Roadha Mihaaru
ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވޭ ގޮތެއް ނުވި!

ޣިޔާސުއްދީނުން އެއްބަސްވުން ބާތިލް ކުރުމުން ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވޭ ގޮތެއް ނުވި!

09 އެޕްރީލް 2024

ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަން މަސައްކަތްޕުޅު ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) އުފެއްދުމަށް މިރޭ ޣިޔާސުއްދީން ސްކޫލްގައި ބާއްވަން އުޅުނު ޖަލްސާގެ ހުއްދަ އެ ސްކޫލުން މިއަދު ހަވީރު ބާތިލް ކުރުމުން ބޭއްވޭ ގޮތެއް ނުވި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަން މަސައްކަތްޕުޅު ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) އުފެއްދުމަށް މިރޭ ޣިޔާސުއްދީން ސްކޫލްގައި ބާއްވަން އުޅުނު ޖަލްސާގެ ހުއްދަ އެ ސްކޫލުން މިއަދު ހަވީރު ބާތިލް ކުރުމުން ބޭއްވޭ ގޮތެއް ނުވި އެވެ.

ޖަލްސާ ފަށަން ތައްޔާރު ވެފައި ވަނިކޮށް، ފުލުހުން ޣިޔާސުއްދީން ސްކޫލް ކައިރި އަށް ގޮސް ގޭޓު ބަންދުކުރުމާ ގުޅިގެން ނޫސްވެރިން ސުވާލު ކުރުމުން ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ، އަމިއްލަ ފަރާތަކުން ހިންގާ އެ ސްކޫލްގެ ހޯލުގައި ޕީއެންއެފްގެ ޖަލްސާ ބާއްވަން ދިން ހުއްދަ ސްކޫލުން އަމިއްލަ އަށް ބާތިލް ކޮށްފައިވާ ކަމަށެވެ.

ޖަލްސާ ބާއްވަން ޕީއެންއެފަށް ދިން ހުއްދަ ބާތިލް ކޮށްފައިވާކަން ޣިޔާސުއްދީނުން ޕީއެންއެފަށް އެންގި ނަމަވެސް އެ ޖަލްސާ ކުރިއަށް ގެންދަން އުޅޭތީ އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ރައްކާތެރިކަމަށް އެދުމުން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ ކަމަށް ޝިފާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޣިޔާސުއްދީން ސްކޫލަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ހުށަހެޅުން ލިބުނީ މިރޭ 6:42 ގަ އެވެ.

ޝިފާން ވަނީ ޕީއެންއެފްގެ ޖަލްސާ ބާއްވަން އެ ސްކޫލުން ދިން ހުއްދަ ބާތިލްކޮށް، ޕީއެންއެފަށް އެ ސްކޫލުން ފޮނުވި އީމެއިލް ވެސް މީޑިއާއާ ހިއްސާ ކުރައްވައިފަ އެވެ. އެ އީމެއިލް ޕީއެންއެފްގެ އިސްފަރާތްތަކަށް ފޮނުވާފައި ވަނީ މިއަދު ހަވީރު 3:11 ގަ އެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބާއްވަން ނިންމާފައި އޮތީ މިރޭ 9:00 ގަ އެވެ.

ޝިފާން ވިދާޅުވީ، އެއްވުމަށް ހުރަސް އެޅީ ހުއްދަ ނެތި އެ ސްކޫލުގައި ބާއްވަން މަސައްކަތް ކުރަމުން ދިޔަ އެއްވުމެއް ހުއްޓުވައި ސުކޫލު ރައްކާތެރިކުރުމަށް މިނިސްޓްރީން އެދުމުން ކަމަށެވެ.

އެކަމާ ގުޅިގެން ޖަލްސާއަށް ޕާޓީގެ ބައެއް ސަޕޯޓަރުން ވަދެފައިވަނިކޮށް، ފުލުހުން ވަނީ އިތުރު ބަޔަކު ސުކޫލު ހޯލަށް ވަނުން މަނާކޮށް ގޭޓު ބަންދުކޮށްފަ އެވެ. ފުލުހުން ވަނީ އާންމުންނަށް ވަނުން ހުރަސް އެޅޭ ގޮތަށް ގޭޓު ކުރިމަތީގައި ސަފު ހަދައިފަ އެވެ.

ގޭބަންދުގައި ހުންނެވި ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ނިންމާފައި އޮތް ޖަލްސާއަށް ނުވަދެވުމުން، ޕާޓީގެ ބައެއް މެންބަރުން ވަނީ ފުލުހުންގެ އަމުރަށް ދެކޮޅު ހަދައި ހޯލަށް ވަނުމަށް މަސައްކަތް ކޮށްފަ އެވެ. އެ ކަމުގެ ތެރޭގައި ބައެއް މީހުންނަށް އަނިޔާވެފައިވާއިރު، ފުލުހުން ވަނީ އަމުރަށް ނުކިޔަމަންތެރިވި މީހުންނާ ދެކޮޅަށް ބާރުގެ ބޭނުން ކޮށްފަ އެވެ.

އެ ސަރަހައްދުގައި ތިބި އެ ޕާޓީގެ ސަޕޯޓަރުން ތުހުމަތު ކުރާ ގޮތުގައި ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ހުރަސް އަޅާފައިވާ ސަރުކާރުން އަންގައިގެންނެވެ.

އެ ސަރަހައްދުގައި ހުންނަވައިގެން އެ ޕާޓީގެ މުއައްސިސް އަދި ޔާމީންގެ ދަރިކަލުން ޒޭން ޔާމީން ވިދާޅުވީ، ސިޔާސީ ގޮތުން ފުލުހުންނަށް ނުފޫޒު ފޯރުވައިގެން މިގޮތަށް ޖަލްސާ އަށް ހުއްޓުވުމުން ފެންނަނީ ހުދުމުހުތާރު ވެރިކަމެއްގެ ފެށުން ކަމަށެވެ.

"ގާނޫނުއަސާސީން ލިބިދޭ ހައްގަކަށް ހުރަސް އަޅަން ޣައިރު ގާނޫނީ އަމުރަކަށް ފުލުހުން ތަބާވުމުން އަޅުގަނޑު އެކަމާ ވަރަށް ބޮޑަށް ހިތާމަ ކުރަން،" ޒޭން ވިދާޅުވި އެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ވެސް ވަޑައިގެންފައިވާއިރު، އެ ބޭފުޅުންނަށް ވެސް އެތެރެއަށް ވަދެވަޑައިގެންނެވޭ ގޮތް ވަނީ ނުވެފަ އެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބާއްވަން އިލެކްޝަން ކޮމިޝަނުން ހުއްދަ ދީފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.