Roadha Mihaaru
އަނިޔާގައި ބައިވެރިވި ކުއްޖެއްގެ އާއިލާއިން މާފަށް

އަނިޔާކުރުމުގައި ބައިވެރިވި ކުއްޖެއްގެ އާއިލާއިން މާފަށް އެދިއްޖެ

07 އެޕްރީލް 2024

އއ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ކުޑަކުއްޖަކަށް އަނިޔާކުރުމުގައި ބައިވެރިވި ކުއްޖެއްގެ އާއިލާއިން އެކަމަށް މާފަށް އެދިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އއ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ކުޑަކުއްޖަކަށް އަނިޔާކުރުމުގައި ބައިވެރިވި ކުއްޖެއްގެ އާއިލާއިން އެކަމަށް މާފަށް އެދިއްޖެ އެވެ.

އެ ކުއްޖާއަށް އަނިޔާކުރުމުގައި ބައިވެރިވީ 13 އަހަރާއި 14 އަހަރުގެ ދެ ފިރިހެން ކުދިންނެވެ.

އެ ކުދިންގެ ތެރެއިން 14 އަހަރުގެ ކުއްޖާގެ އާއިލާގެ މީހަކު ރޭ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާ ޝާމިލުވެގެން ހިންގި އަމަލު އާއިލާގެ ފަރާތުން ކުށްވެރިކޮށްފަ އެވެ. އަދި މި މައްސަލާގައި އަނިޔާ ލިބުނު ކުއްޖާ އަށް ލިބިފައިވާ ބިރުވެރިކަމާއި ނަފުސާނީ ގެއްލުމަކީ އުމުރުދުވަހު ހިތުގައި ހުންނާނެ ކަންތައްތަކެއްކަން ދަނެ، އެކަމާ މެދުގައި އެ އާއިލާއިން ހިތާމަކުރާ ކަމެއް ކަމަށް ބުނެފަ އެވެ.

"... އަނިޔާ ލިބުނު ކުއްޖާގެ ކިބައިންނާއި އެ ކުއްޖާގެ އާއިލާގެ ކިބައިން މިކަމާ ހިތާމަކުރާ ހާލު މާފަށް އެދެމެވެ،" އެ ޕޯސްޓުގައިވެ އެވެ.

އާއިލާގެ ފަރާތުން ފޭސްބުކްގައި އެ ޕޯސްޓު ޖަހަން ޖެހުނީ އެ އާއިލާގެ މީހަކު އަނިޔާ ލިބުނު ކުއްޖާއަށް މަރުގެ އިންޒާރުދީ ކޮމެންޓް ކުރުމުން ކަމަށް ވެސް ބުންޏެވެ.

"މިކަން މިގޮތަށް ވެއްޖެކަން މި އާއިލާއަށް އެނގުނީ ޕޭޖެއްގައި ސްކްރީންޝޮޓްތައް އާންމުކުރުމުންނެވެ. މި ސްކްރީންޝޮޓްތައް ދައުރުވާން ފެށުމުން މުޖުތަމައު އަށް މި އާއިލާ ސިފަވެފައި ވަނީ ހަނގާކުރުމަށް ހިތްވަރުދޭ އާއިލާއެއްގެ ގޮތުގައި އެވެ. އެހެން ނަމަވެސް އެ ސްކްރީންޝޮޓްތަކުގައި އޭނާ ބުނެފައިވާ ވާހަކަތަކަކީ މި އާއިލާއިން މި މައްސަލައާ މެދު ދެކޭ ގޮތެއް ނޫނެވެ،" އެ ޕޯސްޓުގައި ބުންޏެވެ.

އަނިޔާވެރިވުމަކީ އެ އާއިލާއިން ހިތްވަރުދޭ ކަމެއް ނޫން ކަމަށާއި ކުއްޖާއަށް އަނިޔާކުރުމުގައި ބައިވެރިވި، އެ އާއިލާއަށް ނިސްބަތްވާ ކުއްޖާ ދިފާއުކުރުމުގެ ގަސްތެއް ވެސް އާއިލާއިން ނުކުރާ ކަމަށް ބުންޏެވެ. އަދި އޭނާ ކުރި ކުށަށް އަދަބު ލިބެން ޖެހޭ ކަމަށް އާއިލާއިން ދެކޭ ކަމަށާއި އަދި އޭނާ އަށް އަދަބު ދިނުމަށް ކަމާބެހޭ ފަރާތްތަކަށް އާއިލާގެ ފަރާތުން ދޭން ޖެހޭ އެއްބާރުލުން ދެމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ކުއްޖާ ރަނގަޅު ގޮތުގައި މުޖުތަމައު އަށް އަލުން އަނބުރާ ނެރުމަށް އާންމުންނާއި ކަމާބެހޭ އިދާރާތަކުގެ އެއްބާރުލުން އާއިލާއިން ބޭނުންވާ ކަމަށް ވެސް އެ ޕޯސްޓުގައި ބުންޏެވެ.

އަނިޔާ ލިބުނު ކުއްޖާ އަކީ އއ. މަތިވެރީގެ ކުއްޖެކެވެ. ރަސްދު އަށް އެ ކުއްޖާ ދިޔައީ އާއިލާ އެކު ޗުއްޓީ އަށެވެ.

މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ އެ ކުއްޖާ އަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ. އެ ވީޑިއޯ އިން ފެންނަނީ މިސްކިތެއްގެ ފާހާނާގެ ތެރޭގައި ކުޑަކުއްޖަކަށް ބުލީކޮށް، އެ ކުއްޖާގެ ގައިގައި އެހެން ކުދިންތަކެއް ގޮށްމުށުންނާއި ކޮޅުފައިން ޖަހައި އަނިޔާކުރާ ތަނެވެ. އެއީ މިދިޔަ ހުކުރު ދުވަހުގެ ރޭ ތަރާވީސް ނަމާދު ގަޑީގަ އެވެ. އެ ކުއްޖާގެ ކޯމަތީގައި ވަރަށް ބާރަށް ޖެހުމުން ރޯން ވެސް ފަށަ އެވެ. އަދި ވަރަށް ހަޑިހުތުރުބަހުން އެ ކުއްޖާ ދިމާލަށް ދެން ތިބި ކުދިން އެއްޗެހި ކިޔަ އެވެ.

އަނިޔާނުކޮށް ދޫކޮށްލަން އެދި އެ ކުއްޖާ ކުޑަކަކޫ މައްޗަށް ތިރިވެ އާދޭސްކުރާ ތަން ވެސް ފެނެ އެވެ.

ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.