Roadha Mihaaru
31 ކުއްޖަކު ގެއްލިގެން 63 ފަހަރު ހޯދަން ޖެހުނު

31 ކުއްޖަކު ގެއްލިގެން 63 ފަހަރު ހޯދަން ޖެހުނު: ފުލުހުން

07 މާޗް 2023

މިދިޔަ އަހަރާއި 2021 ވަނަ އަހަރު 31 ކުޑަކުއްޖަކު ގެއްލިގެން 63 ފަހަރު ހޯދުމުގެ މަސައްކަތްކުރަން ޖެހުނު ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިދިޔަ އަހަރާއި 2021 ވަނަ އަހަރު 31 ކުޑަކުއްޖަކު ގެއްލިގެން 63 ފަހަރު ހޯދުމުގެ މަސައްކަތްކުރަން ޖެހުނު ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ގެއްލިގެން ހޯދަމުން އަންނަ މީހުންގެ މައުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް މިއަދު ފުލުހުން ހާޒިރުކޮށް ސުވާލުކުރުމުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ، މިދިޔަ ދެ އަހަރު އެ އިދާރާއަށް ހުށަހެޅި އެކަހަލަ މައްސަލަތަކުގެ ބައެއް ތަފާސްހިސާބުތައް ހިއްސާކުރައްވައިފަ އެވެ.

އެ ކުއްޖަކު 11 ފަހަރު، ދެވަނަ ކުއްޖަކު ހަތަރު ފަހަރު ވެސް ހޯދަން ޖެހުނު: ސީޕީ

"އެއް ތިރީސް ކުއްޖަކު 63 ފަހަރު ގެއްލިގެން، އާއިލާއާ ހަވާލުކުރެވިފައިވޭ. އޭގެ ތެރެއިން ބައެއް ކުދިންނަކީ ތަކުރާރުކޮށް ގެއިން ނުކުމެގެން ގޮސް، ވީނުވީއެއް ނޭނގުނީމަ އަޅުގަނޑުމެން ފުލުހަށް މައްސަލަ ހުށަހަޅައިގެން ހޯދޭ ކުދިން،" ސީޕީ ވިދާޅުވި އެވެ.

"އެ ކުއްޖަކު 11 ފަހަރު، ދެވަނަ ކުއްޖަކު ހަތަރު ފަހަރު ވެސް ހޯދަން ޖެހުނު."

ސީޕީ ވިދާޅުވީ ދެން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ދޮށީ އުމުރުގެ މީހުން ގެއްލިގެން ކަމަށެވެ. މިދިޔަ އަހަރު އެކަހަލަ 35 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަތަކާ ގުޅޭ އިތުރު ތަފުސީލެއް ސީޕީ ނުދެއްވަ އެވެ.

މިއަދުގެ ކޮމެޓީގެ ބައްދަލުވުމުގައި ބޮޑަށް މަޝްވަރާކުރީ، މިދިޔަ މަހު ފަހެއްގައި މާލެއިން ގެއްލުނު އަހްމަދު އާސިރު، 31، ހޯދުމަށް ހިންގި ތަހުގީގުގައި ކަން ހިންގާފައިވާ ގޮތާ ގުޅޭ ގޮތުންނެވެ. އަދި މިދިޔަ މަހު އެކެއްގައި އއ. މަތިވެރިން ގެއްލުނު ހަސަން އަލީ (ހަސަންފުޅު) ހޯދަން ކުރާ މަސައްކަތާ ގުޅޭ ގޮތުން ވެސް ސުވާލުކުރި އެވެ.

ކޮމެޓީގައި ފުލުހުން ވަނީ މީހަކު ގެއްލިގެން ރިޕޯޓު ކުރުމުން ފުލުހުން ތަހުގީގު ކުރިއަށް ގެންދާ ގޮތް ތަފުސީލުކޮށް ކިޔައިދީފަ އެވެ. އާސިރު ގެއްލިގެން ރިޕޯޓު ކުރި ދުވަހުން ފެށިގެން އޭނާ ފެނުމާ ހަމައަށް ކަންތައް ވީގޮތް ފުލުހުން ކިޔައިދިނެވެ.