Roadha Mihaaru

ހޮނިހިރު ދުވަހު ރަހީނުން މިނިވަން ނުކޮށްފި އަލުން ހަމަލާތައް ފަށާނަން: ނަތަންޔާހޫ

ކުރިން އެއްބަސްވެފައިވާ ގޮތަށް، އަންނަ ހޮނިހިރު ދުވަހުގެ މެންދުރުވުމުގެ ކުރިން ހަމާސް އިން އިޒްރޭލުގެ ރަހީނުން މިނިވަން ނުކޮށްފި ނަމަ އެއްބަސްވުން އުވާލައި އަލުން ވަރުގަދަ ހަމަލާތައް ދޭން ފަށާނެ ކަމުގެ އިންޒާރު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދު ދީފި އެވެ.

އަލުން ހަމަލާތައް ފަށާނެކަމުގެ އިންޒާރު ނަތަންޔާހޫ ދީފި

ކުރިން އެއްބަސްވެފައިވާ ގޮތަށް، އަންނަ ހޮނިހިރު ދުވަހުގެ މެންދުރުވުމުގެ ކުރިން ހަމާސް އިން އިޒްރޭލުގެ ރަހީނުން މިނިވަން ނުކޮށްފި ނަމަ އެއްބަސްވުން އުވާލައި އަލުން ވަރުގަދަ ހަމަލާތައް ދޭން ފަށާނެ ކަމުގެ އިންޒާރު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދު ދީފި އެވެ.

ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް މެދުކަނޑާލަން ފަލަސްތީނުގެ ހަމާސް އާއި އިޒްރޭލުން ވީ އެއްބަސްވުމުގެ ދަށުން އިޒްރޭލުގެ ރަހީނުންގެ ތެރެއިން ގިނަ ބަޔަކާއި އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު ވަނީ މިނިވަންކޮށްފަ އެވެ.

އެކަމަކު ހޮނިހިރު ދުވަހު މިނިވަންކުރަން ނިންމާފައިވާ ރަހީނުން މިނިވަންކުރުމުގެ މަސައްކަތް ވަކި މުއްދަތެއް ނެތި ފަސްކޮށްފައިވާ ކަމަށާއި އެއީ އެއްބަސްވުމާ އިޒްރޭލުން ހިލާފުވެ ބަޑީގެ ހަމަލާތައް ދިނުމާއި އެހީގެ ސާމާނު ޣައްޒާއަށް ވެއްދުމަށް ހުރަސްއަޅާތީ ކަމަށް ހަމާސް އިން ވަނީ ބުނެފަ އެވެ.

"އަސްކަރިއްޔާއިން ކުރީގެ ވަރުގަދަ ހަމަލާތައް އަލުން ދޭން ފަށާނެ އަދި ހަމާސް ބަލިކުރެވެންދެން އެ ހަމަލާތައް ކުރިއަށް ދާނެ،" ވީޑިއޯ ބަޔާނެއްގައި ނަތަންޔާހޫ ބުންޏެވެ.

ކެބިނެޓްގެ ހަތަރު ގަޑިއިރުގެ ބައްދަލުވުމަކަށް ފަހު ނަތަންޔާހޫ ދިން މި އިންޒާރުގައި ބުނީ އިޒްރޭލު ސިފައިން ޣައްޒާގެ އެތެރޭގެ އާއި ވަށައިގެން ޖަމާވުމަށް ވެސް މިހާރު އަންގާފައިވާ ކަމަށެވެ.

ނަތަންޔާހޫ މި އިންޒާރު ދިން އިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވެސް ވަނީ ރަހީނުން މިނިވަން ނުކޮށްފި ނަމަ ޣައްޒާއަށް އަލުން ހަމަލާދޭން ފަށާނެ ކަމަށް ބުނެފަ އެވެ. އަދި ހޮނިހިރު ދުވަހުގެ ނިޔަލަށް ހަމާސް އިން ރަހީނުން މިނިވަންކުރާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް ބުންޏެވެ.