Roadha Mihaaru
މިފްކޯގެ އެތެރޭ ކޯޅުން: ބޭރުވީ ކޮރަޕްޝަންގެ ތުހުމަތު!

މިފްކޯ އެތެރޭގެ ކޯޅުން: ބޭރުވީ ކޮރަޕްޝަންގެ ތުހުމަތު!

26 މާޗް 2024

މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދު ސަސްޕެންޑްކޮށް، ގެއަށް ފޮނުވައިލި ސަބަބު ބަލަން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން އެ ކުންފުންޏާއި ޕީސީބީގެ އިސްވެރިން ހާޒިރުކޮށް އިއްޔެ ބޭއްވި ބައްދަލުވުމުގައި ހާމަވީ މުޅިން އެހެން މައްސަލަތަކެކެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދު ސަސްޕެންޑްކޮށް، ގެއަށް ފޮނުވައިލި ސަބަބު ބަލަން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން އެ ކުންފުންޏާއި ޕީސީބީގެ އިސްވެރިން ހާޒިރުކޮށް އިއްޔެ ބޭއްވި ބައްދަލުވުމުގައި ހާމަވީ މުޅިން އެހެން މައްސަލަތަކެކެވެ.

މާލީ ހާލަތާ ގުޅޭ އެތައް މައްސަލައެއް އޮތް މިފްކޯ އިން މަސް އެކްސްޕޯޓު ކުރުމުގައި އަދި ތެލުގެ ވިޔަފާރި އާއި އެހެނިހެން އެތައް ކަމެއްގައި ހިޔާނާތަށް މަގުފަހިވާ އެތައް ކަމެއް ކުރަމުންދާ ކަމުގެ ތުހުމަތުތަކެކެވެ. އެ ކުންފުނީގައި ތިބި ބައެއް މުވައްޒަފުން "ވަގު ވިޔަފާރިތަކެއް" ކުރުމާއި އެ އިން މާލީ މަންފާ ހޯދަމުންދާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރި އެވެ. އެ ކަން ކުރާތާ އެތައް ޒަމާންތަކެއް ވެފައިވާ ކަމުގެ ބޮޑެތި ތުހުމަތުތަކެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ސަމާހު ވިދާޅުވި ގޮތުގައި މިފްކޯ އަށް އެންމެ ބޮޑަށް ގެއްލުންވާ ސަބަބަކީ އެ ކުންފުނިން އެކްސްޕޯޓުކުރާ މަހުގެ ބޮޑު ބައެއް ރިޖެކްޓުވުމެވެ. ބައެއް ފަހަރު 3،000 ޓަނުގެ މަސް އެކްސްޕޯޓް ކުރާއިރު ކޮންމެ ޝިޕްމަންޓަކުން 500-800 ޓަނުގެ މަސް ރިޖެކްޓު ވެ އެވެ. އެކަން ދިމާވާ އެއް ސަބަބެއް ކަމަށް އަންގާފައި އޮންނަނީ މަހުގެ ހިސްޓެމިން ލެވަލް މަތިވުމެވެ.

"އޭގެ އަޑީގައި ކަންތައްތަކެއް ހިނގާ ކަމާއި އޭގެން ވަކި ބަޔަކަށް ފައިދާތަކެއް ވާކަމުގެ އަޑުތައް އިވޭ،" ސަމާހު ވިދާޅުވި އެވެ.

ރާއްޖެ އިން ރަނގަޅަށް ކިރުމަށް ފަހު، ބައެއް ޝިޕްމަންޓުތައް ރާއްޖެ އިން ބޭރަށް ފޮނުވުމުން އޭގެ ތެރެއިން 500 އެއްހާ ޓަނު މަދުވާ ފަހަރު ވެސް ދިމާވާ ކަމަށް ސަމާހު ވިދާޅުވި އެވެ.

އެ މައްސަލަތައް ބަލަން މިފްކޯ އިން ޓީމެއް ބެންކޮކަށް ފުރާ ކަމަށާއި ނަމަވެސް އެ ދަތުރުތަކުން އެ ކުންފުންޏަށް އެއްވެސް ފައިދާއެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓީމު އެކޮޅަށް ދިޔައީމާ ރަނގަޅު މަންފާތަކެއް ވާ ކަމަށް ޚަބަރުތައް ލިބޭ. އަޅުގަނޑު ފުރަތަމަ ކަމަކަށް އޮފީހަށް ނުކުތްތާ ތިން ވަނަ އަށް ދިޔަ ދުވަހު އެކަން ހުއްޓުވައިފިން. މިހާތަނަށް އެ މީހުން ގޮސްގެން، މި ޓީމު ގޮސްގެން ފޭވާގައި މިއިން ކަމެއް ނުއެއް ނިންމޭ،" ސަމާހު ވިދާޅުވި އެވެ.

މިފްކޯގައި އެގޮތަށް ހިނގާ އަޑި ނޭނގޭ ކަންތަކުގެ އެއް މިސާލަކީ ވާނުވާ ނޭނގި ކުއްލިއަކަށް ކަނޑު މެދުން ތެޔޮ ގެއްލުން ކަމަށް ސަމާހު ވިދާޅުވި އެވެ. ނަމަވެސް އޭގެ މާ ބޮޑު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

މިފްކޯގެ ސީއީއޯ ބިއުރޯގެ ސެކްރެޓޭރިއަޓް އިބްރާހިމް ސައީދު (ކޭޑް) ތުހުމަތު ކުރެއްވި ގޮތުގައި، ސަމާހު ސަސްޕެންޑް ކުރި ފަހުން، މިފްކޯގެ ތެރޭގައި ކޮރަޕްޝަންތައް ހިންގަ އެވެ. އެތައް މިލިއަން ރުފިޔާގެ ޕްރޮކިއުމަންޓް ޕްރޮސެސްއެއް މިހާރު ވެސް ފަށަން ތައްޔާރު ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ތެރޭގައި މަސް ކިރަން މި ފަހުން މިފްކޯ އަށް ގަތް ޖަޒީރާ ބޯޓު 104 އޯވަހޯލް ކުރުމުގެ ޕްރޮކިއުމަންޓް ޕްރޮސެސްއެއް ވަރަށް ބާރަށް ކުރިޔަށް ގެންދިއުމާއި މަސްދަޅު ބަންދުކުރާ ފޮށީގެ ދެ މިލިއަން ފޮއްޓާއި މަސްދަޅު އަޅާ ސަންފްލާވާ އޮއިލް އާއި ސޯޔާ ބީން ޕްރޮކިއުމަންޓެއް ހިންގަން ފަށައިފި ކަމަށް އޭނާ ވިދާޅުވި އެވެ.

ޗެނަލް 13 ގެ ކުރީގެ ޕްރެޒެންޓަރު އިބްރާހިމް ސައީދު ތުހުމަތު ކުރެއްވި ގޮތުގައި އެކްސްޕޯޓުކުރާ މަހުން ރިޖެކްޓުވާ 500 ޓަނު ތައިލެންޑުގެ އެހެން ވިޔަފާރިތަކަށް ވިއްކައިލަ އެވެ. އަދޮ ޝޯޓޭޖް ވާ ބައި ވެސް އެހެން ވިޔަފާރިތަކަށް ވިއްކާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"މި ހަމަލާ ސީއީއޯ އަށް އައީ މި މާސިންގާ ތައިލެންޑު ވިޔަފާރީގައި އަތް އަޅައި ހުއްޓުމަކަށް ގެނައުމަށް ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ. އެ ފައިސާ އިން ޕޭ ރޯލްގައި މިފްކޯގައި މުވައްޒަފުން ތިބި ކަމަށް އަޅުގަނޑުމެން ތުހުމަތު ކުރަނީ،" އޭނާ ވިދާޅުވި އެވެ.