Roadha Mihaaru
ކޯޓުން އަމުރު ނެރުނަސް ޣައްޒާގައި ހަމަލާތައް ކުރިއަށް

ކޯޓު އަމުރަށް ވެސް ބެލުމެއް ނެތް، ޣައްޒާގައި ހަމަލާތައް ކުރިއަށް

31 މާޗް 2024

މީގެ ފަސް މަސް ކުރިން ފެށިގެން ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލަން ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކޮށް އަދި އޭގެ ފަހުން އދ.ގެ އެންމެ މަތީ ކޯޓުން އަމުރެއް ނެރުނު ފަހުން ވެސް ހަމަލާތަކަށް މަޑުޖެހުމެއް ނާދެ އެވެ.

މީގެ ފަސް މަސް ކުރިން ފެށިގެން ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލަން ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކޮށް އަދި އޭގެ ފަހުން އދ.ގެ އެންމެ މަތީ ކޯޓުން އަމުރެއް ނެރުނު ފަހުން ވެސް ހަމަލާތަކަށް މަޑުޖެހުމެއް ނާދެ އެވެ.

އިޒްރޭލާއި ހަމާސް އިން ވެސް ވަގުތުން ހަމަލާތައް ހުއްޓާލަން ގޮވާލައި ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކޮށްފައި ވަނިކޮށް ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހަޅައިގެން ނެރުނު އަމުރެއްގައި އެހީގެ ސާމާނު ޣައްޒާއަށް ވެއްދުމުގެ ފުރުސަތު ދޭން އިޒްރޭލަށް ވަނީ އަމުރުކޮށްފަ އެވެ.

އެކަމަކު ޣައްޒާގައި މިހާރު ކިރިޔާވެސް ބޭނުންކުރެވޭ ހާލަތުގައި ހުރި ދެ ހޮސްޕިޓަލް ހިސާރުކޮށް އެ ތަންތަނުގެ ކައިރީގައި އިޒްރޭލުން ގެންދަނީ ހަމާސްއާ ދެކޮޅަށް ހަމަލާތައް ދެމުންނެވެ.

ހަމާސް އިން ބުނީ ހުކުރު ދުވަހުގެ ރޭ އިޒްރޭލުން ދިން ހަމަލާތަކުގައި ވެސް އެތައް ބަޔަކު ޝަހީދުވި ކަމަށާއި އޭގެ ތެރޭގައި އެއް ގެއަކުން 12 މީހުން ހިމެނޭ ކަމަށެވެ. މި މީހުން މަރުވީ އިޒްރޭލުން މީގެ ކުރިން ވެސް ތަކުރާރުކޮށް ހަމަލާ ދީފައިވާ ރަފަހްގަ އެވެ. ހަމަލާތަކުގައި ވެއްޓިފައިވާ ގެތަކުގެ ދަށުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް އާންމުން ކުރަމުން ދިޔައީ ފޯނުން އަލިކޮށްގެން، އަތުން ގާތައް ދުރުކުރަމުން ކަމަށް އޭއެފްޕީން ބުންޏެވެ.

އެހީގެ ސާމާނު ޣައްޒާއަށް ވެއްދުމަށް އިޒްރޭލުން ހުރަސްއަޅާތީ ވައިކުޑައިގައި ވައިގެ މަގުން އެހީ ފޯރުކޮށްދޭން މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ

އެހީގެ ސާމާނު ޣައްޒާއަށް ވެއްދުމަށް އިޒްރޭލުން ހުރަސްއަޅާތީ ވައިކުޑައިގައި ވައިގެ މަގުން އެހީ ފޯރުކޮށްދޭން މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ

އެއްވެސް އެންގުމަކަށް ތަބާނުވެ ހަމަލާތައް ކުރިއަށް ގެންދާއިރު އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫގެ ވަނީ ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާގެ އާ ބުރެއް ފެށުމަށް ހުއްދަ ދީފަ އެވެ. މި މަޝްވަރާތައް އޮންނާނީ މިސްރުގެ ވެރިރަށް ގާހިރާގަ އެވެ. މިއީ ކުރިން ގެންދިޔަ މަޝްވަރާތައް ހުއްޓުމަކަށް އައުމަށް ފަހު އަލުން ފެށުމެކެވެ.

އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ޣައްޒާއިން ކާބޯތަކެތި ހުސްވެ ހައިހޫނުކަން އާންމުވާން ފަށާފައިވާ ކަމަށާއި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ބުރާސްފަތި ދުވަހު ނެރުނު އަމުރުގައި ބުންޏެވެ. އެކަމަކު އިޒްރޭލުން ޣައްޒާގެ ހާލަތު އދ. އިން ހާމަކުރަނީ ގޯސްކޮށް ކަމަށް ބުނެ ދިފާއުވެފަ އެވެ.

"ޣައްޒާއަށް ބޭނުންވާ އަސާސީ އަދި އިންސާނީ އެހީ އެއްވެސް ލަސްކުރުމަކާ ނުލައި އަދި އެކަށީގެންވާ ގޮތުގައި ފޯރުކޮށްދެވޭނެ މަގު އިޒްރޭލުން ތަނަވަސްކޮށްދޭންޖެހޭނެ،" ދެކުނު އެފްރިކާއިން ހުށަހަޅައިގެން ނެރުނު އަމުރުގައި އައިސީޖޭ އިން ބުންޏެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހު އިޒްރޭލަށް ހަމާސް އިން ދިން ހަމަލާތަކުގައި ހާހަކަށް ވުރެ ގިނަ މީހުން މަރާލައި 250 މީހަކު ރަހީނުކުރުމާ އެކު ހަމާސް ނައްތާލަން ކަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް 32،500 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. -- އޭއެފްޕީ