Roadha Mihaaru
ފެނަކައިގެ ޗެއާޕާސަނަކަށް ޝިމާދު އައްޔަންކޮށްފި

ފެނަކައިގެ ޗެއާޕާސަނަކަށް ޝިމާދު، އިތުރު ދެ މެމްބަރަކު އައްޔަންކޮށްފި

15 ސެޕްޓެމްބަރ 2024

ފެނަކައިގެ ޗެއާޕާސަންގެ މަގާމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ހަމަޖައްސައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ފެނަކައިގެ ޗެއާޕާސަންގެ މަގާމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ހަމަޖައްސައިފި އެވެ.

ރަށްރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނީގެ ޗެއާޕާސަންގެ މަގާމަށް ޝިމާދު އައްޔަންކުރިއިރު، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހިންގުމަށްޓަކައި އަންނަނީ ތައްޔާރު ވަމުންނެވެ.

ޝިމާދުގެ އިތުރުން ޕީސީބީން ވަނީ އެސްޓީއޯގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ނިޒާމާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މާޒިން ވެސް ފެނަކައިގެ ބޯޑަށް އައްޔަންކޮށްފަ އެވެ.

އެސްޓީއޯގެ ދަށުން ފެނަކަ ހިންގަން ފަށަންދެން އިންޓެރިމް ބޯޑުގައި ހިމެނޭނީ ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯ އާއި އެންވަޔަރުމަންޓް މިނިސްޓްރީން ކަނޑައަޅާ ބޭފުޅުންނެވެ. ފެނަކަ، އެސްޓީއޯގެ ދަށަށް އެއްކޮށް ބަދަލުވުމުން އެ ކުންފުނީގެ ބޯޑު އެކުލަވައިލާނީ އެސްޓީއޯގެ ގަވަނަންސް ކޯޑާއި ސަބްސިޑަރީތަކަށް މެންބަރުން އައްޔަނުކުރާ އުސޫލުގެ ދަށުންނެވެ.

އަންނަ ޖެނުއަރީ މަހުން ފެށިގެން އެސްޓީއޯގެ ދަށުން ފެނަކަ ކުންފުނިން ހިންގަން ފެށުމުން ފެނަކައިގެ މާލީ ހާލަތު ރަނގަޅުކޮށް، އެއީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށް ވެސް މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިމާދު ވިދާޅުވި އެވެ.

އެއް ކުންފުންޏަކުން އެސްޓީއޯ އަށް މިވަގުތު އެންމެ ބޮޑު އަދަދެއްގެ ދަރަނި ދައްކަން ޖެހިފައި އޮތީ ފެނަކައިންނެވެ. ފެނަކަ އިން ތެޔޮ ގަނެގެން އެސްޓީއޯ އަށް ދެ ބިލިއަން ރުފިޔާ ދައްކަން އެބަ އޮތެވެ.

އެސްޓީއޯގެ އިތުރުން އެހެން ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާއާ އެކު ފެނަކައިގެ ދަރަނި 4.1 ބިލިއަން ރުފިޔާ އަށް އަރަ އެވެ.