Roadha Mihaaru

ފައިނުގައި އެއާޕޯޓް އަޅަން އެމްޓީސީސީއާ އަންނަ މަހު ހަވާލުކުރަނީ

ރ. ފައިނުގައި އެއާޕޯޓު އަޅަން އަންނަ މަހު އެމްޓީސީސީއާ އެކު އެގްރީމަންޓުގައި ސޮއި ކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފި އެވެ.

ފައިނުގައި އެއާޕޯޓު އަޅަން އަންނަ މަހު ހަވާލުކުރަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

23 ޖެނުއަރީ 2025

ރ. ފައިނުގައި އެއާޕޯޓު އަޅަން އަންނަ މަހު އެމްޓީސީސީއާ އެކު އެގްރީމަންޓުގައި ސޮއި ކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފި އެވެ.

ފައިނުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އަންނަ މަހު އެގްރީމެންޓުގައި ސޮއި ކުރުމަށް ފަހު، ފައިނު އެއާޕޯޓުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.

ފައިނުގައި އެއާޕޯޓު އެޅުމުން، މި ދާއިރާ އާއި މި ސަރަަަހައްދުގެ ގިނަ ރަށްތަކަށް އިގްތިސާދީ ކުރިއެރުން ލިބޭނެ ކަމަށް ރައީސް ވިދާޅުވެ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއާޕޯޓާ އެކު ގިނަ ރިސޯޓުތަކެއް މި ސަރަހައްދުގައި ހުޅުވި ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ އެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު މި ސަރަހައްދުގައި ރިސޯޓުތައް އިތުރު ކުރަން ވައުދުވެވަޑައިގެންނެވި ކަމަށެވެ. އެހެންވެ، މި އެއާޕޯޓާ އެކު ރިސޯޓުތައް އިތުރުވެ، ޓޫރިޒަމް ސީނާއަތަށް ވެސް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ވަރަށް އުއްމީދީ ގޮތެއްގައި މި އެއާޕޯޓު ނިމިގެންދާނީ. އަޅުގަނޑު ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވައުދުވެފައި ވެސް އޮންނާނެ މި ސަރަހައްދުގައި ގިނަ ރިސޯޓުތައް ހުޅުވިގެންދާނެ ކަމަށް،" ފައިނު އެއާޕޯޓުގެ މަޝްރޫއު އިއުލާންކުރައްވައި ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. ފައިނަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. ފައިނަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

"އެހެންވީމަ މި މަސައްކަތް ވަރަށް އިސްކަންދީގެން ކުރިއަށް ގެންދާނެކަން އަޅުގަނޑު ދަންނަވާލަން،"

ރައީސް ވިދާޅުވީ އެމަނިކުފާނު ފައިނަށް ދެން ވަޑައިގަންނަވާއިރު އެއާޕޯޓުގެ މަޝްރޫއު ނިމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ދެން އަޅުގަނޑު އިރާދަކުރެއްވިއްޔާ މި ރަށަށް އަންނާނީ މި އެއާޕޯޓުގެ ހުޅުވަން -- ރައީސް

ރ. އަތޮޅުގައި މިވަގުތު އެއާޕޯޓެއް އޮންނަނީ އިފުރުގައި އެކަންޏެވެ. އެކަމަކު މި އަތޮޅުގެ ގިނަ ރަށްތައް އިފުރާ ވަރަށް ދުރުވުމުގެ ސަބަބުން އިތުރު އެއާޕޯޓަކަށް ރައްޔިތުން އުއްމީދުކުރާތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ.

އެ ރަސްމިއްޔާތުގައި ރައީސް ވަނީ ފައިނުގެ ފެނާއި ނަރުދަމާގެ މަޝްރޫއު ވެސް އިފްތިތާހު ކޮށްދެއްވައިފަ އެވެ.

ފައިނުގެ ތަރައްގީއަށް ކުރައްވާނެ އިތުރު ކަންކަން ވެސް ރައީސް ވަނީ އިއުލާންކުރައްވައިފަ އެވެ. އޭގެ ތެރޭގައި އެ ރަށުގެ ހެލްތު ސެންޓަރަށް ބޭނުންވާ ކަންކަމާއި ފުޓްބޯޅަ ދަނޑެއްގެ އިތުރުން ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ވެސް ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުން އެދޭ ކަންކަން ސަރުކާރުން ވަަރަށް ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާނެ ކަަމަށެވެ. ހުރިހާ މަޝްރޫއުތަކެއް ވެސް ކުރިއަށް ގެންދާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން ކަމަށް ވެސް ވިދާޅުވި އެވެ.