Roadha Mihaaru
ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހައްގު އޮންނާނެ: ރައީސް

ކޮންމެ ބަޔަކަށް ވެސް ސިޔާސީ ޕާޓީ އުފެއްދުމުގެ ހައްގު އޮންނާނެ: ރައީސް

10 އެޕްރީލް 2024

ރާއްޖޭގައި ކޮންމެ ބަޔަކަށް ވެސް ސިޔާސީ ޕާޓީތައް އުފެއްދުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށާއި އެ ކަމަށް މަރުހަބާ ދަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ރާއްޖޭގައި ކޮންމެ ބަޔަކަށް ވެސް ސިޔާސީ ޕާޓީތައް އުފެއްދުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށާއި އެ ކަމަށް މަރުހަބާ ދަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދަވަން މަސައްކަތްޕުޅު ކުރައްވާ ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ރޭގައި ބޭއްވުމާއި އަދި އެ ޖަލްސާއާ ގުޅިގެން ހިނގި ކަންކަމާ ހެދި އެސްއޯ ފުލުހުން ނުކުތް މައްސަލާގައި މީޑިއާއާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ޕީއެންއެފްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށާއި އެ ޕާޓީ އުފައްދަން ފުރިހަމަ ކުރަންޖެހޭ ގާނޫނީ ކަންކަން ރޭ ނިންމުމުން މަރުހަބާ ވެސް ދަންނަވާ ކަމަށެވެ.

"ހަމަ ދެން ވެސް އެހެން ބަޔަކު ވެސް ސިޔާސީ ޕާޓީއެއް ހަދަން ވިޔަސް އަޅުގަނޑު މަރުހަބާ ކިޔާނަން. މި ގައުމުގައި އޮންނަން ވާނެ ފްރީޑަމް. އެކަމަށް ހުރަހެއް ނާޅާނަން. އެއީ އަޅުގަނޑުގެ ސިޔާސަތަކީ،" ރައީސް ވިދާޅުވި އެވެ.

ޕީއެންއެފް އުފައްދުމުގެ ޖަލްސާ ރޭގެ 9:00 ގައި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ހޯލްގައި ބާއްވަން އެ ސްކޫލުން ހޯލް ކުއްޔަށް ދޫކުރި ނަމަވެސް އެ އެއްބަސްވުން އިއްޔެ މެންދުރުފަހު ސްކޫލުން ބޭނުންވެގެން ބާތިލްކުރި އެވެ. ލޮޖިސްޓިކް ސަބަބުތަކާ ގުޅިގެން ކަމަށް ބުނެ ހޯލް ދޫނުކުރަން ނިންމުމުން ވެެސް ޕީއެންއެފުން ރޭ އެ ޖަލްސާ އެ ތަނުގައި ބާއްވަން މަސައްކަތް ކުރުމާ އެކު، އެސްއޯ ފުލުހުން ނުކުމެއް އެކަން ހުއްޓުވުމުގެ ތެރޭގައި ބޮޑު ހަމަނުޖެހުމެއް ހިނގި އެވެ.

ފުލުހުން ބުނެފައި ވަނީ ފުލުހުން ޣިޔާސުއްދީން ސްކޫލް ކައިރި އަށް ގޮސް އެ މީހުން ހުއްޓުވީ، ގާނޫނީ ރައްކާތެރިކަމަށް އެޑިއުކޭޝަން މިނިސްޓްރީން އެދުމުން ކަމަށެވެ.

ގައުމަށް ހަމަޖެހުން ގެނައުމުގެ ސިޔާސަތު، ސިޔާސީ މީހުންނަށް އަނިޔާ ނުކުރުމުގެ ސިޔާސަތު، ފުލުހުންގެ ބާރު ނާޖާއިޒު ގޮތުގައި ބޭނުން ނުކުރުމުގެ ސިޔާސަތު ތަންފީޒު ކުރާނަން. އެކަން ޔަގީން ކުރާނަން އަޅުގަނޑު،"--- ރައީސް

ރޭގެ ހަމަނުޖެހުމާ ގުޅިގެން ރައީސް މުއިއްޒު މިއަދު މީޑިއާތަކާ ބައްދަލުކުރައްވައި ވިދާޅުވީ، އެސްއޯ ފުލުހުން ނުކުތީ އެ މަނިކުފާނުގެ ސިޔާސަތާއި އިރުޝާދާ ހިލާފަށް ކަމަށެވެ. އެ ހަމަނުޖެހުމުގެ ކަންކަން އެނގިވަޑައިގަތީ ވެސް ނޫހުން ކަމަށާއި ވަގުތުން ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އަށް ގުޅުއްވައި އެކަން ތަހުގީގުކޮށް، މިއަދުގެ އިރުއޮއްސެންވާއިރަށް ރިޕޯޓް ފޮނުވަން އެންގެވި ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައިި، އެ ރިޕޯޓް ލިބިވަޑައިގަތުމުން އަޅުއްވަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅުއްވާނެ އެެވެ.

ރައީސް މުއިއްޒު ވަނީ އެ މަނިކުފާނުގެ ސިޔާސަތުތަކާ ހިލާފަށް ރޭ އެސްއޯ ފުލުހުން ނެރުނު މައްސަލާގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"އަޅުގަނޑު ކަނޑައެޅިގެން ދެކޮޅު ކަމެއްގައި، އަޅުގަނޑު ކަނޑައަޅައި ސާފުކޮށް އޮތް ސިޔާސަތެއް. ހޯމް މިނިސްޓަރަށް ވެސް އެނގިވަޑައިގަންނަވާނެ، ސީޕީ އަށް ވެސް އެނގިވަޑައިގަންނަވާނެ. އަދި ޖުމުލަކޮށް ހުރިހާ ފުލުހުންނަށް ވެސް އެނގޭނެ ސިޔާސަތެއް އެސްއޯ ފުލުހުން ބޭނުން ނުކުރާނެކަން. އެއާ ދެކޮޅަށް ދިޔައީމާ އަޅުގަނޑު މި ހުރީ ވަރަށް ކަންބޮޑުވެފައި،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެ ކަމާ ގުޅިގެން ފުލުހުންނަށާއި އާންމުންނަށް ވެސް އަނިޔާވެފައިވާތީ އެއީ ވަރަށް ބޮޑު ދެރައެއް ކަމަށެވެ.

ސިޔާސީ ހިޔާލުފާޅުކުރުމަށް ހުރަހެއް ނާޅާނަން

ރައީސް މުއިއްޒު މިއަދު ތަކުރާރުކޮށް ވިދާޅުވީ، ސިޔާސީ ވިސްނުމެއްގައި އުޅޭ މީހަކަށް ވެސް މި ސަރުކާރުން ފިޔަވަޅު ނާޅާނެ ކަމަށާއި ސިޔާސީ ވާހަކައެއް ދައްކައިގެން މިހާތަނަށް ވެސް ފުލުސް އޮފީހަށް މީހަކު ނުގެންދާ ކަމަށެވެ.

"ކުރިއަށް އޮތް ތާނގައި ވެސް ނުކުރާނަން. އެކަކު ވެސް ނުގެންދާނަން ފުލުސް އޮފީހަށް އެ މީހަކީ ސިޔާސީ މީހަކަށް ވެގެންނެއް. އެކަން ނުކުރާނަން އަޅުގަނޑެއް. އެހެންވީމާ ސިޔާސީ ޕާޓީއެއް އުފައްދަން ބޭނުންވީމާ އެ ކަން ކުރެވެން ވާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ޕީއެންއެފް ޖަލްސާ ބާއްވަން ހޯލެއް ނުލިބުނިއްޔާ އެހެން ގޮތެއް ވެސް ހޯދައި ދެވެން ޖެހޭނެ ކަމަށެވެ. އެކަމަކު، އެ އަށް ވުރެ ބޮޑަށް ގޯސްވީ އެ މަނިކުފާނު ނުކުރަން އަންގަވާފައިވާ ކަމެއް ފުލުހުންގެ ތެރެއިން ކޮށްގެން އުފެދުނު "ކޮންފްލިކްޓް" ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި ޖުމުލަކޮށް ހުރިހާ ފުލުހުންނަށް ވެސް އެނގޭނެ ސިޔާސަތެއް އެސްއޯ ފުލުހުން ބޭނުން ނުކުރާނެކަން. އެއާ ދެކޮޅަށް ދިޔައީމާ އަޅުގަނޑު މި ހުރީ ވަރަށް ކަންބޮޑުވެފައި،"--- ރައީސް

"އެސްއޯ ފުލުުހުން ނުގޮސް އެ މީހުންނަށް އެހެން ތަނެއް ހޯދާފައި، ސޯޝަލް ސެންޓަރު ވިޔަސް ނޫނިއްޔާ އުސްފަސްގަނޑު ވިޔަސް ނޫނިއްޔާ ރާޅުގަނޑު ސަރަހައްދު ވިޔަސް ނޫނިއްޔާ ކޮންމެ ތަނެއް ވިޔަސް ނޫނިއްޔާ ސަރުކާރުގެ ދަށުގައި ހުރި އިމާރާތަކުން ޖާގަ ދިނުން ކަމަށް ވިޔަސް. ދަރުބާރުގެ އިން ވެސް ފަހަރެއްގައި ޖާގަ ލިބިދާނެ. އެ އޮޕްޝަންތައް ހުންނާނެ ހޯދޭނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ސިޔާސީ އެއްވެސް ބައްދަލުވުމަކަށް މި ސަރުކާރުން ހުރަސް ނާޅާނެ އެވެ.

"މި ގައުމުގައި އަޅުގަނޑު މި ބޭނުންވާ ސިޔާސަތު، ގައުމަށް ހަމަޖެހުން ގެނައުމުގެ ސިޔާސަތު، ސިޔާސީ މީހުންނަށް އަނިޔާ ނުކުރުމުގެ ސިޔާސަތު، ފުލުހުންގެ ބާރު ނާޖާއިޒު ގޮތުގައި ބޭނުން ނުކުރުމުގެ ސިޔާސަތު ތަންފީޒު ކުރާނަން. އެކަން ޔަގީން ކުރާނަން އަޅުގަނޑު،" ރައީސް ވިދާޅުވި އެވެ.