Roadha Mihaaru
"1.1 ބިލިއަންގެ މަޝްރޫއު ހިންގީ ފައިސާ ޗާޕުނުކޮށް"

ކެޕިޓަލް ހަރަދު ދަށްވުމަށް ރައީސްގެ ޖަވާބު: "1.1 ބިލިއަންގެ މަޝްރޫއު ހިންގީ ފައިސާ ޗާޕުނުކޮށް"

03 އެޕްރީލް 2024

މި ސަރުކާރުން މަޝްރޫއުތައް ހިންގަމުންދަނީ ފައިސާ ޗާޕުނުކޮށް ކަމަށް ވިދާޅުވެ، މިދިޔަ އަހަރާ އަޅާބަލާއިރު ކެޕިޓަލް ހަރަދު ދަށްވެފައިވާ ތަފާސްހިސާބުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްދު ދެއްވައިފި އެވެ.

މި ސަރުކާރުން މަޝްރޫއުތައް ހިންގަމުންދަނީ ފައިސާ ޗާޕުނުކޮށް ކަމަށް ވިދާޅުވެ، މިދިޔަ އަހަރާ އަޅާބަލާއިރު ކެޕިޓަލް ހަރަދު ދަށްވެފައިވާ ތަފާސްހިސާބުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްދު ދެއްވައިފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ މާލީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ މާޗު މަހުގެ 21 ވަނަ ދުވަހާ ހަމައަށް ކެޕިޓަލް ހަރަދަށް 3.64 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، މި އަހަރު އެ އަދަދު ވަނީ 2.06 ބިލިއަން ރުފިޔާ އަށް ވެއްޓިފައި އެވެ.

މި މުއްދަތުގައި ކެޕިޓަލް ހަރަދުގެ ތެރޭގައި ހިމެނޭ ޕީއެސްއައިޕީ އަށް ކުރި ހޭދަ ވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު، ވަރަށް ބޮޑަށް ދަށްވެފަ އެވެ. މިދިޔަ އަހަރު ޕީއެސްއައިޕީ އަށް 2.88 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މި އަހަރުގެ އެ މުއްދަތުގައި ހޭދަކޮށްފައިވަނީ 1.13 ބިލިއަން ރުފިޔާ އެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި މިރޭ ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ރައީސް ވިދާޅުވީ ޕީއެސްއައިޕީއަށް ކުރި މި ހޭދައިގެ ފަރަގަކީ ވެސް ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށެވެ.

ހިޔާ ފްލެޓް ސަރަހައްދަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރައްވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހިޔާ ފްލެޓް ސަރަހައްދަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރައްވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ޕީއެސްއައިޕީގެ މަޝްރޫއުތައް އެ މުއްދަތުގައި މިދިޔަ ސަރުކާރުން ހިންގާފައިވަނީ ދެ ބިލިއަން ރުފިޔާގެ ލޯނެއް ނަގައިގެން ކަމަށާއި ހަގީގަތުގައި ހިންގިފައިވަނީ 900 ވަރަކަށް މިލިއަން ރުފިޔާގެ މަޝްރޫއު އެވެ.

"އަޅުގަނޑުމެން ލޯނު ނުނަގައި، އޯވާޑްރާފްޓު ނުނަގައި 1.1 ބިލިއަން ރުފިޔާގެ ތަރައްގީގެ މަޝްރޫއު އެހެރީ ހިންގާފައި،" ރައީސް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުތަކުން ފަށާފައިވާ މަޝްރޫއުތަކާ އެކު 500 އަށް ވުރެ ގިނަ މަޝްރޫއު ހުއްޓައިނުލައި މި ސަރުކާރުން ހިންގަމުންދަނީ، ރައީސް ތަކުރާރުކޮށް ވިދާޅުވި ގޮތުގައި އެއްވެސް ވަރަކަށް ފައިސާ ޗާޕުނުކޮށެވެ.

އެ މަނިކުފާނު ވިދާޅުވީ ބޭރުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ފައިސާ ޖަމާކުރަން އުފައްދާފައިވާ ސަވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް)ގައި މި ސަރުކާރުން ހަވާލުވިއިރު، ހުރީ އެންމެ ދެ މިލިއަން ޑޮލަރު ކަމަށެވެ.

އެކަމަކު މި ސަރުކާރުން އިތުރު ލޯނެއް ނުނަގައި، ފައިސާ ޗާޕުނުކޮށް، މަޝްރޫއުތައް ހުއްޓައިނުލައި ކުރިއަށް ގެންދަމުން އެ ފަންޑަށް މިހާރު ވެސް 35 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ.

"މި ރޭޓުގަ ގޮސް މި އަހަރު ނިމޭއިރު، ދިވެހި ރައްޔިތުންގެ ނަމުގައި ނަގާފައިހުރި ލޯނުތައް ދެއްކުމަށް އެ އެކައުންޓުގައި 100 މިލިއަން ޑޮލަރު ހަމަވާނެ އިރާދަކުރެއްވިއްޔާ،" އެ މަނިކުފާނު ވިދާޅުވި އެވެ.

"ފައިސާ ޗާޕުނުކޮށް ލިބޭ އާމްދަނީއަކުން އަޅުގަނޑުމެން މި ގައުމު ހިންގާނީ."

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ނަތީޖާ ނެރުމަށް މަޖިލިސް އިންތިހާބު ކާމިޔާބުވުން ވަރަށް މުހިންމެވެ.

ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި މަޖިލީހުގެ ދައުރު ވަރަށް ބޮޑު ކަން ތަކުރާރުކޮށް ފާހަގަކުރައްވައި، ރައީސް ވަނީ މި މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބޮޑު އަގުލަބިއްޔަތެއް ޕީޕީއެމް/ޕީއެންސީއަށް ދިނުމަށް އެދިވަޑައިގެންފަ އެވެ.