Roadha Mihaaru
ޑްރަގް ސްޓޯރޭޖްގައި މައްސަލައެއް އުޅޭތޯ ބަލަން ދައުވަތު

ޑްރަގް ސްޓޯރޭޖްގައި މައްސަލައެއް އުޅޭތޯ ބަލަން 241 ކޮމިޓީ އަށް ދައުވަތު!

05 އެޕްރީލް 2024

ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ މަސްތުވާތަކެތި ރައްކާ ކުރާ ތަނަށް ވަޑައިގެން އެއްވެސް މައްސަލައެއް އުޅޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މެންބަރުންނަށް ދައުވަތު ދެއްވާ ކަމަށް ފުލުހުންގެ ޗީފް ސުޕްރިންޑެންޓް އަހުމަދު ޝާކިރު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ މަސްތުވާތަކެތި ރައްކާ ކުރާ ތަނަށް ވަޑައިގެން އެއްވެސް މައްސަލައެއް އުޅޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މެންބަރުންނަށް ދައުވަތު ދެއްވާ ކަމަށް ފުލުހުންގެ ޗީފް ސުޕްރިންޑެންޓް އަހުމަދު ޝާކިރު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ މަސްތުވާތަކެތި ގެއްލޭ ކަމަށް ބުނެ 241 ކޮމިޓީން މައްސަލައެއް ބަލަން ފެށުމާ ގުޅިގެންނެވެ.

އެ ކޮމިޓީ އަށް މައްސަލަ ހުށަހެޅުއްވި މައްޗަންގޮޅި ދެކުނު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ހައިތަމް ވިދާޅުވި ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި މީދާ ކައިފައިވާ ކަމާއި މަސްތުވާތަކެތި ގޮދަން ފުށަށް ބަދަލުވުމާއި ބައެއް ތަކެތިން ފުލުހުން އަލުން ވިޔަފާރި ކުރާ ކަމުގެ ވާހަކަތައް އިވިވަޑައިގަންނަވާ ކަމަށެވެ.

ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޝާކިރު ވިދާޅުވީ ފުލުހުންނާ މެދު އެފަދަ ތުހުމަތެއް ކުރިއިރު، މިހާތަނަށް 241 ކޮމިޓީ އާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑަކުން ވެސް އެ މައްސަލާގައި އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށެވެ.

"އަޅުގަނޑަށް ހީއެއް ނުވޭ އެފަދަ ތުހުމަތެއް ކުރެވޭ ނަމަ މިއަދާ ހަމައަށް ވެސް އަޅުގަނޑުމެންނާ ސުވާލު ނުކޮށް ހުންނާނެހެން،" އޭނާ ވިދާޅުވި އެވެ.

ފުލުހުން މަސްތުވާތަކެތި ރައްކާ ކޮށްފައި ހުންނަ ޑްރަގް އެންފޯސް ޑިޕާޓްމަންޓަކީ 24 ގަޑިއިރު މޮނިޓާކޮށް، އެ ތަނަށް ވަންނަ މީހުން ދެނެގަނެވޭ ގޮތަށް ހުންނަ ތަނެއް ކަމަށް ޝާކިރު ވިދާޅުވި އެވެ. ޑްރަގް ސްޓޯރޭޖަކީ ރައްކާތެރި ކަމުގެ އިތުރު ލޭޔާތަކެއް ހިމަނާފައި ހުންނަ ތަނެއް ކަމަށް ވެސް ވިދާޅުވި އެވެ.

ޝާކިރު ވިދާޅުވި ގޮތުގައި، މަސްތުވާތަކެތި ނައްތާލުމުގެ ޕްރޮސެސް ކުރިއަށް ގެންދަނީ ވެސް ވަރަށް ދެފުށް ފެންނަ ގޮތެއްގައި މީޑިއާތަކާއި އާންމުންނަށް ހުޅުވާލައިގެންނެވެ. އެ ނައްތާލާ ގަޑީގައި ބޭނުން ނަމަ ވަގުތުން ޓެސްޓު ވެސް ކުރުމުގެ ފުތުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ފަހުން ނައްތާލާފައި ވަނީ 121 ކިލޯ. ބާކީ ސްޓޮކްގައި އޭރު ހުންނާނީ 23 ކިލޯގެ މަސްތުވާތަކެތި،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ 241 ކޮމިޓީގައި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުން އެދޭ ނަމަ ސްޓޯރޭޖަށް އެ ތަންތަނުގެ ވެރިން ވަޑައިގެން މަސްތުވާތަކެތި ޓެސްޓު ކުރުމުގެ ފުރުސަތު ދިނުމަށް ވެސް ތައްޔާރަށް ހުންނެވި ކަމަށާއި އެއްވެސް ކަމެއް ސިއްރު ނުކޮށް މުޅި ޕްރޮސެސް ހާމ ކުރަން ތައްޔާރަށް ހުންނެވި ކަމަށް ވެސް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ހެޑް ޝާކިރު ވިދާޅުވި އެވެ.

"އަޅުގަނޑު 100 ޕަސެންޓު ޔަގީންކަން މި ދެނީ މި ޕްރޮސެސް ތެރޭގައި ނުކިއްސަރު އެއްވެސް ކަމެއް ނޯންނާނެ ކަން،" ޝާކިރު ވިދާޅުވި އެވެ.