Roadha Mihaaru

ނަޝީދު ފެކްޝަންގެ އިތުރު ގަރާރެއް: މިފަހަރު އިންތިހާބަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު

ސަރުކާރުން އިންތިހާބުތަކަށް ނުފޫޒާއި ބާރު ފޯރުވަމުންދާ ކަމަށާއި އިންތިހާބުތައް އިންސާފުވެރި ކުރުމަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.

އިންތިހާބަށް ނުފޫޒު ފޯރުވާކަމަށްބުނެ މަޖިލީހަށް ގަރާރެއް
މޫސާ ރަޝީދު
މޫސާ ރަޝީދު

14 މާޗް 2023

ސަރުކާރުން އިންތިހާބުތަކަށް ނުފޫޒާއި ބާރު ފޯރުވަމުންދާ ކަމަށާއި އިންތިހާބުތައް އިންސާފުވެރި ކުރުމަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ފެކްޝަންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ފަހަކަށް އައިސް އަންނަނީ އެކި ކަންކަމުގައި ސަރުކާރަށް ފާޑު ވިދާޅުވެ ގަރާރުތައް ހުށަހަޅަމުންނެވެ.

މަޖިލީހުގައި މިއަދު ވަނީ އިންތި ހުށަހެޅުއްވި ގަރާރުގެ ފުރަތަމަ ކިޔުން އިއްވައިފަ އެވެ.

އެ ގަރާރުގައިވާ ގޮތުން މިނިވަކަމާއި އިންސާފުވެރިކަމާ އެކު އިންތިހާބުތައް ހިންގުމަކީ ގާނޫނުއަސާސީން ލާޒިމް ކުރާ ކަމަކަށްވާއިރު އެކަން ހިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެކެވެ.

އިންތިހާބުތަކުގައި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުގެ ވަސީލަތްތައް ބޭނުންކޮށްގެން ކެމްޕެއިން ހަރަކާތްތައް ފުޅާ މިނެއްގައި ހިންގާ: އިންތި

ރައީސް ކުރައްވާ ސަރުކާރުގެ ރަސްމީ ދަތުރުފުޅުތަކާއި ކެމްޕެއިން ދަތުރުފުޅުތައް އެއްކޮށްލައިގެން ކުރައްވާ ކަމަށާއި އޭގެ ބޭނުމަކީ ދައުލަތުގެ ފައިސާ އާއި ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކުރުން ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.

ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސިޔާސީ މަގާމްތައް އެތައް ގުނައަކުން އިތުރުކޮށް އިންތިހާބަށް ނުފޫޒު ފޯރުވުމަށް އެތަންތަނުން ވަޒީފާ ހުށަހަޅަމުންދާ ކަމަށާއި ސަރުކާރުން ބޭނުންވާ ކެންޑިޑޭޓަކަށް ކެމްޕެއިން ކުރުމަށް މަޖުބޫރު ކުރުވުމާއި އެގޮތަށް އަމަލުނުކޮށްފި ނަމަ ސިޔާސީ މަގާމުގައި ދެމި ނުތިބެވޭނެ ކަމުގެ އިންޒާރު ދެމުން އަންނަ ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އެސްއެމްއީ ލޯނުތައް އިއުލާންކުރުމާއި ސަރުކާރާށް ތާއީދުކުރާ ފަރާތަށް ވޯޓު ނުދީފި ނަމަ ޕްރޮޖެކްޓުތައް އަތުލާނެ ކަމުގެ އިންޒާރު ދެމުން އަންނަ ކަމަށް ވެސް އެ ގަރާރުގައި ވަނީ ތުހުމަތުކޮށްފަ އެވެ.

އެ ކަންކަމުގެ ސަބަބުން އިންތިހާބުތަކުގެ ސައްހަކަން ގެއްލި އިތުބާރު ކުޑަވެފައިވާ ކަމަށާއި ރާއްޖޭގެ ޑިމޮކްރަސީއަށް ގެއްލުންވަމުން އަންނަ ކަމަށް އެ ގަރާރުގައި ވަނީ ބުނެފަ އެވެ.

ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓާލައި އިންތިހާބު މިނިވަން ކުރުމަށްވެފައިވާ ވައުދުތަކާ އެއްގޮތަށް ސާފު ސިޔާސަތެއް ގެންގުޅުމަށް އެ ގަރާރުގައި ވަނީ ގޮވާލައިފަ އެވެ.

ނަޝީދު ފެކްޝަނުން އިއްޔެ ވެސް ވަނީ ސަރުކާރުން ބޯހިޔާވެހިކަން ފޯރު ކޮށްދިނުމަށް ވެފައިވާ ވައުދު ނުފުއްދާ ކަމަށް ބުނެ ގަރާރެއް ހުށަހަޅާފަ އެވެ. އަދި އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ހުށަހަޅާ ނަޝީދު ފެކްޝަނުން ތާއީދު ކުރެ އެވެ.