ. މި ފަރިހި ހެދީ ފޯ އައިސަ ކުޅުދުއްފުށީ ކާސިންކަތީބާ އިނދެގެން ދަރިއަކު ހޯދަން އުޅުނުއިރެވެ. އޭނާ ވިހަން ވައްދާފައި އޮއްވައި އެތަނުގައި އޮވެގެން މަރުވަނީއޭ، އަތުގައި ރަންއުޅަލެއް އަޅައިދޭށޭ ކިޔާ ހަޅޭލަވާ ހެދި ކަމަށްވެ އެވެ. އެ ހާދިސާއަށް ލަނގޮޑި މާލިމީ މި ފަރިހި ހެދީ އެވެ. އެ ދުވަހުން އެ ދުވަހަށް މި ފަރިހި ހަދާ ނިންމާލި އެވެ.
މި ފަރިއްސަށް ޔޫއެންއެފްޕީ މޯލްޑިވްސް އިން ހެދި ވީޑިއޯ ލަވައިގެ މަންޒަރުތައް ނެގީ ޅައިމަގާއި މި އަތޮޅު ފުނަދޫގަ އެވެ. މި ލަވައިގައި ފެހި ލިބާހެއްގައި ހުންނަ ފޫޅުމައިގެ ރޯލު ކުޅުނީ ރުގިއްޔާ އެވެ.
ރުގިއްޔާއަކީ ކުރިން ފޫޅުމައިކަން ކުރި ވެސް މީހެކެވެ. މި ރަށުގެ ދެތިން މީހަކު އޭނާ ވިއްސި އެވެ.
އެކަމަކު ޒުވާން އުމުރުގައި އޭނާ ގިނައިން އުޅުނީ މީހުން ހިނެވުމުގެ މަސައްކަތުގަ އެވެ. އޭނާ އަކީ މި ރަށުގައި މަރުވާ އަންހެނުން ހިނެވުމުގައި އެންމެ އިސްކޮށް އުޅުނު އެކަކެވެ.
ށ. ޅައިމަގު، ރުގިއްޔާ އާދަމް "މިހާރު" އަށް އިންޓަވިއު ދެނީ: އޭނާ ވަނީ ކުރިން ފޫޅުމައިކަން ކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އޭނާ ނުދަންނަ އެއްވެސް މަސައްކަތެއް އޭރަކު ނެތެވެ. ރަށުގައި އަންހެނުން ކޮށްއުޅުނު ކޮންމެ މަސައްކަތެއްގައި ވިއްޔާ ކުރީސަފުގައި ހުއްޓެވެ.
ދެބައިއުމުރަށް ނުދަނީސް ފިރިމީހާ ނިޔާވުމާ އެކު، ކުދިންގެ ހުރިހާ ކަމެއް ބެލެހެއްޓީ ވެސް އޭނާގެ އަމިއްލަ މަސައްކަތުން ލިބުނު އެއްޗަކުން، އެކަނިމާއެކަންޏެވެ. ހީވާގި، މުރާލި އަންހެނެކެވެ.
ރުގިއްޔާގެ ފިރިމީހާ އަކީ ވަޑިއެކެވެ. އެހެންވެ، އެ ޒަމާނަށް ބަލައިފައި އެ ދެމަފިރިން އުޅުނީ ވަރަށް ތަނަވަސް ދިރިއުޅުމެކެވެ.
އެ ދެމަފިރިންނަށް ހަ ކުދިން ލިބުނެވެ. އެންމެ ފުރަތަމަ ލިބުނީ ތިން ފިރިހެން ކުދިންނެވެ. އެ ތިން ކުދިން ވެސް ޅަފަތުގައި މަރުވީ އެވެ. ރުގިއްޔާ ބުނި ގޮތުގައި، އެ ކުދިން މަރުވީ ބަލިވެ އުޅެފައެއް ވެސް ނޫނެވެ. ހަމަ ކުއްލި ގޮތަކަށެވެ. ދެން އެ ދެމަފިރިންނަށް ލިބުނީ ތިން އަންހެން ކުދިންނެވެ. އޭގެ ތެރެއިން އެ ކުއްޖަކު ވަނީ މިފަހުން ނިޔާވެފަ އެވެ. މިހާރު ދުނިޔޭގައި ތިބީ އެންމެ ހަގަށް ތިބި ދެ ކުދިންނެވެ.
ރުގިއްޔާގެ ފިރިމީހާ ނިޔާވީ ތިން އަންހެން ކުދިން ވަރަށް ކުޑައިރެވެ.
"ދައްތަ ފިރިމީހާ މަރުވި ދުވަހު ވެސް ހިތަށް އެރި ދެން ކިހިނެއްބާއޭ މި [ތިން އަންހެން] ކުދިން ގޮވައިގެން އުޅޭނީ. ކުދިން ވަރަށް ކުޑަ އޭރު. އެންމެ ދޮށީ މީހާގެ އުމުރުން އޮތީ 12 އަހަރަށް. ދެން ހުރި މީހާގެ އުމުރުން އޮތީ ފަސް އަހަރަށް. ދެން ހުރި މީހާގެ އުމުރުން އޮތީ ތިން އަހަރަށް،" ރުގިއްޔާ ބުންޏެވެ.
ށ. ޅައިމަގު، ރުގިއްޔާ އާދަމް: އޭނާގެ ފިރިމީހާ އާއި ހަ ކުދިންގެ ތެރެއިން ހަތަރު ކުދިން ވަނީ ނިޔާވެފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ޒުވާން އުމުރުގައި ރުގިއްޔާގެ މައިންބަފައިން ވެސް ވަނީ ނިޔާވެފަ އެވެ. އޭނާ އެ ބައެއް ދެކެ އިންތިހާއަށް ލޯބިވި މީހުން ކައިރިކައިރިން ކުއްލި ގޮތަށް ވަކިވެގެން ދިއުމުން ދެން ކެތެއް ނުވާނެއޭ ވެސް ހިތަށް އެރި އެވެ.
"ފުރަތަމަ ދަރިފުޅު ވިހެއި އިރު މަރުވެފައި އޮތީ. ދެވަނަ ދަރިފުޅު ވިހައިގެން ހަތަރު މަހުގައި، ރޮއްވީ ހަމަ. ރޮއްވާ، ރޮއްވާ އެކަން ރަނގަޅުވެފައި ހުއްޓާ ހަމަ ކުއްލި ގޮތަކަށް ދިޔައީ،" އެންމެ ދޮށީ ތިން ކުދިންނަށް ވީ ގޮތް އޭނާ ކިޔައިދިނެވެ.
"ތި ކުދިންނަކަށް ނޭނގޭނެ ބުނެދިނެއް ކަމަކު، އިހުޒަމާނުގައި މީހުން ކިޔާނެ ރަވޯކެއްޔޭ. އެއީ އެގޮތަށް ރޮއްވާނީ. ރޮއްވާ، ރޮއްވާ ކުއްޖާ އޮންނާނީ ވާލެއްހެން ވެފައި. ކޮއްކޮމެން ވެސް ދެކޭނެ ކަންނޭނގެ ގަހުގައި އެލޭ ވާ، ދެކެންތަ؟ އެގޮތަށް އޮންނާނީ...
"އަނެއް ދަރިފުޅު ވިހައިގެން، މިސާލަކަށް ބުނާ ނަމަ މާދަން އެއީ ހަތް ދުވަސްވާ ދުވަސް، މިރޭ، ހަމަ ކުއްލި ގޮތަކަށް. ވީގޮތެއް ވެސް ނޭނގޭ... ދައްތަ އުނގުމަތީގައި އޮއްވާ ވިއްޔާ. ހަމަ އެހެން ގޮސް ނިމުނީ."
އެ ހިތާމާގައި ވެސް ދެން ތިބި ތިން ކުދިންގެ ހައްގުގައި އޭނާ ހިތްވަރު ކުރި އެވެ. އެ ކުދިންނަށް މުސްތަގުބަލެއް ހޯދައިދިނުމަށް ރެއާއި ދުވާލު މަސައްކަތްކުރި އެވެ.
ށ. ޅައިމަގު، ރުގިއްޔާ އާދަމް ފަންގިވިންނަނީ: ފަންގިވިނުމަކީ އޭނާ އާމްދަނީ ހޯދަން ކުރާ މަސައްކަތެއް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ފަންގިވިދެގެންނާއި އެއްކެޔޮ ހޮވައިގެން މަދު ފަޅާއިގެންނާއި ވަލުން ކާށި ހޮވައިގެން ކާށި ވިއްކައިގެންނާއި މީހުންނަށް އެއްޗެހި ދޮވެއިސްތިރިކޮށްދީގެންނާއި ހަވާދު ފުނޑައިދީގެން ވެސް އޭނާ އާމްދަނީ ހޯދި އެވެ.
ރުގިއްޔާ ބުނި ގޮތުގައި، މި ރަށަކީ ވަރަށް އެކުވެރި ހިތްހެޔޮ ބަޔަކު ދިރިއުޅޭ ރަށެކެވެ. އެއީ އޭނާއަށް ލިބުނު ބޮޑު ހިތާމާގައި ވެސް ދިރިއުޅުމައިގެން ކުރިއަށް ދާން ލިބުނު ވަރަށް ބޮޑު ހިތްވަރަކަށްވި އެވެ.
"މީހުން ވަރަށް އެކުވެރި، ސާފުތާހިރު ރަށެއް މިއީ،" އޭނާ ބުންޏެވެ.
ރުގިއްޔާގެ އެންމެ ޒުވާން ދުވަސްވަރުގެ ހަނދާނަކަށް ހުންނަނީ މި ރަށުގެ އަތޮޅުވެރިކަން މި ރަށުން ފުނަދު އަށް ފުރޮޅާލި އިރެވެ. އެއީ 1968 ވަނަ އަހަރެވެ. އޭނާގެ ފުރާވަރުގަ އެވެ.
"އަތޮޅު ވެރިކަން ގެއްލުނީ މި ރަށުގައި އަތޮޅު ވެރިއަކަށް ހުންނެވި ބޭފުޅާއަށް ސަރުކާރުން އެންގީ [އަތޮޅު އޮފީހުގެ] މަތީވަޑާންގަނޑު ނަގަން. އެހެން އެންގީމާ އޭނާ ހެދި ގޮތަކީ މުޅި ހުރިހާ ފާރުތަކެއް ތަޅައި ބިމާ ހަމަކޮށްލީ. އެ ބޮޑީގައި ނެގީ މި ރަށުގައި ހުރި އަތޮޅު އޮފީހާއި ދިއްދޫގައި ހުރި އަތޮޅު އޮފީސް ވެސް،" އެ ދުވަސްވަރުގެ ހަނދާންތައް އޭނާ އާކޮށްލި އެވެ.
މި ރަށު ގަބުރުސްތާނުގައި އޭރު ހުރި އާސަރީ މިސްކިތް ވެސް ތަޅާލި ކަމަށް އޭނާ ބުންޏެވެ.
ށ. ޅައިމަގު، ރުގިއްޔާ އާދަމް މަދު ފަޅަނީ: މިއީ އޭނާ އާމްދަނީ ހޯދަން ކުރާ މަސައްކަތެއް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އަތޮޅުވެރިކަން ބަދަލުކުރުމުން ރަށުތެރޭގެ މަޝްރަހު ވަރަށް ހޫނުވި އެވެ. އެއް ބަޔަކު އަނެއް ބަޔަކާ ތަޅާފޮޅި އެވެ. އަތޮޅުވެރިކަން ބަދަލުވެ އެ ދުވަސްތައް ވެސް މާޒީވެގެން ދިޔައީ އެވެ. އެކަމަކު، ރުގިއްޔާ ބުނި ގޮތުގައި އަދިވެސް ބަދަލު ނުވެ އޮތީ މި ރަށު މީހުންގެ ހިތްހެޔޮކަމެވެ.
އުމުރުން ކިތައްމެ ދޮއްޓަސް އޭނާ އަދިވެސް ވަރަށް ހީވާގި އެވެ. ހެލިފެލިވެ އުޅެ އެވެ. ފަންގިވިނުމާއި މަދު ފެޅުމުގެ މަސައްކަތް އަދިވެސް ކުރެ އެވެ. އެކަމަކު، މި އުމުރުގައި މާ ބުރަކޮށް މަސައްކަތްކުރަން ކުދިން ގަބޫލު ނުވާތީ މިހާރު މާ ގިނަ އެހެން މަސައްކަތްތަކެއް ނުކުރެ އެވެ.
"މަސައްކަތް ކުރާތީ މިހެން މި ހުރެވެނީ. ވަރަށް ގިނަ މީހުން ދައްތައަށް ސަޕޯޓްކުރެއޭ. ވަރަށް ގިނަ މީހުން ބުނާނެ ހަމަ ތިގޮތަށް އުޅޭތިއްޔޭ މިހާރު މަގުމަތީގައި ހިނގާލައިފައި ވެސް ތި އުޅެވެނީ،" ހިނިގަނޑެއް ޖަހާލައިފައި ރުގިއްޔާ ބުންޏެވެ.
ލޮކްޑައުންއާ ހެދި އާއިލާ ނުރޭވިދާނެތީ ކަންބޮޑުވުން
މާގޯ ރޮބީއަށް ކުއްޖަކު ލިބިއްޖެ
ޕްރިންސާއި ޔުވިކާއަށް ކުއްޖަކު ލިބިއްޖެ
ރާދިކާ ބަލިވެއިންކަން ހާމަކުރީ ތަފާތު ގޮތަކަށް
ވިހާފައި މަރު؛ މި ވޭނާއި ހިތްދަތިކަން ކިޔައިނުދެވޭނެ
މާބަނޑު މުވައްޒަފުންނަށް ދިން ލުއިތައް އިޔާދަކޮށްފި
މަސާބާއަށް އަންހެން ކުއްޖަކު ލިބިއްޖެ
ރަންވީރާއި ދީޕިކާއަށް އަންހެން ކުއްޖަކު ލިބިއްޖެ
ޖަސްޓިން އާއި ހެއިލީއަށް ފިރިހެން ކުއްޖަކު ލިބިއްޖެ
ގޯޕީ ބަހޫގެ ރޯލު ކުޅުނު ދެވޮލީނާ އިނީ ބަލިވެ