Roadha Mihaaru
ގާޒާގައި ތިބި އާއިލާ ރާއްޖެ ގެނެސްދޭން އެހީއަށް އެދިއްޖެ

ގާޒާގައި ތިބި އާއިލާ ރާއްޖެ ގެނެސްދޭން، އައިޔޫއެމްގެ ޕްރެފެސަރަކު އެހީއަށް އެދިއްޖެ

31 މާޗް 2024

ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މަރުގެ އެތި ފަހަރުތަކުން ސަލާމަތްވި އާއިލާ ރާއްޖެ ގެނެސްދިނުމަށް، ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ޕްރޮފެސަރަކަށް މަސައްކަތްކުރާ އެ މީހުންގެ ބައްޕަ އެހީއަށް އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މަރުގެ އެތި ފަހަރުތަކުން ސަލާމަތްވި އާއިލާ ރާއްޖެ ގެނެސްދިނުމަށް، ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ޕްރޮފެސަރަކަށް މަސައްކަތްކުރާ އެ މީހުންގެ ބައްޕަ އެހީއަށް އެދިއްޖެ އެވެ.

އަރަބި ކިޔަވައިދޭ ޕްރޮފެސަރު، ޑރ. ހަސަން އަލް ކޯދީ "މިހާރު" އަށް މިއަދު ވިދާޅުވީ، ގާޒާގެ ރަފަހްގައި ދިރިއުޅޭ އެ އާއިލާއިން އެ ތަނުން ސަލާމަތްކުރަން ވަރަށް ގިނަ ފައިސާ ދައްކަން ޖެހޭ ކަމަށެވެ. ނަމަވެސް، މިހާތަނަށް ކުރި މަސައްކަތުން އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާގެ އަތްނބަކާއި 13-20 އަހަރާ ދެމެދުގެ ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިން އެބަތިއްބެވެ.

"ގާޒާއިން ނެރެން ބޮލަކަށް 5،000-10،000 ޑޮލަރު ދައްކަން އެބަ ބުނޭ. އެކަމަކު، އެ ފައިސާ ދެއްކޭނެ ގޮތެއް ނެތް. އަޅުގަނޑުގެ އަތުގައި ނެތް އެއްވެސް އެއްޗެއް. ހަމަލާގައި ގެދޮރު ވެސް އެއްކޮށް ސުންނާފަތިވެއްޖެ. މިކަމުގައި ކޮންމެ ވެސް ބައެއްގެ އެހީތެރިކަން ބޭނުން،" ހަސަން ވިދާޅުވި އެވެ.

ރާއްޖޭގައި މަސައްކަތްކުރާތާ އަށް އަހަރުވެފައިވާ ހަސަންގެ އާއިލާ 2018 ވަނަ އަހަރު ރާއްޖެއަށް އަ އެވެ. ނަމަވެސް، 2019 ވަނަ އަހަރުގެ ފަހުކޮޅު އެ އާއިލާއިން އެނބުރި ގާޒާއަށް ދިޔަތާ ދުވަސްކޮޅެއް ނުވެ ކޮވިޑާއެކު ބޯޑަރުތައް ބަންދުވުމުން، އެ ތަނުގައި ތާށިވީ އެވެ. އެކަމަކު ދޮއްޓަށް ހުރި ދެ ކުދިން މަތީ ތައުލީމް ހާސިލްކުރަން ފެށުމުން، އެ ކުދިން ކިޔަވާ ނިމެންދެން އެ މީހުން އަނބުރާ ނުގެނެސް މަޑުކުރީ އެވެ.

އާއިލާ ސަލާމަތްކުރެވޭތޯ މިހާރު މިސްރުގައި ހުރި ހަސަން ވިދާޅުވީ، އޭނާ މިހާރު ބަލަމުން އަންނަނީ އެ އެންމެން ވީހާ ވެސް އަވަހަކަށް ގާޒާއިން ނެރެވޭނެ ގޮތެއް ވޭތޯ ބަލާށެވެ. އެއަށްފަހު، ވިސާ ހަމަޖައްސައި ރާއްޖޭގައި ދިރިއުޅެން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

ޑރ. ހަސަން ކޯދީގެ އާއިލާއަށް އެހީ ދިނުމަށް ހުޅުވާފައިވާ ގޯފަންޑު އެކައުންޓު.

އެންމެ ދޮއްޓަށް ހުރި މޮއަޒު މަލްޓިމީޑިއާ ދާއިރާއިން ކިޔަވާ ނިންމައިފި އެވެ. މިންނާއަކީ އެނެސްތީސިއާ އަދި އިންޓެންސިވް ކެއާއަށް ހާއްސަވުމަށް ކިޔަވަމުން އަންނަ ޒުވާނަކެވެ. އަންހެނުންނަކީ ޕްރައިމަރީ ޓީޗަރެކެވެ.

އެ މީހުން މި ރޯދަ މަސް ހޭދަކުރަމުން ދަނީ، ރޯދަ ވިއްލާނެ އެއްޗެއް ނުލިބި، ހައިހޫނުކަމުގަ އެވެ. އާއިލާ ސަލާމަތުން އަނބުރާ ގެނެވޭތޯ ހަސަން އަންނަނީ އަތްފުނާއަޅަމުންނެވެ.

"ކޮންމެވެސް ގޮތަކުން އެންމެން މިތަނަށް ގެނައުމަށް މަސައްކަތް މި ކުރަނީ. ހަމަލާތައް ހުއްޓާލިއަސް އެ މީހުން ވަންނާނެ ތަނެއް ނެތް، ހަމަލާގައި ގެ ހަލާކުވެއްޖެ. މި ހަނގުރާމަ ކުރިއަށް ގޮސް، އެ މީހުންނަށް ގާޒާއިން ނުނިކުމެއްޖެނަމަ، އަޅުގަނޑަށް އެ މީހުން ފެންނާނެ ކަމެއް ނޭނގޭ. އެއީ ބޮމުގެ ހަމަލާގައި ނުވަތަ ބަނޑުހައިހޫނުކަމުގައި މަރުވެދާނެތީ."

އެ އާއިލާ ދިރިއުޅެމުން ދިޔައީ ގާޒާގެ އަލް ބްރެއިޖް ނަމަކަށް ކިޔާ ހިސާބެއްގަ އެވެ. އެހެން ނަމަވެސް، ދިރިނޫޅެވޭ ވަރަށް ގެ ހަލާކުވުމުން އެ ފަސް މީހުން ދިޔައީ، އަންހެނުންގެ މައިންބަފައިން ދިރިއުޅެމުން އަންނަ ހާން ޔުނިސްއަށެވެ. އެކަމަކު، އެ ތަނުގައި ވެސް އުޅޭނެ ތަނެއް ނެތުމުން ރަފާހް އަށް ބަދަލުވި އެވެ. އިޒްރޭލުން މިހާރު މަސައްކަތްކުރަނީ ރަފަހްއަށް ވަންނާށެވެ.

"ހަމަލާތައް ފަށައިފި ނަމަ، އާއިލާ ސަލާމަތް ނުވެދާނެ." އޭނާ ވިދާޅުވި އެވެ.