Roadha Mihaaru
ހިޔާލު ތަފާތުވެފައި އޮތް އެއާޕޯޓް ފައިނަށް

ހިޔާލު ތަފާތުވެފައި އޮތް ރ. އަތޮޅުގެ ތިންވަނަ އެއާޕޯޓް ފައިނަށް

28 މާޗް 2024

ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓް އަޅާނެ ތަނަކާ މެދު ރަށްތަކުގެ މެދުގައި ހިޔާލު ތަފާތުވެފައިވަނިކޮށް، އެ އެއާޕޯޓް ރ. ފައިނުގައި އަޅަން ނިންމާފައިވާ ކަން ސަރުކާރުން ހާމަކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓް އަޅާނެ ތަނަކާ މެދު ރަށްތަކުގެ މެދުގައި ހިޔާލު ތަފާތުވެފައިވަނިކޮށް، އެ އެއާޕޯޓް ރ. ފައިނުގައި އަޅަން ނިންމާފައިވާ ކަން ސަރުކާރުން ހާމަކޮށްފި އެވެ.

ރާއްޖޭގައި އިތުރު ނުވަ އެއާޕޯޓެއް އަޅާނެ ރަށްތައް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ކަނޑައެޅުއްވި ގަރާރުގައި ރ. ފައިނު ވަނީ ހިމަނައިފަ އެވެ. ފައިނުގައި އެއާޕޯޓް އެޅުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.

ރިޔާސީ ކެމްޕެއިންގައި ރ. އިނގުރައިދޫގައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ރ. ފައިނުގައި އެއާޕޯޓް އަޅަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެންގުޅުއްވި ތަސައްވުރާ އެއްގޮތަށް އެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އިނގުރައިދޫގެ ރައްޔިތުން ބޭނުން ވަނީ ވެސް ކައިރީގައި އޮތް ފައިނުގައި އެއާޕޯޓް އަޅާށެވެ.

އިނގުރައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަމީލު ވިދާޅުވީ ފައިނުގައި އެއާޕޯޓް އެޅުމަށް އިނގުރައިދޫގެ ރައްޔިތުން އެދޭ ކަމަށާއި އެ އެއާޕޯޓް ހަގީގަތަކަށްވުމަކީ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ. ނަމަވެސް، މިއީ ރ. އަތޮޅު ދެކުނު ބިތުގެ ރަށްތަކުގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑު ކަމެކެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ރ. އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ބައެއް ރަށްރަށުން ވަނީ ފައިނުގައި އެއާޕޯޓް އެޅުމުގެ ނިންމުން ބަދަލުކޮށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައި އޮތް ގޮތަށް ބެރިޔަންފަރުފަޅުގައި އެއާޕޯޓް އަޅައިދިނުމަށް އެދިފަ އެވެ. ރ. މީދޫ އަށް ވަޑައިގެން، ކައުންސިލްއާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސަށް ހުށަހަޅާފައި ވަނީ އެއާޕޯޓް ބެރިޔަންފަރުގައި އަޅައިދިނުމަށެވެ.

"ރ. ދެކުނު އެއާޕޯޓް ވެގެންދާނީ މުޅި ރާއްޖޭގައި ވެސް ހިނގާނެ އެންމެ އޮޕަރޭޝަން ބިޒީ އެއާޕޯޓަކަށް. ސަބަބަކަށް ވަނީ ރ. ދެކުނުގައި މިއޮތް ހުރިހާ ރިސޯޓް. 14-15 ރިސޯޓް. ބ. އަތޮޅު އުތުރުބުރީގައި ހުރި ރިސޯޓްތައް. މީހުން އުޅޭ ރަށްރަށުގެ އާބާދީ، މި ހުރިހާ ކަމަކަށް ބެލިޔަސް ރ. ދެކުނު ބެރިޔަންފަރު އެއާޕޯޓް ވެގެންދާނީ ވަރަށް ވެސް ބިޒީ އެކަމުގެ ސަބަބުން ނަފާ އިތުރުވެގެންދާނެ އޮޕަރޭޝަނަކަށް،" މީދޫ ކައުންސިލްގެ ރައީސް ހަސަން ޝަރީފް ވިދާޅުވެފައިވެ އެވެ.

ފައިނުގައި އެއާޕޯޓް އަޅަން ސަރުކާރުން ނިންމާފައިވާއިރު، އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރެވޭ މިންވަރަށް ފައިނުން ޖާގަ ލިބިދާނެ ކަމާ މެދު ސުވާލު އުފެދިފަ އެވެ. ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރ. ދެކުނު ބިތުގެ އެއާޕޯޓް އަޅަން ނިންމައިފައިވާ ބެރިޔަންފަރު ހިއްކައިގެން ބޮޑު ބިމެއް ލިބެން އެބައޮތެވެ.

ބެރިޔަންފަރަކީ ވެސް ތިމާވެށީގެ ގޮތުން މުއްސަނދި ތަނަކަށް ވާއިރު އެ ތަނުގައި އެއާޕޯޓް އެޅުމާ ދެކޮޅަށް ވެސް ބައެއް މީހުން މަސައްކަތް ކުރެ އެވެ. މިދިޔަ ސަރުކާރުން ނިންމައިފައި އޮތީ ތިމާވެށި މެނޭޖް ކޮށްގެން މަޝްރޫއު ކުރިއަށް ގެންދާށެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ފައިނުގައި އެއާޕޯޓް އެޅުމަށް އައިލެންޑް އޭވިއޭޝަން ސާވިސްއާ ހަވާލު ވެސް ކުރި އެވެ. އަށް މިލިއަން ޑޮލަރު އެކަމަށް ހަމަޖައްސައި މަސައްކަތް ވެސް ފެށި ނަމަވެސް އޭރުގެ އިދިކޮޅު އެމްޑީޕީ އާއި ތިމާވެއްޓަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ފައިނުގައި އެއާޕޯޓް އަޅާނަމަ، އެ ރަށް ނެތި ގޮސް، ބޮޑު ގަސްތަކާއި ގުދުރަތީ ވެށި ނެތިގެންދާނެ ކަމަށް ބުނެ އިހްތިޖާޖު ކުރުމުން މަޝްރޫއު ހުއްޓާލީ އެވެ.

ފައިނުގައި އެއާޕޯޓް އެޅުމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަތުމުން އަދި ރައީސް ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ވެސް ފައިނުގައި އެއާޕޯޓް އެޅުމާ ދެކޮޅަށް އަޑު އުފުލަން ވަނީ ފަށައިފަ އެވެ.

ރ. އަތޮޅުގައި މިހާރު ވެސް ދެ އެއާޕޯޓް އެބަ އޮތެވެ. އެއީ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ހުޅުވި އިފުރު އެއާޕޯޓާއި މިދިޔަ ސަރުކާރުން މަސައްކަތް ފެށި ނަމަވެސް، އަދި އެއްކޮށް ނުނިމޭ އަލިފުށީ އެއާޕޯޓެވެ.

ޔާމީންގެ ވެރިކަމުގައި ފައިނުގައި އެއާޕޯޓް އަޅަން ހެދި އެންވަޔަރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ތަރައްގީގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް 5،792 ގަސް ކަނޑަންޖެހޭ ކަމަށެވެ. އެއީ އެ ރަށުގެ ގަސް ހެދިފައިވާ ސަރަހައްދުގެ 38 ޕަސެންޓެވެ. އެހެންވެ އެހާ ބޮޑު ސަރަހައްދަކުން ގަސް ކެނޑުމުން ފެންފަށަލަ އާއި ރަށުގެ ފިނިހޫނުމިނަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށާއި އެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ލިބޭނެ އެންމެ ބޮޑު ގެއްލުމަކީ ވެސް ގިނަ އަދަދެއްގެ ގަސްތައް ކެނޑުން ކަމަށް ބުންޏެވެ.

މި މަޝްރޫއު ކުރިއަށް ގެންދަން ނަގަން ޖެހޭ ގަސްތަކުގެ ތެރޭގައި ނިކަ ގަހާއި ގިނަ އަދަދެއްގެ ފުނަ ގަސް ހިމެނެ އެވެ. އެގޮތުން ފައިނުގައި ބޮޑެތި 20 ނިކަ ގަސް ހުރިއިރު އެ ގަސްތައް 20 މީޓަރަށް ވުރެ ދިގެވެ. އަދި 30 މީޓަރަށްވުރެ ދިގުވާނެ ކަމަށް ލަފާކުރެވޭ އެ ގަސްތައް އެތައް ސަތޭކަ އަހަރުވަންދެން ދުނިޔޭގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ރިޕޯޓުގައި ބުންޏެވެ. ނަމަވެސް އޭގެ ތެރެއިން އަށް ގަސް ހިމެނެނީ ސާފުކުރަންޖެހޭ ސަރަހައްދުގަ އެވެ.