Roadha Mihaaru
އިތުރު އެއާޕޯޓުތައް އަޅާނެ ރަށްތައް ކަނޑައަޅައިފި

އިތުރު އެއާޕޯޓުތައް އަޅާނެ ރަށްތައް ރައީސްގެ ގަރާރަކުން ކަނޑައަޅައިފި

28 މާޗް 2024

ރާއްޖޭގައި އިތުރު ނުވަ އެއާޕޯޓެއް އަޅާނެ ރަށްތައް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ކަނޑައަޅުއްވައިފި އެވެ. ރައީސް އޮފީހުން ގެޒެޓްކުރި ރައީސްގެ ގަރާރުގައި ވަނީ އެ އެއާޕޯޓުތައް ހެދުމަށް އެންމެ މަދުން އިންވެސްޓް ކުރެވޭނެ އަދަދު ވެސް ކަނޑައަޅައިފަ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި އިތުރު ނުވަ އެއާޕޯޓެއް އަޅާނެ ރަށްތައް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ކަނޑައަޅުއްވައިފި އެވެ. ރައީސް އޮފީހުން ގެޒެޓްކުރި ރައީސްގެ ގަރާރުގައި ވަނީ އެ އެއާޕޯޓުތައް ހެދުމަށް އެންމެ މަދުން އިންވެސްޓް ކުރެވޭނެ އަދަދު ވެސް ކަނޑައަޅައިފަ އެވެ.

ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ދައުލަތުގެ މަންފާއަކަށް ހިންގަން ނިންމާފައިވާ މަޝްރޫއުތަކާއި އެ މަޝްރޫއު ހަވާލުކުރާ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓަށް ބަދަލު ގެނެސްފައި ވެ އެވެ.

އަލަށް ނުވަ އެއާޕޯޓެއް ހަދާނެ ރަށްތައް ގަރާރުގައި ހިމަނާފައިވާއިރު، މިހާރު މަސައްކަތް ފަށާފައިވާ އެއާޕޯޓުތައް ތަރައްގީ ކުރުމުގެ މަޝްރޫއުތައް އިތުރަށް ކުރިއަށް ގެންދަން ވެސް ރައީސް މުއިއްޒު ކަނޑައެޅުއްވި އެވެ.

އަލަށް އެއާޕޯޓު ހަދާ ނުވަ ރަށް:

1- ހއ. ދިއްދޫ

2- ށ. ދިގުވެލި

3- ށ. މިލަންދޫ

4- ނ. ވިހަފަރު

5- ރ. ފައިނު

6- އއ. މަތިވެރި

7- ފ. ނިލަންދޫ

8- ގއ. މާޅެންދޫ

9- ތ. ގުރައިދޫ

މީގެ އިތުރުން ލ. އަތޮޅުގައި ސަރުކާރުން ކަނޑައަޅާ ރަށެއްގައި ވެސް އެއާޕޯޓެއް ހަދަން ރައީސްގެ ގަރާރުގައި ވެ އެވެ.

ދެން އެ ގަރާރުގައި ވަނީ މަސައްކަތް ފަށާފައިވާ އެއާޕޯޓުތައް ތަރައްގީ ކުރުމެވެ. އެއީ ހދ. މަކުނުދު އާއި ށ. ބިލެތްފައްސާއި ރ. އަލިފުއްޓާއި ބ. ތުޅާދު އާއި ތ. ވިލުފުއްޓާއި މ. މުއްޔެވެ. އެ އެއާޕޯޓުތައް ނިންމަން ހަރަދު ކުރަންޖެހޭ އެންމެ ދަށް އަދަދަކީ ހަތަރު މިލިއަން ޑޮލަރެވެ.

މިހާރު ވެސް ހިންގަމުން އަންނަ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ފުނަދޫ އެއާޕޯޓާއި ދަރަވަންދޫ އެއާޕޯޓާއި ކުޅުދުއްފުށީ އެއާޕޯޓާއި ފުވައްމުލަކު އެއާޕޯޓު އަދި މާވަރުލު އެއާޕޯޓު އިތުރަށް ތަރައްގީ ކުރަން ވެސް ރައީސްގެ ގަރާރުގައި ވަނީ ކަނޑައަޅައިފަ އެވެ، އެ އެއާޕޯޓުތަކަށް މަދުވެގެން ހަތަރު މިލިއަން ޑޮލަރު އިންވެސްޓްކުރަން ޖެހެ އެވެ.

އޭގެ އިތުރުން ގދ. ތިނަދު އާއި ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހަދަން ހަތް މިލިއަން ޑޮލަރު، ލ. ގަމުގައި އައްސޭރި ޓޫރިޒަމް މަޝްރޫއު ހިންގަން ހަތް މިލިއަން ޑޮލަރު އަދި އައްޑޫގައި އައްސޭރި ޓޫރިޒަމް ހިންގަން 10 މިލިއަން ޑޮލަރު އިންވެސްޓް ކުރަން ވެސް ގަރާރުގައި ވެ އެވެ.

ރައީސް މުއިއްޒު މި މަހުގެ ކުރީކޮޅު ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެއާޕޯޓާ ގުޅޭގޮތުން ބައެއް ވާހަކަފުޅުތައް ދައްކަވައިފަ އެވެ. އެ އަތޮޅުގެ އެކި ރަށްތަކުން ވަނީ އެއާޕޯޓު އަޅައިދިނުމަށް އެކި ރަށްތައް ހުށަހަޅުއްވައިފަ އެވެ. އެހެންވެ، ރައީސް ވިދާޅުވީ އެއާޕޯޓް އަޅާނީ ރައްޔިތުން އެންމެ ބޭނުންވާ އަދި އެންމެ އެދޭ ގޮތަށް ކަމަށެވެ.

އެއާޕޯޓާ ގުޅޭ ގޮތުން އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދަށް އިހުތިރާމް ކުރާނެ ކަމަށާއި އެއާޕޯޓާ ގުޅޭ ގޮތުން ރައްޔިތުން ބޭނުންވާ ގޮތް ބަލައި، ރައްޔިތުން އެދޭ ކަހަލަ ތަނެއް ހަދައިދޭނެ ކަމަށް އޭރު ވިދާޅުވި އެވެ. އެއިރުން ރަށްތަކުގެ އިގުތިސޯދު ކުރިއަރައި، ވަޒީފާ އާއި އެހެން ވެސް ގިނަ ފައިދާތައް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު، އެއާޕޯޓުތައް އަޅާނެ ތަނެއް އޭރު އިއުލާން ނުކުރައްވަ އެވެ.

މިދިޔަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި ރ. އިނގުރައިދޫގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ރ. ފައިނުގައި އެއާޕޯޓް އަޅަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެންގުޅުއްވި ތަސައްވުރާ އެއްގޮތަށް އެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އިނގުރައިދޫގެ ރައްޔިތުން ބޭނުން ވަނީ ވެސް ކައިރީގައި އޮތް ފައިނުގައި އެއާޕޯޓް އަޅާށެވެ. ނަމަވެސް، ދެން ހުރި ރަށްތަކުން ވަނީ ބެރިޔަންފަރު ހިއްކައި، އިންޓަނޭޝަނަލް އެއާޕޯޓެއް އަޅައިދިނުމަށް އެދިފަ އެވެ.