Roadha Mihaaru
އަސާސީ މުދަލަށް އިންޑިއާއިން ހުއްދަ އިތުރުކޮށްދީފި

އަސާސީ މުދަލަށް އިންޑިއާއިން ހުއްދަ އިތުރުކޮށްދީފި، މިފަހަރު ކުރިއަށްވުރެ ބޮޑު އަދަދެއް

05 އެޕްރީލް 2024

ރާއްޖެ އާއި އިންޑިއާއާ ދެމެދު ހަދާފައި އޮންނަ އެއްބަސްވުމެއްގެ ދަށުން، އަސާސީ މުދާ ރާއްޖެއަށް ގެނައުމަށް ދީފައިވާ މުއްދަތު ރާއްޖޭން އެދިގެން އަނެއްކާވެސް އިތުރުކޮށްދީފައިވާ ކަމަށާއި މިއީ 1981 ވަނަ އަހަރު މި އެއްބަސްވުން ހެދި ފަހުން މިހާތަނަށް ހުއްދަ ދޭ އެންމެ ބޮޑު އަދަދު ކަމަށް އިންޑިއާ ހައި ކޮމިޝަނުން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެ އާއި އިންޑިއާއާ ދެމެދު ހަދާފައި އޮންނަ އެއްބަސްވުމެއްގެ ދަށުން، އަސާސީ މުދާ ރާއްޖެއަށް ގެނައުމަށް ދީފައިވާ މުއްދަތު ރާއްޖޭން އެދިގެން އަނެއްކާވެސް އިތުރުކޮށްދީފައިވާ ކަމަށާއި މިއީ 1981 ވަނަ އަހަރު މި އެއްބަސްވުން ހެދި ފަހުން މިހާތަނަށް ހުއްދަ ދޭ އެންމެ ބޮޑު އަދަދު ކަމަށް އިންޑިއާ ހައި ކޮމިޝަނުން މިއަދު ބުނެފި އެވެ.

އިންޑިއަން ހައި ކޮމިޝަނުން ނެރުނު ބަޔާނެެއްގައި ބުނީ އެ ގައުމުން 2024-2025 ވަނަ އަހަރަށް ވެސް، ދެގައުމުގެ ދެމެދުގައި ކަނޑައަޅާފައިވާ ބާވަތްތައް ހާއްސަ އަގުތަކެއްގައި ލިބޭނެ ކަމަށެވެ. އޭގެ ތެރޭފައި ހިމެނެނީ ފިޔާ، ހަނޑޫ، ހަކުރު، ފުށް، އަލުވި، ބިސް، މުގު އަދި ހިލަ އާއި ހިލަވެލި ހިމެނެ އެވެ.

އަލަށް ދިން މުއްދަތުގައި އެތެރެކުރުމަށް ހުއްދަ ދިން އަދަދު ވެސް ވަނީ ކުރީގެ އެއްބަސްވުމުގެ އަދަދަށް ވުރެ ފަސް ޕަސެންޓަށް އިތުރުކޮށްފަ އެވެ.

ހައި ކޮމިޝަނުން ބުނީ، މި އެއްބަސްވުމުގެ މުއްދަތު އިތުރު ކުރީ، އެގައުމުގެ "ނެއިބަހުޑް ފަސްޓް ޕޮލިސީ" ގެ ދަށުން ކަމަށެވެ.

އިންޑިއާއިން ހުއްދަދީފައިވާ ބާވަތްތަކުގެ ތަފްސީލު

ބިސް: 428 މިލިއަން

އަލުވި: 21،000 މެޓްރިކް ޓަނު

ފިޔާ: 36،000 މެޓްރިކް ޓަނު

ހަނޑޫ: 124،000 މެޓްރިކް ޓަނު

ފުށް: 109،000 މެޓްރިކް ޓަނު

ހަކުރު: 64،000 މެޓްރިކް ޓަނު

މުގު: 224 މެޓްރިކް ޓަނު

ހިލަ: އެއް މިލިއަން މެޓްރިކް ޓަނު

ހިލަވެލި: އެއް މިލިއަން މެޓްރިކް ޓަނު

މިދިޔަ ސަރުކާރުން 2021 ވަނަ އަހަރު މި ބާވަތްތަކަށް އެދި ހުށަހެޅުމުން އިންޑިއާއިން ހުއްދަ ދީފައި އޮތީ ތިން އަހަރުގެ މުއްދަތަށެވެ. އެ ހުއްދަ ވަނީ މިއަހަރުގެ މާޗް މަހަށް ހަމަވެފަ އެވެ. މިފަހަރު ހުއްދަ އިތުރުކޮށްދިނީ އެއް އަހަރަށެވެ.

އިންޑިއާއިން ބައެއް ބާވަތްތައް އެކްސްޕޯޓްކުރުން މަނާކުރާ ހާލަތުގައި ވެސް، މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް އެއްވެސް ދަތިކަމެއް ނެތި ހާއްސަ އަގުތަކުގައި މި ބާވަތްތައް އަބަދުވެސް ލިބެ އެވެ.