Roadha Mihaaru
ކަރަންޓު/ފެނަށް ބިލްކުރާނީ އާދައިގެ މަހެއްގެ އެވްރެޖަށް

ރޯދަމަހުގައި ކަރަންޓާއި ފެނަށް ބިލްކުރާނީ އާދައިގެ މަހެއްގެ އެވްރެޖަށް ބަލައިގެން

31 މާޗް 2024

މި ރޯދަމަހު ކަރަންޓާއި ފެނަށް ބިލްކުރާނީ އާދައިގެ މަހެއްގެ އެވްރެޖަށް ބަލައިގެން ކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި ރޯދަމަހު ކަރަންޓާއި ފެނަށް ބިލްކުރާނީ އާދައިގެ މަހެއްގެ އެވްރެޖަށް ބަލައިގެން ކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނެފި އެވެ.

އެ އޮތޯރިޓީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ރޯދަމަހުގައި ޑޮމެސްޓިކް ކަރަންޓާއި ފެނުގެ ބިލަށް ރައްޔިތުން ބޮޑު ހޭދައެއްކުރަން ޖެހޭތީ، އެ ކަމަށް ހައްލެއް ހޯދައިދިނުމަށް އާންމު މަހެއްގައި އަރާ ވަރަށް ކަރަންޓާއި ފެނުގެ ބިލް ތައްޔާރުކުރަން މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

"މި އަހަރުގެ މާޗު މަހުގެ ކަރަންޓާއި ފެނުގެ ހިދުމަތަށް ބިލުކުރައްވާއިރު ކޮންމެ ޑޮމެސްޓިކް ކަރަންޓު އަދި ފެން މީޓަރަކުން އާންމު މަހަކާ އެއްވަރަށް ބިލްކުރެއްވުމަށް ވަނީ ނިންމައިފަ އެވެ،" އެ އިއުލާނުގައި ބުންޏެވެ.

އާންމު މަހެއްގައި ކަރަންޓާއި ފެނަށް ހޭދަކުރި އެވްރެޖު އަދަދު ބަލާފައި ވާނީ މިދިޔަ އަހަރުގެ ރޯދަމަހާއި ޑިމާންޑް މަތި އެހެން މަސްތައް އުނިކުރުމަށް ފަހު ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނީ ޑޮމެސްޓިކް ކަސްޓަމަރުންނަށް ބިލްކުރާ އިރު، މި އަހަރުގެ މާޗު މަހުގެ ބިލަށް އަރާ އަދަދާއި ރޯދަމަހުގެ ޑިސްކައުންޓުގެ ގޮތުގައި ދޭ އަދަދާއި އާންމު މަހެއްގައި އެ ކަސްޓަމަރަކު ބޭނުންކުރި އެވްރެޖު އަދަދު ބިލުން ފެންނާނެ ގޮތަށް ހިމަނަން ވެސް އާންމު ހިދުމަތްތައް ދޭ ކުންފުނިތަކަށް މިހާރު އަންގާފައިވާނެ ކަމަށެވެ.

ރޯދަމަހު ކަރަންޓާއި ފެނުގެ ބިލް ބޮޑު ނުވާނެ ގޮތަށް ކެޕް ކުރަން ނިންމާފައިވާ ކަމަށް ރައީސް އިއުލާންކުރެއްވީ މި މަހު ކުރީކޮޅު ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އޭދަފުށީގައި ބޭއްވި ޖަލްސާގަ އެވެ.

އެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ސްޓެލްކޯއިން ފެނުގެ ހިދުމަތް ދެމުން އަންނަ ރަށްރަށުން ނަގަމުން އަންނަ 30ރ. ޗާޖް އުވާލުމަށް ވެސް އެ ކުންފުންޏަށް ވަނީ އަންގައިފަ އެވެ.

މި ރޯދަމަހުން ފެށިގެން މިސްކިތްތަކުގެ ކަރަންޓު ބިލު ދެއްކުމަށް ކައުންސިލްތަކަށް ވެސް ވަނީ ލުއި ދީފަ އެވެ. މިސްކިތްތަކުގެ ކަރަންޓު ބިލު ދައްކާއިރު، މިހާރު ނަގާ ގަވަމެންޓް ރޭޓްގެ ބަދަލުގައި ދެން ޗާޖު ކުރާނީ ޑޮމެސްޓިކް ރޭޓެކެވެ.