Roadha Mihaaru
މިސްކިތުން ފަންކާ ވަގަށް ގެންދިޔަ މީހާ ހައްޔަރުކޮށްފި

ތަގުވާ މިސްކިތުން ފަންކާ ވަގަށް ގެންދިޔަ މީހާ ހައްޔަރުކޮށްފި

01 އެޕްރީލް 2024

ކަޅުހުރާ މަގުން އެތެރޭގެ ގޯޅިއެއްގައި ހުންނަ ތަގުވާ މިސްކިތުން އިއްޔެ ރޭ ފަންކާއެއް ވަގަށް ގެންދިޔަ މީހާ ހައްޔަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކަޅުހުރާ މަގުން އެތެރޭގެ ގޯޅިއެއްގައި ހުންނަ ތަގުވާ މިސްކިތުން އިއްޔެ ރޭ ފަންކާއެއް ވަގަށް ގެންދިޔަ މީހާ ހައްޔަރުކޮށްފި އެވެ.

އެކަން ކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރިކަން ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން އެކްސްގައި ދެންމެ ކުރެއްވި ޕޯސްޓެއްގައި ވަނީ ކަށަވަރު ކޮށްދެއްވައިފަ އެވެ.

"މިކަން ކުރި ކަމަށް ތުހުމަތުކުރެވޭ ފަރާތް ހޯދާ ފުލުހުންގެ ބަންދަށް ވަނީ ގެނެވިފައި،" މާލޭ ސިޓީ ކައުންސިލުން އާންމުކުރި ސީސީޓީވީ ފުޓޭޖު ރީޕޯސްޓްކުރައްވާ ޝިފާން ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން އިއްޔެ ބުނި ގޮތުގައި ތަގުވާ މިސްކިތުން ތިން ރޭ މަތިން ހަތް ފަންކާ ވަނީ ވަގަށް ގެންގޮސްފަ އެވެ. އޭގެ ތެރެއިން އެއް ފަންކާ ވަގަށް ނަގައިގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކުރީ އިއްޔެ އެވެ.

އާންމުކޮށްފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، މީހަކު ވަގަށް ގެންދަނީ އެ މިސްކިތުގައި ބަހައްޓާފައި ހުރި ފަންކަލެކެވެ.

ދަރުމަވަންތަ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި ދެ ފަންކާ ވެސް މިދިޔަ ހަފުތާގައި ވަނީ ވަގަށް ގެންގޮސްފަ އެވެ.

މި ރޯދަމަހު ވަނީ މާލޭގެ ދެ މިސްކިތެއްގެ އަންހެނުން ވުޟޫ ކުރާ ބަޔަށް ވެސް ބަޔަކު ގެއްލުން ދީފަ އެވެ. ގެއްލުން ދީފައި ވަނީ ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާހާނާ ތައްޓާއި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫކުރާ ބައިގެ ފެން އިސްކުރުތަކަށެވެ. އެ މައްސަލަ ވެސް ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ.

އާންމުކޮށް ކޮންމެ ރޯދަމަހަކު ވެސް ވައްކަމުގެ މައްސަލަ ގިނަވާއިރު، ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި ރޯދަމަހުގެ 15 އާ ހިސާބަށް މާލެ ސަރަހައްދުން އެކަނި ވަނީ 110 ވައްކަމުގެ މައްސަލަ ހުށަހަޅައިފަ އެވެ.