Roadha Mihaaru
85 ޕަސެންޓް ގޭގެއަށް ރޯދަމަހު ހިލޭ ކާޑު ފޯރުކޮށްދިން

85 ޕަސެންޓް ގޭގެއަށް ރޯދަ މަހު ހިލޭ ކާޑު ފޯރުކޮށްދީފިން: އެސްޓީއޯ

09 އެޕްރީލް 2024

ރާއްޖޭގެ ހުރިހާ ގެޔަކަށް މި ރޯދަ މަހު ބަހަން ނިންމި ހަނޑުލާއި ފުށް 85 ޕަސެންޓް ގޭބިސީ އަށް ފޯރުކޮށްދެވުނު ކަމަށް އެ އެތެރެކޮށް ޑިސްޓްރިބިއުޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ކުންފުނި، އެސްޓީއޯ އިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ ހުރިހާ ގެޔަކަށް މި ރޯދަ މަހު ބަހަން ނިންމި ހަނޑުލާއި ފުށް 85 ޕަސެންޓް ގޭބިސީ އަށް ފޯރުކޮށްދެވުނު ކަމަށް އެ އެތެރެކޮށް ޑިސްޓްރިބިއުޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ކުންފުނި، އެސްޓީއޯ އިން ބުނެފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އިއްޔެ ވިދާޅުވީ އެއީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެސްޓީއޯއިން ހަނޑުލާއި ފުށް ގެނެސްފައި ވަނީ ރާއްޖޭގައި 90،000 ގޭބިސީ ހިމެނޭ ކަމަށް ބަލައިގެން ކަމަށެވެ.

ޝިމާދު އިއްޔެ "މިހާރު" އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޝިމާދު އިއްޔެ "މިހާރު" އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އެހެންވީމަ 85 ޕަސެންޓް ގޭގެ އިން އެ ބޭނުންކުރުން އެއީ ވަރަށް ބޮޑު ތަރުހީބެއް. އަޅުގަނޑުމެން ބެލީ 60 ވަރަކަށް ޕަސެންޓް މީހުންނޭ ކާޑު ގެންދާނީ. އެކަމަކު 85 ވަރު އެ ބޭނުން ކުރީމަ އެއީ ވަރަށް ރަނގަޅަށް ދިޔަ ކަމެއް،" ޝިމާދު ވިދާޅުވި އެވެ.

ރަށްރަށަށް ފޮނުވާ ކާޑުގެ އަދަދު ކަނޑައެޅީ ކައުންސިލްތައް މެދުވެރިކޮށް އެ ރަށެއްގެ ގޭސީބީތަކުގެ އަދަދު އޮޅުންފިލުވައިގެން ކަމަށް ޝިމާދު ވިދާޅުވި އެވެ. އެހެން ނަމަވެސް، މާލޭގައި އެކަން ކުރުމަށް ދަތިތަކެއް ދިމާވުމުން، ހަނޑުލާއި ފުށް ގެނެސްފައި ވަނީ އަންދާޒާއެއްގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ރޯދަ މަސް ފެށުނު އިރު މާލޭގައި ގަލޮޅު ދަނޑު މާލޭ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާއި ބެހޭބަޔާއި މާލޭ ސޯޝަލް ސެންޓަރާއި ވިލިމާލޭ ބިއްރި މިސްކިތް ހޯލާއި ހުޅުމާލޭ ފޭސް 1 ގެ އުމަރު ޒާހިރު ބިލްޑިން އާއި ހުޅުމާލޭ ފޭސް 2 ގެ ހިޔާ ފްލެޓް ޓަވަރު 10 ގެ ޔޫތު ސެންޓަރުން ވެސް ދޫކުރި އެވެ.

އެކަމަކު މިހާރު ކާޑު ދޫކުރަނީ އެސްޓީއޯގެ ކާޑު ގުދަނުންނެވެ.

ޝިމާދު ވިދާޅުވީ، މިފަހަރު ގޭބީސީތަކަށް ބަހަނީ ވަރަށް ކޮލިޓީ ރަނގަޅު ފުށެއް ކަމަށެވެ. އެ ފުށް ގެނެސްފައި ވަނީ ލަންކާއިންނެވެ.

"އަޅުގަނޑުމެންނަށް ވަރަށް ފްރެޝްކޮށް ލިބިފައި ހުރީ. އުފެއްދިތާ ގާތްގަނޑަކަށް ހަތް ދުވަސް ތެރޭގައި މާލެ އައިސްފައި ހުރީ. ހަނޑޫ ވެސް ބާސްމަތީގެ ރަނގަޅު ކޮލިޓީއެއް،" އޭނާ ވިދާޅުވި އެވެ.

"ހަމަ ވަރަށް ކޮލިޓީ ފުށެއް މި ބެހީ. އެ ބޭނުން ކުރި މީހުންގެ ވެސް ވަރަށް ރަނގަޅު ފީޑްބެކެއް ލިބިފައި ހުރީ. އެއީ ހަގީގަތުގައި ވެސް ހަމަ ވަރަށް ރަނގަޅު ފެންވަރުގެ ފުށެއް."

ރޯދަ މަހުގެ ފުރަތަމަ ދެ ހަފްތާގައި ބެހުމަށް ފަހު ކާޑު ބެހުން އަލުން ފެށި އެވެ. އެންމެ ފަހު ދުވަހަކީ މިއަދެވެ.