Roadha Mihaaru
އަނެއްކާވެސް މަޝްއަރު ގްރޫޕުގެ މައްސަލަ ފެންމަތިވެއްޖެ

މި ފަހަރު ވެސް މަޝްއަރު ގްރޫޕުން ފައިސާ ނުދައްކާ މައްސަލަ ބޮޑުވެއްޖެ!

01 އެޕްރީލް 2024

މިދިޔަ އަހަރުގެ ރޯދަމަހު ވެސް ބައެއް އުމްރާވެރިންގެ ޓިކެޓަށް ފައިސާ ނުދައްކައި ލަސްކޮށް، އެންމެ ފަހުން ޗެކް ބައުންސްވި މައްސަލަ އެ ފަހަރު ފެންމަތިވި އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ފަރާތުން މި ރޯދަމަހު ވެސް އެ ކަން ތަކުރާރު ކުރުމުން ހޫނުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިދިޔަ އަހަރުގެ ރޯދަމަހު ވެސް ބައެއް އުމްރާވެރިންގެ ޓިކެޓަށް ފައިސާ ނުދައްކައި ލަސްކޮށް، އެންމެ ފަހުން ޗެކް ބައުންސްވި މައްސަލަ އެ ފަހަރު ފެންމަތިވި އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ފަރާތުން މި ރޯދަމަހު ވެސް އެ ކަން ތަކުރާރު ކުރުމުން ހޫނުވެއްޖެ އެވެ.

މަޝްއަރު ގްރޫޕްގެ ހަވާލުގައި މިދިޔަ އަހަރު ރޯދަމަހު އުމްރާ އަށް ގެންދިޔަ މީހުންނަށް ވެސް ހަމަ މި ކަހަލަ މައްސަލަތަކެއް ކުރިމަތިވި އެވެ.

މި ފަހަރުގެ މައްސަލާގައި އެ ގްރޫޕަށް ޓިކެޓް ވިއްކި އޭޖެންޓް އޭސް ޓްރެވަލްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު "މިހާރު" އަށް މިއަދު ވިދާޅުވީ މަޝްއަރު ގްރޫޕާ އެކި ގޮތްގޮތުން މުއާމަލާތް ކުރެއްވި ނަމަވެސް، އަދިވެސް ރިޓާން ޓިކެޓަށް ވާ ފައިސާ ނުލިބޭ ކަމަށެވެ. އެއީ 50 މީހުންގެ ޓިކެޓް ކަމަށް އޭނާ ވިދާޅުވި އެވެ.

ފިރާގް ވިދާޅުވީ އުމްރާގެ އަޅުކަމަށް ގޮސްފައި ތިބި މީހުންގެ މަސްލަހަތަށް ބަލައިފައި، ފައިސާ ދެއްކުމަށް އެ ގްރޫޕަށް އެކި ފަހަރު މަތިން ފުރުސަތު ދީފައިވާ ކަމަށެވެ. ނަމަވެސް ކުރިއެރުމެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އެއްވެސް އުއްމީދެއް ނެތް ފައިސާ ލިބޭނެ ކަމުގެ. އެ ފަރާތުން އޮޅުވާލަނީ،" އޭނާ ވިދާޅުވި އެވެ.

ފިރާގް ވިދާޅުވީ އެ ފައިސާ ދެއްކުމުގެ އެންމެ ފަހު މުއްދަތެއްގެ ގޮތުގައި މިއަދުގެ ނިޔަލަށް ވަގުތު ދީފައިވާނެ ކަމަށާއި އެހެންވެ މިއަދު އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ފައިސާ ނުލިބިއްޖެ ނަމަ ހުރިހާ ޓިކެޓެއް ކެންސަލް ކުރައްވާނެ ކަމަށެވެ.

"އިތުރު ގޮތެއް ނުފެނިއްޖިއްޔާ ބައުންސްވެފައި ހުރި ޗެކުތަކަށް ބަލައިފައި، މަކަރާއި ހީލަތުގެ ދައުވާ އެ ގްރޫޕާއި އެ ގްރޫޕުގެ މަސްއޫލުވެރިންގެ މައްޗައް އުފުލާނަން،" އޭނާ ވިދާޅުވި އެވެ.

މި މައްސަލާގައި މަޝްއަރު ގްރޫޕްގެ ބަހެއް ހޯދުމަށް "މިހާރު" އިން ގުޅުމުން އެ ގްރޫޕްގެ ވެރިޔާ އަލީ ފާރިޝް ކުރެއްވި މެސެޖުގައި ވިދާޅުވީ ފައިސާ ދައްކަން އެންމެ ފަހު މުއްދަތެއްގެ ގޮތުގައި އޭޖެންޓް ދީފައި ވަނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކަމަށެވެ.

ނަމަވެސް ފިރާގް އެކަން ދޮގުކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، މުއްދަތު ދިނީ މިއަދުގެ ނިޔަލަށް ކަމަށް އީމެއިލް މެދުވެރިކޮށް ވެސް އެ ގްރޫޕަށް ވާނީ އަންގައިފަ އެވެ.

"އަޅުގަނޑުމެންނަށް އޮތީ މި މަހުގެ ފަހެއްގެ ނިޔަލަށް އެކްސްޓެންޝަން ދީފައި،" ފާރިޝް ވިދާޅުވި އެވެ.

"ޓިކެޓްތައް ކެންސަލެއް ނުކުރައްވާ. އަދި ޕޭމަންޓް ކަންތައް ވީ އެންމެ އަވަހަށް އެރޭންޖު ކުރުމުގެ ކަންތައް ކުރިއަށް ދާ ވާހަކަ ދަންނަވަން."

އަލް މަޝްއަރު އުމްރާ ގުރޫޕުން މި ރޯދަމަހުގެ އުމްރާ ޕެކޭޖުގެ އަގަކީ 38،500ރ. އެވެ. އެއީ 21 ދުވަހުގެ އުމްރާގެ އަގެވެ. އޭގެ ތެރޭގައި ހިމެނެނީ މައްކާ އާއި މަދީނާގައި ތިބުމުގެ ހަރަދާއި ދެކޮޅު ޓިކެޓާއި ވިސާ އާއި ދަތުރުފަތުރު އަދި ތިން އިރުގެ ކެއުމުގެ ހަރަދެވެ.

ފްލައިޓް ޗާޓަރު ކުރުމާއި ޓިކެޓަށް ވާ ފައިސާ އަށް ދޫކުރި ދެ ޗެކް ބައުންސް ވެގެން މިދިޔަ އަހަރު ވެސް މަޝްއަރު ގްރޫޕްގެ ހަވާލުގައި ރޯދަމަހު އުމްރާ އަށް ދިޔަ ބަޔަކު ސައުދީގައި ތާށިވި އެވެ. އެއީ 138 މީހުންނެވެ. އެ މައްސަލަ ވަރަށް ބޮޑުވެ އިސްލާމިކް މިނިސްޓްރީން ވެސް ވަނީ އެ މައްސަލައިގެ ތެރެއަށް އެ ފަހަރު ވަދެފަ އެވެ.

އެ ފަހަރު އެންމެ ފަހު ވަގުތުގައި އުމްރާވެރިންނަށް ފުރޭގޮތް ވީ ޓިކެޓަށް ވާ ފައިސާގެ އެއް ބައި ދައްކައިގެން ފަހުން ފައިސާ ދައްކާ ގޮތަށް އެ ގްރޫޕުން އެއްބަސްވުމުންނެވެ.

މި އަހަރު ވެސް މި މައްސަލަ ބޮޑުވެފައި ވަނިކޮށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އަމިއްލަ ޖަމާއަތްތަކުގެ ހަވާލުގައި އުމްރާ އަށް ދާ މީހުން، އެ ޖަމާއަތްތަކަކީ އުމްރާ އަށް މީހުން ގެންދިއުމުގެ ރަސްމީ ހުއްދަ އޮތް ބައެއްތޯ ކަށަވަރުކުރުމަށް އިލްތިމާސްކުރައްވައިފަ އެވެ.