Roadha Mihaaru
މެމްބަރުކަމުގެ މުސާރަ އުނިކޮށްދޭން ނަޝީދު އެދިވަޑައިގެންފި

ގާނާގައި ދިރިއުޅުއްވާތީ މެމްބަރުކަމުގެ މުސާރަ އުނިކޮށްދޭން ނަޝީދު އެދިވަޑައިގެންފި

01 އެޕްރީލް 2024

ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް އެ މަނިކުފާނު ވާތީ، މިހާރު ސަރުކާރުން ދޭ މުސާރާ އުނިކޮށްދެއްވުމަށް، މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އެދިވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް އެ މަނިކުފާނު ވާތީ، މިހާރު ސަރުކާރުން ދޭ މުސާރާ އުނިކޮށްދެއްވުމަށް، މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އެދިވަޑައިގެންފި އެވެ.

ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވަން މިދިޔަ ޖެނުއަރީ މަހު ގާނާއަށް ދިރިއުޅުއްވަން ބަދަލުކުރެއްވި ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވީ، އެ މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގަތުމުގެ ގޮތުން ގިނަ ކަންކަން ހަމަޖައްސަން ޖެހޭ ކަމަށެވެ.

އޭގެ ތެރެއިން، ސީވީއެފް ސެކްރެޓޭރިއޭޓާ ބެހޭ ގަރާރު، ގާނާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާތީ. ހުރިހާ މަސައްކަތެއް ވެސް ވީހާ ވެސް އަވަހަކަށް ފެށޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެހެންވެ، މި މަހުން ފެށިގެން، މި ދައުރުގައި ބާކީ އޮތް މުއްދަތަށް، މެމްބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރަ އުނިކޮށްދެއްވުމަށް 19 ވަނަ މަޖިލީހުގެ ފުރަތަމަ ރައީސްކަން ކުރެއްވި ނަޝީދު އެދިވަޑައިގެންނެވި އެވެ.

މި ހިނގަމުން އަންނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު އަންނަ މަހު ހަމަވާނެ އެވެ.

މަޖިލީހުގެ މެމްބަރުންގެ އިނާޔަތް އުނިކުރިއަސް، ނަޝީދަށް މިހާރު ވެސް ކުރީގެ ރައީސުންގެ އިނާޔަތް ލިބިވަޑައިގަންނަވަ އެވެ. ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ގާނޫނުގައިވާ ގޮތުން، ކުރީގެ ރައީސަކަށް މާލީ އިނާޔަތުގެ ގޮތުގައި މަހަކު 172،000ރ. ލިބިވަޑައިގަންނަވަ އެވެ. މަޖިލިހުގެ ރައީސްގެ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ 73،000ރ. އާ އެކު، ނަޝީދަށް މަހަކު 245،000ރ. ލިބިވަޑައިގެންނެވި އެވެ.

ނަމަވެސް، މަޖިލީހުގެ ރައީސަކަށް ހަވާލުވެވަޑައިގަތުމަށް ފަހު އެ މަނިކުފާނު ވަނީ ކުރީގެ ރައީސުންގެ މާލީ އިނާޔާތުގެ ގޮތުގައި ލިބިވަޑައިގަންނަވާ 75،000ރ. އަދި ދިރިއުޅުއްވާ ތަނުގެ ހަރަދު ހަމަޖެއްސުމަށް ދޭ 10،000ރ. ގެ އިނާޔަތް އުނިކުރަން ފިނޭންސް މިނިސްޓްރީގައި 2019 ވަނަ އަހަރު އެދިވަޑައިގެންފަ އެވެ.

އެހެންވެ، އެ މަނިކުފާނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބިވަޑަގަންނަވަނީ 160،000ރ. އެވެ.