Roadha Mihaaru
ބިލަބޮންގުން ރާއްޖެއަށް އާ ދެ މާއްދާ ކިޔަވައިދެނީ

ބިލަބޮންގު އިންޓަނޭޝަނަލްގައި ރާއްޖެއަށް އާ ދެ މާއްދާ ކިޔަވައިދެނީ

18 އެޕްރީލް 2024

ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގައި ކެމްބްރިޖްގެ ލޯވާ ސެކަންޑްރީއަށް ހާއްސަ ދެ މާއްދާ، "ވެލް-ބީންގް" އަދި "ޑިޖިޓަލް ލިޓްރެސީ" އަންނަ ދިރާސީ އަހަރު ތައާރަފްކުރަން ނިންމައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގައި ކެމްބްރިޖްގެ ލޯވާ ސެކަންޑްރީއަށް ހާއްސަ ދެ މާއްދާ، "ވެލް-ބީންގް" އަދި "ޑިޖިޓަލް ލިޓްރެސީ" އަންނަ ދިރާސީ އަހަރު ތައާރަފްކުރަން ނިންމައިފި އެވެ.

ކެމްބްރިޖްގެ ސިލަބަސް ދަށުން ވެލް-ބީންގް މާއްދާގެ އެންމެ މުހިއްމު އަމާޒަކީ ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރުކުރުމެވެ. މިގޮތުން މި މާއްދާގެ ތެރެއިން، އަމިއްލަ ނަފްސު ދެނެގަތުމާއި، ނަފްސަށް އޮންނަ އިތުބާރާއި، އަނެކުންގެ އިހްސާސްތައް ދެނެގަނެ އެ ކަންކަމަށް އިހުތިރާމްކުރުމާއި، ކުރިމަތިވާ ކަންބޮޑުވުންތަކާއި ގޮންޖެހުންތަކާއި ކުރިމަތިލާނެ ގޮތްތައް ދަރިވަރުންނަށް ދަސްކޮށްދޭނެ ކަމަށް އެ ސްކޫލުން ބުންޏެވެ.

ކެމްބްރިޖްގެ ލޯވާ ސެކަންޑްރީއަށް ހާއްސަކޮށް ކިޔަވައިދޭ ޑިޖިޓަލް ލިޓްރަސީ ކަރިކިއުލަމް ފަރުމާކޮށްފައި ވާނީ ޓެކްނޮލޮޖީއަށް ބަރޯސާވެފައިވާ ޑިޖިޓަލް ޒަމާނަށް ބޭނުންވާ ހުނަރުތަކާއި އުކުޅުތައް ދަރިވަރުންނަށް މި މާއްދާގެ ތެރެއިން ދަސްކޮށްދެވޭނެ ގޮތަށް ކަމަށް އެ ސްކޫލުން ބުންޏެވެ. މި މާއްދާގެ ކަރިކިއުލަމްގައި ދުޅަހެޔޮގޮތުގައި އިންޓަނެޓް ބޭނުންކުރުމާއި ޑިޖިޓަލް އެތިކްސް، ކޮމްޕިއުޓޭޝަނަލް ތިންކިން އަދި ކޯޑިން އާއި ބެހޭ ދާއިރާތައް ކަރިކިއުލަމްގައި ހިމެނެ އެވެ.

މި މާއްދާގައި މައްސަލަ ހައްލުކުރުމާ ގުޅޭ މަސައްކަތްތަކާއި، ޕްރޮޖެކްޓްތަކުގެ ތެރެއިން، ދަރިވަރުންނަށް މި ޑިޖިޓަލް ޒަމާނުގައި ވިސްނުން ގެންގުޅެންޖެހޭނެ ގޮތްތައް ދަސްކޮށްދޭނެ ކަމަށް އެ ސްކޫލުން ބުންޏެވެ. އަދި އީޖާދީ ވިސްނުމުގެ ތެރެއިން ޒިންމާދާރުގޮތެއްގައި ޓެކްނޮލޮޖީގެ ބޭނުންކުރަން ދަސްކޮށްދީ، ދަރިވަރުންނަކީ ހަމައެކަނި ވަސީލަތްތައް ބޭނުންކުރާ ބައެއްގެ ބަދަލުގައި އެ ދަރިވަރުންނަކީ އެފަދަ ވަސީލަތްތައް އުފައްދާ ބަޔަކަށް ހެދުމަށް ވެސް މި މާއްދާގައި މަސައްކަތްކުރާނެ ކަމަށް އެ ސްކޫލުން ބުންޏެވެ.

ބިލަބޮންގް އިންޓަނޭޝަނަލްގެ ޕްރިންސިޕަލް އިސްމާއިލް ސައުދުﷲ ވިދާޅުވީ ޑިޖިޓަލީ ކުރިއަރާފައިވާ ޒަމާނެއްގައި އިންޓަނެޓުން ލިބޭ މައުލޫމާތުތައް، ޒިންމާދާރުކޮށާއި އަމިއްލަ އުފެއްދުންތެރިކަން ކުރިއެރުވޭނެ ގޮތަކަށް ބޭނުންކުރަން އިނގުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ.

"ސްކޫލްގެ ކަރިކިއުލަމްގެ ތެރޭގައި މި ބައިތައް ހިމަނައިގެން އަޅުގަނޑުމެން ހާސިލްކުރަން ބޭނުންވާ އަމާޒަކީ، ދަރިވަރުންގެ އަމިއްލަ ނަފްސުގެ ތަރައްގީ އާއި ކުރިއެރުން ކަށަވަރުކޮށް، ކުރިއަށް އޮތްތަނުގައި ދިމާވެދާނެ ގޮންޖެހުންތަކަށް އެ ދަރިވަރުން ތައްޔާރުކުރުން،" ޕްރިންސިޕަލް ވިދާޅުވި އެވެ.

ޕްރިންސިޕަލް ވިދާޅުވި ގޮތުގައި މި ދެ މާއްދާގެ ތެރެއިން އަޅުގަނޑުމެންގެ ދަރިވަރުންނަކީ ދުނިޔޭގެ ފެންވަރުގައި ތަފާތު ދައްކުވައިދޭނެ ބަޔަކަށްވުމަކީ އެ ސްކޫލުގެ އެންމެ ބޮޑު މަގުސަދެވެ. އަދި ރާއްޖޭގައި މި މާއްދާތައް ކިޔަވައިދޭންފަށާ ފުރަތަމަ ސްކޫލަށްވުމަކީ ބިލަބޮންގް އިންޓަނޭޝަނަލް އަށް ލިބޭ ބޮޑު ފަހުރެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

ނަފްސާނީ ދުޅަހެޔޮކަން ޑިޖިޓަލް ދުނިޔެއާ ގުޅިފައިވާއިރު، މިފަދަ ދެ މާއްދާއަކީ މުހިންމު ދެ މާއްދާގެ ގޮތުގައި ބިލަބޮންގް އިންޓަނޭޝަނަލުން ސިފަކުރެ އެވެ.