Roadha Mihaaru
ދެ ކޮމަންޑޫ ގުޅާލުން މި އަހަރު ނިންމަނީ

ދެ ކޮމަންޑޫ ގުޅާލުމައި ހުއްޓިފައި ހުރި އެހެން މަޝްރޫއުތައް މި އަހަރު ނިންމަނީ

28 ފެބުރުއަރީ 2024

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި ށ. ކޮމަންޑު އާއި މި ރަށާ ކައިރީގައި އޮންނަ މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތުގެ ސްޕީޑް އަވަސްކޮށް، މި އަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ ށ. ކޮމަންޑޫން އިފްރާޒް އަލީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި ށ. ކޮމަންޑު އާއި މި ރަށާ ކައިރީގައި އޮންނަ މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތުގެ ސްޕީޑް އަވަސްކޮށް، މި އަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ރާއްޖޭގެ އުތުރަށް ކުރައްވާ ދަތުރުފުޅުގައި ކޮމަންޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ވިދާޅުވީ، މި ރަށުގައި ގިނަ މަޝްރޫއުތަކެއް ފަށައިފައި ހުރި ނަމަވެސް، އެއްވެސް މަސައްކަތެއް ނުނިމި ދިގުލައިގެން ދާތީ ކަންބޮޑުވެވަޑައިގަންނަވާނެ ކަމަށެވެ. އެހެންވެ، ހާއްސަ އިސްކަމެއް ދެއްވައިގެން މަޝްރޫއުތައް ނިންމުން އަވަސްކުރަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ރަށުގެ ތަރައްގީ އަށް ފެށިފައި ހުރި މަސައްކަތްތަކާއި އަދި ދެން ކުރަން ހުރި މަސައްކަތްތައް ވެސް ކުރިއަށް ގެންދާނެ. ރައްޔިތުން އެދޭ ގޮތަށް ތަރައްގީ މި ރަށަށް ޔަގީންކޮށްދޭނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ށ. ކޮމަންޑޫން މަރުހަބާ ކިޔުން.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ށ. ކޮމަންޑޫން މަރުހަބާ ކިޔުން.-- ފޮޓޯ: ރައީސް އޮފީސް

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުއަކީ 2022 ވަނަ އަހަރު ބޭއްވި މި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައިި-އިލެކްޝަންއާ ދިމާކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވައުދުވެ، ފެށި މަޝްރޫއެކެވެ. ގާތްގަނޑަކަށް 250 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ލަފާކުރެވޭ އެ މަޝްރޫއުގެ މަސައްކަތް އޭރު ފެށި ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން އެ މަސައްކަތް މަޑުޖައްސައިލި އެވެ.

އެ މަޝްރޫއުގެ ތެރެއިން މަތިކޮމަންޑޫގެ ބިން ހިއްކުމާ އެކު، ބޮޑު ހިލަ ޖަހައިގެން 1،500 މީޓަރުގެ ތޮށްޓެއް ގާއިމްކުރުމާއި ކޮމަންޑޫގައި 1،690 މީޓަރުގެ ޝޯ ޕްރޮކްޓެޝަން ރެކްޓިފިކޭޝަން މަސައްކަތް ވެސް ކުރަން ހަވާލުކުރި އެވެ. އަދި ކޮމަންޑު އާއި މަތިކޮމަންޑޫގެ ބިން ކޮންކްރީޓް ފާލަމަކުން ގުޅާލަން ވަނީ ޕްލޭންކޮށްފަ އެވެ. ނަމަވެސް، މި ހުރިހާ މަސައްކަތް އަދިވެސް އޮތީ މަޑުޖެހިފަ އެވެ.

ރައީސް ވިދާޅުވީ މި މަސައްކަތްތައް ދަނީ ދާން ޖެހޭ ސްޕީޑުގައި ނޫން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި ހުރިހާ މަސައްކަތެއް މި އަހަރުގެ ތެރޭގައި ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ށ. ކޮމަންޑޫން މަރުހަބާ ކިޔުން.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ށ. ކޮމަންޑޫން މަރުހަބާ ކިޔުން.-- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ވަނީ އެ މަނިކުފާނުގެ ވައުދާ އެއްގޮތަށް، ކޮމަންޑޫ ކައިރީގައި އޮންނަ ދިގުވެލިދޫގައި އެއާޕޯޓެއް އަޅައިދޭނެ ކަމުގެ ޔަގީންކަން މިއަދު ވެސް ދެއްވައިފަ އެވެ. ދިގުވެލިދޫގައި އެއާޕޯޓެއް އެޅުމަކީ 2022 ވަނަ އަހަރު ބޭއްވި މި ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އެންމެ ފުރަތަމަ ވެވަޑައިގެންނެވި ވައުދެކެވެ.

ދިގުވެލިދޫގައި އެއާޕޯޓެއް ހަދާއިރު މި އަތޮޅު މިލަންދޫގައި ވެސް އެއާޕޯޓެއް އަޅަން ރައީސް ވަނީ ވައުދުވެވަޑައިގެންފަ އެވެ. މި ދެ އެއާޕޯޓާ އެކު މި އަތޮޅުގައި ޖުމްލަ ހަތަރު އެއާޕޯޓް އޮންނާނެ އެވެ. އެއީ ފުނަދޫ އެއާޕޯޓާއި ކުރީ ސަރުކާރުން ފަށާފައިވާ ބިލެތްފަހީގެ އެއާޕޯޓާ އެކުގަ އެވެ.