Roadha Mihaaru
ރިޖެކްޓް މަދުކުރަން ތައިލެންޑު ބަޔަރުން ބޭނުމެއް ނުވި

ރިޖެކްޓް މަދުކުރަން ތައިލެންޑް ވިޔަފާރިތަކުން އެއްބަހެއް ނުވި: މިފްކޯ

26 މާޗް 2024

މިފްކޯ އިން އެކްސްޕޯޓު ކުރާ މަހުން ހަލާކު ވެގެން ރިޖެކްޓް ވާ އަދަދު މަދު ކުރުމަށް ތައިލެންޑްގެ ވިޔަފާރިތަކާ އެކު މަޝްވަރާ ކުރި ނަމަވެސް އެކަމަށް އެ ފަރާތުން އެއްބަސް ނުވި ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މިފްކޯ އިން އެކްސްޕޯޓު ކުރާ މަހުން ހަލާކު ވެގެން ރިޖެކްޓް ވާ އަދަދު މަދު ކުރުމަށް ތައިލެންޑްގެ ވިޔަފާރިތަކާ އެކު މަޝްވަރާ ކުރި ނަމަވެސް އެކަމަށް އެ ފަރާތުން އެއްބަސް ނުވި ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ސަމާހު ވިދާޅުވީ މިފްކޯ އިން ބޭރު ކުރާ ގިނަ އަދަދެއްގެ މަސް ރިޖެކްޓުވާ މައްސަލަ ހައްލު ކުރަން ތައިލެންޑުން މަސް ގަންނަ ފަރާތްތަކާ މަޝްވަރާ ކުރައްވަން އޭނާ ވަރަށް ފަހުން ބެންކޮކަށް ވަޑައިގަތް ކަމަށެވެ.

އެ މައްސަލަ ހައްލު ކުރަން މިފްކޯ އިން ހުށަހެޅީ މަސް ގްރޭޑް ކުރާ ފަރާތްތައް އެ ކުންފުނީގެ ހަރަދުގައި ރާއްޖޭގައި ބަހައްޓައިގެން މަހުގެ ފެންވަރު ބެލުމަށް ފަހު، ބޭރު ކުރުމަށް ކަމަށާއި އޭރުން ރިޖެކްޓްވާ ލެވެލް ވަރަށް ބަޑަށް ދަށް ކުރެވޭނެ ކަމަށް ސަމާހު ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވިން ބަޔަރުންގެ ގްރޭޑަރު ރާއްޖެ ފޮނުވައިދޭށޭ. އެހެން ނަމަވެސް ގްރޭޑަރު ގްރޭޑް ކޮށްފައި ރަނގަޅޭ ކިޔައިފަ އަރުވާ ކޮންމެ ކިލޯއަކަށް ފައިސާ ދައްކަން ޖެހޭ. މި ނޫން ގޮތަކަށް މިކަމެއް ނުވާނޭ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެކަމަށް އެ ގައުމުގެ ވިޔަފާރިވެރިން އެއްބަސްނުވި ކަމަށް ސަމާހު ވިދާޅުވި އެވެ. ވިދާޅުވީ "އެގޮތަށް މިފްކޯ އިން މަސް ގަންނާނެ ބަޔަކު ނުވާނެ" ކަމަށް އެ މީހުން ބުނި ކަމަށެވެ.

އެކަމަކު އޭނާ އެ ސްޓޭންޑް ދޫނުކުރައްވައި ދަމަހައްޓާފައިވާ ކަމަށާއި މިހާތަނަށް ޖަޕާނާއި އިޓަލީ އާއި ސްޕެއިން އިން މިފްކޯ އިން ހުށަހަޅާ ޓާމްސްތަކަށް އެއްބަސްވާނެ މީހުން އެބަތިބި ކަމަށް ސަމާހު ވިދާޅުވި އެވެ.

ސަމާހު ވިދާޅުވި ގޮތުގައި މަސް ރިޖެކްޓުވުމަކީ މިފްކޯ އަށް ގެއްލުންވާ އެންމެ ބޮޑު އެއް ސަބަބު ކަމަށެވެ.

އެ ކުންފުނިން 3000 ޓަނުގެ މަސް ބޭރު ކޮށްފިއްޔާ 800-500 ޓަނުގެ މަސް ރިޖެކްޓު ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އޭގެ އަޑީގައި ކަންތައްތަކެއް ހިނގާ ކަމަށާއި އޭގެން ވަކި ބަޔަކަށް ފައިދާތަކެއް ވާކަމުގެ އަޑުތައް އިވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.