Roadha Mihaaru
އީދު "ހަދިޔާ"

އީދު "ހަދިޔާ"

10 އެޕްރީލް 2024

އީދު ދުވަހުގެ ހަވީރުގެ ވަގުތެވެ. ހިފާފައި ހުރި ކުލީ ކޮޓަރިން ރޭޝަމް ނިކުތް އިރު، ގުގުމަމުން ދަނީ ފުޓްބޯޅަ މެޗެއްގެ ކޮމެންޓްރީގެ އަޑެވެ. އެ އަޑު އަންނަ ދިމާލަށް ލަސް ހިނގުމެއްގައި ގޮސް ރޭޝަމް ހުއްޓުނީ ފުޓްސަލް ދަނޑު ކައިރީގައެވެ. ވަށައިގެން މީހުންތައް ތިބީ ތޮއްޖެހިފައެވެ. ސަޕޯޓަރުންގެ ގަދަ އަޑުން މުޅި ސަރަހައްދު އޮތީ ގުގުމާލައިފައެވެ. ދަނޑުގެ ދެކުނު ފަރާތު ކަނުން ރޭޝަމް ކުޑަކޮށް ދަނޑާ ކައިރިއަށް ޖެހިލިއެވެ.

އީދު ދުވަހުގެ ހަވީރުގެ ވަގުތެވެ. ހިފާފައި ހުރި ކުލީ ކޮޓަރިން ރޭޝަމް ނިކުތް އިރު، ގުގުމަމުން ދަނީ ފުޓްބޯޅަ މެޗެއްގެ ކޮމެންޓްރީގެ އަޑެވެ. އެ އަޑު އަންނަ ދިމާލަށް ލަސް ހިނގުމެއްގައި ގޮސް ރޭޝަމް ހުއްޓުނީ ފުޓްސަލް ދަނޑު ކައިރީގައެވެ. ވަށައިގެން މީހުންތައް ތިބީ ތޮއްޖެހިފައެވެ. ސަޕޯޓަރުންގެ ގަދަ އަޑުން މުޅި ސަރަހައްދު އޮތީ ގުގުމާލައިފައެވެ. ދަނޑުގެ ދެކުނު ފަރާތު ކަނުން ރޭޝަމް ކުޑަކޮށް ދަނޑާ ކައިރިއަށް ޖެހިލިއެވެ.

"ޝައްމޫން." ރޭޝަމްއަށް އެ ނަން ތަކުރާރުކޮށް ކިޔާލެވުނެވެ.

ޖާޒީ ނަންބަރު ހަތަކަށް ކުޅެމުންދާ ޝައްމޫންއަކީ މުޅި ރަށުން ވެސް ފުޓްސަލްއަށް އެންމެ މޮޅު ކުޅުންތެރިޔާއެވެ. އޭނާ މޮޅީ ހަމައެކަނި ފުޓްސަލްއަކަށް ނޫނެވެ. ޝައްމޫންއަކީ ރަށުގެ ޒުވާން ފުރައިގެ އަންހެން ކުދިން ހިތްތައް ކަތިލަމުންދާ ފިރިހެންވަންތަ ރީތި ޒުވާނެކެވެ.

ރޭޝަމްގެ ނަޒަރު ވެސް ހުއްޓިފައި ހުރީ ޝައްމޫނަށެވެ. އޭރު އޭނާގެ ތުންފަތްމައްޗަށް ވެރިވެފައިވަނީ އާދަޔާ ހިލާފް ހިނިތުންވުމެކެވެ. ޝައްމޫންއާ ބައްދަލް ކުރުމަކީ އޭނާގެ އެންމެ ބޮޑު އަމާޒަށް ވެއްޖެއެވެ. މެޗް ނިމި، މީހުންތައް އެކި ދިމަދިމާލަށް ދިޔަ އިރުގައި ވެސް ރޭޝަމް ހުރީ އެ ހުރި ތަނުގައެވެ. ދެ އަތުގެ އިނގިލިތަކުން ނަރުދާ ގަނޑުގައި ހިފަހައްޓައިގެން އޭނާ ހުރީ ދުރުން ފެންނަ ޝައްމޫނަށް ބަލާށެވެ. ޝައްމޫންގެ ކޮންމެ ހަރަކާތަކަށް ވަކިވަކިން އޭނާއަށް ބެލެއެވެ.

ކޮޓަރިއަށް އައިސް ރޭޝަމް މަޑުކޮށްލީ ބޭރުގައި ހުރި ޖޯލިފަތީގައެވެ. އޭރު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ކުރިމަތީގައި ހުރި ގޭގެ ދޮރާ ދިމާލަށެވެ. އޭނާ އިނީ އެ ދޮރު ހުޅުވޭނެ ވަގުތަކަށް ބަލަބަލައެވެ. ކުއްލިއަކަށް އެ ގެއިން ނިކުތީ ޝައްމޫނެވެ. ކުރި އިންތިޒާރުގެ ނިމުން ގެނުވީ ވަރަށް ވެސް އުފާވެރި ކޮށެވެ. ފޯނަށް ބަލަމުން ގޮސް ޝައްމޫނު އިށީނީ ތިން ވަރަކަށް ފޫޓަށް ރާނާފައި ހުރި ފާރުބުރި މަތީއެވެ.

ވަގުތު ބޭކާރު ނުކޮށް ރޭޝަމް ތެދުވެގެން ގޮސް ޝައްމޫންގެ ކުރިމަތީގައި ހުއްޓުނެވެ. އެ ވަގުތު އޭނާ އިސް އުފުލައި ބަލައިލިއެވެ.

"ހައި،އައިމް ރޭޝަމް،" ރޭޝަމް ބުނެލިއެވެ.

ކުރިމަތީގައި ހުރި ރީތި އަންހެން ކުއްޖާއާ ދިމާލަށް ބަލައިލެވުމާއެކު ޝައްމޫންއަށް ހިނިތުން ވެވުނީ ބޭއިހްތިޔާރުގައެވެ. ރައްދުގައި ޝައްމޫން ވެސް ހައި އޭ ބުނެލިއެވެ.

"އޯކޭތަ އަހަރެން މިތާ އިށީނދެލިއަސް؟" ރޭޝަމް އަހާލީ ލަދުން ހުރެއެވެ.

ނަމަވެސް ރޭޝަމްގެ ކެރުންތެރިކަމުން ޝައްމޫނު އޭނާއާ މެދު ޝައުގުވެރި ވެއްޖެއެވެ. އެހެންވެ، އަނެއްކާ ވެސް ރޭޝަމްގެ މޫނަށް ޝައްމޫނުއަށް ބަލައިލެވުނީ ފަރުވާތެރިކަމާއެކުއެވެ.

"ޝައްމޫން ވަރަށް މޮޅު ފުޓްސަލް ކުޅެން،" މޫނުމައްޗަށް ވެއްޓިފައި އޮތް މަޑުމުށި ކުލައިގެ އިސްތަށިކޮޅު އެއްފަރާތް ކޮށްލަމުން ރޭޝަމް ބުންޏެވެ.

އޭނާ އެނގުނީ ކިހިނެއްތޯ ޝައްމޫނު އެހިއެވެ. އެ ވަގުތު ތުއި ގޮތަކަށް ރޭޝަމް ހީލިއެވެ. އަދި ވަރަށް ގަޔާވެގެން އިނދެ ޝައްމޫނުއަށް ބަލަމުން ދިޔައެވެ.

"މިރަށު ފުޓްސަލް ކިންގް ނޭނގޭނީ ކާކަށްތަ؟" ރޭޝަމް ބުންޏެވެ.

އެ ވަގުތު ރޭޝަމްއަށް އޭނާ އެނގުނީ މަޝްހޫރުކަމުން ކަން ޝައްމޫންއަށް އެނގިއްޖެއެވެ.

"ފޭސްބުކް ޕޯސްޓްތަކުން ޝައްމޫން ވަރަށް ފެނޭ." އަނެއްކާ ވެސް ވާހަކަ ދެއްކީ ރޭޝަމްއެވެ.

"އެކަމަކު... ތިއީ އަދި އަހަރެން ނުދެކޭ ކުއްޖެއް. ގައިމު ވެސް މިރަށުން ފެންނަ މޫނެއް ނޫން،" ޝައްމޫނު ބުންޏެވެ.

ރޭޝަމް އޭރު ވެސް އިނީ ކަޅި ޖަހައިނުލައި ޝައްމޫނުއަށް ބަލާށެވެ. އެހެން ދިމާލަކަށް އޭނާ ބަލައިލާ ހިތް ވެސް ނުވާ ކަހަލައެވެ.

"ރަނގަޅަށް ތި ހީވީ. އަހަންނަކީ މާލެ ކުއްޖެއް. ފިތުރު އީދުގައި ރާއްޖެތެރެއަށް ޖައްސައިލާ ހިތުން މިރަށަށް މިއައީ. ރައްޓެއްސަކު ވެސް ނެތީމަ، އެ ހުރި ގެސްޓުހައުސްގައި މި ހުންނަނީ،" ރޭޝަމް ބުންޏެވެ.

ޝައްމޫން ބުމަ ހިއްލައިލަމުން ބޯ ޖަހާލިއެވެ.

"އަހަރެން ފިޔަވައި އިތުރު ފްރެންޑެއް އަދި ބޭނުންތަ؟" ޝައްމޫނު އަހާލިއެވެ. ގާތް ގޮތަކަށެވެ.

އެ ވަގުތު ލަދުގަންނަ ކަހަލަ ގޮތަކަށް ރޭޝަމް ބޯ ހޫރާލިއެވެ. އެ ހިސާބުން ޝައްމޫނު ވަރަށް ބޮޑަށް ރޭޝަމްއާ މެދު ގަޔާވެއްޖެއެވެ. ފާރުބުރި މަތިން ފޭބުމަށްފަހު އޭނާ ދައުވަތު ދިނީ ހަނދުވަރުގެ ރިހި އަލީގައި ތުނޑިމައްޗަށް ހިނގާލަން ދިޔުމަށެވެ.

"އަނެއްކާ... އަހަންނާ އެކު ދިޔުމުން ރުޅި އަންނާނެ ވަރުގެ މީހަކު ހުންނާނެތަ؟" ޝައްމޫނު އަހާލިއެވެ.

ދުރަށް ހިނގައިގަންނަމުން ރޭޝަމް ބޯ ހޫރާލިއެވެ. އެ ވަގުތު ޝައްމޫން ދެ ޖީބަށް އަތް ޖަހައިލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.

"ނަސީބެއްނު،" ޝައްމޫން ބުންޏެވެ.

އޭނާ އެހެން ބުނެލުމުން ރޭޝަމް އަނެއްކާ ވެސް ހީލިއެވެ. އިޝާ ނަމާދު ވަގުތު ކަމުން މަގުތައް މަތީ މީހުން ވަރަށް މަދެވެ. އެއީ ވެސް ހަމަ ނަސީބެކޭ ޝައްމޫންގެ ހިތަށް އެރިއެވެ.

މިރޭ ބައިބަލާ ކުޅޭ ތަނަށް ދާނަންތޯ ޝައްމޫން އަހައިލުމާއެކު ރޭޝަމް ދެ ކޮނޑު ހިއްލާލިއެވެ.

"އަހަރެން ގާތު ޝައްމޫނު ހުރިހާ ހިނދަކު، އެއްވެސް ތާކަށް ނުދާނަން، އަހަންނަކަށް ހިއެއް ނުވެ މިއީ ކޮންމެ ކޮންމެ އަންހެން ކުއްޖަކަށް ލިބިދާނެ ވަގުތެއް ހެންނެއް،" ރޭޝަމް ބުންޏެވެ.

އޭނާ ދިން ޖަވާބުން ޝައްމޫނުއަށް ހިންދިރުވައިލެވުނެވެ. ފަރިގޮމައެއް ފަދަ އަންހެން ކުއްޖަކު އެހާ ބޮޑަށް އޭނާއާ މެދު ގަޔާވީކަން އެނގުމުން ޝައްމޫން އިންތިހާއަށް އުފާވިއެވެ. އެއްޗެއް ނުބުނެވި އުޅެނިކޮށް ރޭޝަމް ގޮސް ދޮންވެލިގަނޑު މަތީ އިށީނދެލިއެވެ. ފަހަތުން ގޮސް ޝައްމޫން ވެސް ރޭޝަމްއާ ދާދި ގާތުގައި އިށީނދެލިއެވެ. އޭރު ރޭޝަމްގެ ނަޒަރު ހުއްޓިފައި ހުރީ ގޮނޑުދޮށަށް ބީއްސަމުންދާ ރާޅުތަކާ ދިމާލަށެވެ.

"މިއަދު ވަރަށް ބާރަށް ވެއްޓުނެއްނު. ފަޔަކު ނުރިއްސާތަ؟" ރޭޝަމް އަހާލިއެވެ.

އޭނާގެ ސުވާލުން ޝައްމޫނުއަށް ހިނިތުން ވެވުނެވެ. ބޯ އަރިކޮށްލަމުން ރޭޝަމްގެ މޫނަށް އޭނާއަށް ބަލައިލެވުނީ ހެވިފައި އިނދެއެވެ.

"އެތައް ސަތޭކަ މީހުންނަށް ގައިމު އެ މަންޒަރު ފެންނާނެ. އަހަންނާމެދު ތިހާ ހަމްދަރުދީ ވި އިތުރު މީހަކު ގައިމު ނެތް. އެއްވެސް މީހަކު އަހަރެން އޯކޭތޯއެއް ނުބަލަ، އަސްލު ވެސް ރޭޝަމް ވަރަށް ތަފާތު. ޔޫ އާ ސޯ ކެއަރިން،" ޝައްމޫން ބުންޏެވެ.

"ވެދާނެ ލައިކް ވާތީ ކަމަށް." ރޭޝަމް ބުންޏެވެ.

ޝައްމޫންގެ ހިތް އަވަސް ވެގެން ދިޔައެވެ. ދާދި ގާތުގައި އިން ރީތި އަންހެން ކުއްޖާއާ އިތުރަށް ގާތްވެލާ ހިތްވިއެވެ. އެހެންވެ އޭނާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ރޭޝަމްގެ އަތުގައި ހިފާލިއެވެ.

"އަނެއްކާ... އޯކޭތަ؟ އަތުގައި ހިފާލުން އެއީ މައްސަލައެއްތަ؟" ޖެހިލުންވެފައި އިނދެ ޝައްމޫން އަހާލިއެވެ.

އެ ވަގުތު އިސްޖަހާލުމަށްފަހު ރޭޝަމް ތުއި ގޮތަކަށް ހީލިއެވެ. އެ ހީލުމުގެ މާނައަކީ މައްސަލައެއް ނެތްކަމުގައި ޝައްމޫން ނިންމިއެވެ.

"ދެން ބުނެބަލަ، ތިހާ ހޮޓް މީހަކު ހަމަ މީހަކާ ރައްޓެއްސެއް ނުވަންތަ؟" ރޭޝަމް ބުންޏެވެ.

ޝައްމޫން ވަގުތުން އެ ކަމަށް އިންކާރު ކުރިއެވެ. ރޭޝަމް ފަދައިން އެތައް އަންހެން ކުދިންނެއް އޭނާއާ ވާހަކަ ދައްކަން މަސައްކަތް ކުރާ ކަމަށް ބުންޏެވެ. އަދި ރައްޓެހިވާން ވެސް އަހާ ކަމަށް ބުންޏެވެ.

"ދެން ކީއްވެ އަހަންނަށް މި ވަގުތުކޮޅު ތި ދިނީ؟" ޝައުގުވެރިކަމާއެކު ރޭޝަމް އެހިއެވެ.

ރައްދުގައި ޝައްމޫނު ޖަހައިލީ ހިނިގަނޑެކެވެ.

"ނޭނގެ ކީއްވެ ކަމެއް. އަހަންނަށް ރޭޝަމް ވަރަށް ކަމުހިނގައްޖެ." ރޭޝަމްގެ މޫނާ މޫނު ކައިރި ކޮށްލަމުން ޝައްމޫން ބުންޏެވެ.

އެ ވަގުތު ރޭޝަމް ދުރަށް ޖެހިލީ މީހަކަށް ފެނިދާނެ ކަމަށް ބުނަމުންނެވެ. އަދި ހާމަކަން ބޮޑު ތަނެއްގައި އެހާ ކައިރިން އުޅެން އޭނާ ޖެހިލުންވާ ކަމަށް ވެސް ބުންޏެވެ.

"އެހެންވިއްޔާ އަހަންނާއެކު އަހަރެންގެ ރޫމަށް ދާން ކެރިދާނެތަ؟" ޝައްމޫނު އެހިއެވެ.

ޝައްމޫނުގެ އާދޭހަށް ރޭޝަމް އެއްބަސް ވެއްޖެއެވެ. ޝައްމޫނު ހުރީ އޭރު ވެސް ކެތްމަދު ވެފައި ކަހަލަ ގޮތަކަށެވެ. ގޭ މީހުން ކުޅިވަރު ބަލަން ނިކުންނަ ގަޑީގައި އެ ގެއަށް އައުމަށް ޝައްމޫނު އެދުނެވެ. ރޭޝަމް ވަގުތުން އެއްބަސް ވިއެވެ.

ރޭޝަމް އިނީ ޖޯލިފަތީގައި ޝައްމޫނުގެ އިންތިޒާރުގައެވެ. އެ ގޭ އެންމެން ކުޅިވަރު ބަލަން ނިކުމެގެން ދިޔައީ ވެސް އޭނާގެ ކުރިމަތިންނެވެ. އޭރު އޭނާއަށް ބަލަހައްޓައިގެން އެ ގޭ ދޮރުމަތީގައި ޝައްމޫނު ހުއްޓެވެ. މަގުގެ ދެކޮޅު ރަނގަޅަށް ބަލައިލުމަށްފަހު އޭނާ ރޭޝަމްއަށް ހަނާ އަޅައިލިއެވެ. ދެ ލޯ ކުޑަކޮށްލަމުން ރޭޝަމް އެ ދިމާލަށް ހިނގައިގަތެވެ.

ކޮޓަރިއަށް ވަދެވުމާއެކު އަވަސް އަރުވާލުމަށްފަހު ޝައްމޫން، ރޭޝަމްގެ ހިމަ އުނަގަނޑުގައި ދެ އަތުން ހިފާލިއެވެ.

"ދުވަހަކު ވެސް ނުދަންނަ މީހަކާ ތިހާ ގާތް ވާން ކެރޭތަ؟" ޝައްމޫނުގެ މޭ މަތީގައި ދެ އަތް ޖައްސާލަމުން ރޭޝަމް ސުވާލު ކުރިއެވެ.

"އެހެންތަ؟ ނުދަންނަންތަ؟ އަދިވެސް ހަމަ ނުދަންނަންތަ؟" މަޖާ ރާގެއްގައި ޝައްމޫނު ބުނެލިއެވެ.

ރޭޝަމްގެ ހިމަތޮޅި ހަށިގަނޑު ގެނެސް އޭނާގެ ގައިގައި ޖައްސާލިއެވެ. އޭރު ވެސް ރޭޝަމްގެ މޫނުމަތިން ފެންނަނީ އުފާވެރި ކަމާއި ތާޒާކަމެވެ. އޭނާ ހުރީ އިންތިހާއަށް ހިތްހަމަ ޖެހިފައިކަން ޝައްމޫނުއަށް ވެސް އެނގުނެވެ.

"އަހަންނަށް އަސްލު ޝައްމޫނު ވަރަށް ކަމުހިނގައްޖެ. އެހެންވެ އިހްތިޔާރުން ބޭރު ވެވެނީ،" ޝައްމޫނުގެ ބޮލުގެ އިސްތަށިގަނޑުގައި ބާރަށް ހިފަހައްޓާލަމުން ރޭޝަމް ވާހަކަ ދެއްކިއެވެ.

ޝައްމޫންއަކަށް މަޑަކުން ނުހުރެވުނެވެ. ރޭޝަމް ލައިގެން ހުރު ހުދު ކުލައިގެ ކުރުތާ ބޭލުވީ ވެސް އޭނާގެ ދެ އަތުންނެވެ. އިތުރަށް އެންމެ މިނެޓަކު ވެސް އޭނާއަކަށް ކެތެއް ނުކުރެވުނެވެ. ރޭޝަމްގެ ދެ އަތުގައި ހިފައި އެނދުމައްޗަށް އޭނާ ވައްޓާލިއެވެ.

ގަޑިން 12 ޖަހާ ބޮޑުވި އިރު ވެސް ރޭޝަމް އޮތީ ޝައްމޫނު ކައިރީގައެވެ. އަދިވެސް ހިތް ނުފުރޭ ކަމުގައި ޝައްމޫނު ބުނަމުން ދާތީ، އޭނާ އުފާ ކޮށްދިނުމުގައި ރޭޝަމް ފަތިސް ވަންދެން އެ ކޮޓަރީގައި އޮތެވެ.

"މާދަމާ ރޭ ވެސް... އަންނާނަންދޯ؟" ޝައްމޫން އެހިއެވެ.

އެނދުމަތީ އިނދެ، ރޭޝަމް ހެދުން ލިއެވެ. އަދި އަވަސް އަވަހަށް ބޯ ރީތި ކޮށްލަމުން އާނއެކޭ ބުންޏެވެ.

"އާހް... އަދިވެސް ފޮނުވާލާ ހިތެއް ނުވެ. އަދި އާދެބަލަ،" ޝައްމޫން އެދުނެވެ.

ނަމަވެސް އިރު އަރަން ވާއިރަށް އެ ގެއިން ނިކުންނަން ޖެހޭނެ ކަމަށް ބުނެ ރޭޝަމް އިތުރަށް މަޑު ކުރާ ހިޔާލެއް ނުކުރިއެވެ. އޭނާ ދިޔުމުން ޝައްމޫނު އެނދުމައްޗަށް ވެއްޓިގަތީ ވަރުބަލި ވެގެންނެވެ.

ޖެހިގެން އައި ދުވަހެވެ. ޝައްމޫނު ތެދުވި އިރު މެންދުރު ވެއްޖެއެވެ. ލޯ ހުޅުވައިލެވުމާއެކު ފުރަތަމަ ވެސް ހަނދާނަށް އައީ ރޭޝަމްއެވެ. އޭނާ އަވަހަށް ތެދުވެގެން ގޮސް ގޭ ދޮރުމަތީގައި ހުއްޓުނެވެ. ރޭޝަމްގެ ފޯނު ނަންބަރު ނުނެގޭކަން ވެސް ހަނދާންވީ ދެނެވެ.

ހަވީރު ވަންދެން ޝައްމޫނު ގޭ ދޮރުމަތީގައި ރޭޝަމްއަށް އިންތިޒާރު ކުރިއެވެ. ނަމަވެސް ރޭޝަމްގެ އެއްވެސް ހިލަމެއް ނުވިއެވެ. އެހެންވެ، އިތުރަށް ކެތް ނުކުރެވިގެން އޭނާ ގޮސް ގެސްޓު ހައުސްއަށް ވަނެވެ. އަދި ރޭޝަމްއާ ބެހޭ ގޮތުން ސުވާލު ކުރިއެވެ. ލިބުނު ޖަވާބުން އޭނާ ހައިރާންވިއެވެ. ރޭޝަމް ކިޔާ ކުއްޖަކު އެ ތަނަށް ނާންނަ ކަމުގައި އެ މީހުން ބުންޏެވެ. ގަބޫލު ނުކުރެވިގެން ޝައްމޫން އެ މީހުންނަށް ކިޔައިދިނީ ރޭޝަމް ހުންނަ ގޮތެވެ. އެންމެ ބޮޑަށް ފާހަގަ ކުރެވޭ ކަމަކަށް ޝައްމޫނު ބުނީ ރޭޝަމްގެ ބޮލުގެ އިސްތަށިގަނޑުގައި ހުންނަ މަޑުމުށި ކުލައިގެ ވާހަކައެވެ.

"އޯހް، ތި ކުއްޖާ ދޯ؟ އެއީ ނަދާ ކިޔާ ކުއްޖެއް! އޭނަ މިއަދު ހެނދުނު ފްލައިޓުން މާލެ ހިނގައްޖެ،" ރިސެޕްޝަނިސްޓު ބުންޏެވެ.

އެ ތަނުން ޝައްމޫނު ނިކުތީ މާޔޫސްކަމާއެކުއެވެ. އެންމެ ރެޔަކުން، އޭނާގެ ހިތް ކަތިލުމަށްފަހު، އަރާމާއި އުފާ ދީފައި، ރޭޝަމް އެ ދިޔައީ އަންގައި ވެސް ނުލައެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ޝައްމޫނު ގެއާ ދިމާލަށް ހިނގައިގަތެވެ. ރޭޝަމް ނަން ބަދަލު ކޮށްގެން އޭނާއާ ގުޅުމެއް އުފެއްދީ ކީއްވެ ބާވައޭ އޭރު ވެސް އޭނާގެ ހިތް ބުނަމުން ދިޔައެވެ.

އެތައް ދުވަހެއް ވަންދެން ޝައްމޫން ރޭޝަމްއަށް އިންތިޒާރު ކުރިއެވެ. ދެ ފަހަރަކު މާލެ ގޮސް އޭނާ ފެނޭތޯ ބެލިއެވެ. އެންމެ ފަހުން އެއީ ހަޔާތުގައި ދިމާވި އުފާވެރި ރެޔެއް ކަމުގައި ނިންމާ، ރޭޝަމްގެ ހަނދާންތައް އޭނާގެ ހިތުގައި ވަޅުލިއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ހައެއްކަ މަސް ވެއްޖެއެވެ. ވާނުވާ ނޭނގި ޝައްމޫނު އިންތިހާއަށް ބަލިވާން ފެށިއެވެ. މީހާ އަނަރޫފަވެ، ގައިން ވަރު ދޫވާން ފެށިއެވެ. ކަރުން ލޭ އައިސް ގައިން ހަކަތަ ހުސްވާން ފެށިއެވެ. އޭނާއަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުން ކޮންމެވެސް ކަމެއް ގޯސްވާކަން ޝައްމޫންއަށް ވެސް އެނގުނެވެ.

މާލެ ގޮސް ހެދި ޓެސްޓްތަކުގެ ނަތީޖާއިން އޭނާއަށްޓަކައި ދުނިޔޭގެ އުމުރު ކުރު ވެއްޖެކަން އިހްސާސް ކުރެވުނެވެ. ގޮތް ހުސްވެ، މަދަދަށް އެދޭނެ މީހަކު ނޭނގުނެވެ. ޝައްމޫނުގެ ބައްޔަކީ އެއިޑްސް ކަން އެނގުމާއެކު އޭނާ ހުއްޓުން އެރިއެވެ. ނަމަވެސް ސިކުނޑީގެ ދައުރުވުން އިންތިހާއަށް ބާރުވިއެވެ.

ދުވަހަކު ވެސް ޝައްމޫނު ގަޔަށް އެހެން މީހެއްގެ ލޭ އަޅައިފައެއް ނުވެއެވެ. ދެ ވަނަ ކަމަކަށް ހަޔާތުން ވެސް އޭނާ ގުޅުމެއް ހިންގީ ހަމައެކަނި ރޭޝަމްއާ އެކުއެވެ.

"ރޭޝަމް؟" ޝައްމޫންގެ ދޫ ހަރަކާތް ކޮށްލިއެވެ.

ހޮސްޕިޓަލުން ނިކުތް ގޮތަށް އޭނާ މަސައްކަތް ފެށީ ރޭޝަމް ހޯދާށެވެ. އެހާ ބޮޑު ލަނޑެއް އޭނާއަށް ދޭންވީ ކީއްވެތޯ ސުވާލު ކުރަން ބޭނުންވިއެވެ. ހަފްތާއެއް ވީ އިރުގައި ވެސް އޭނާއަށް ރޭޝަމް ދިމާ ވާ ގޮތެއް ނުވިއެވެ.

އެއްދުވަހަކު ޝައްމޫން ހޮސްޕިޓަލަށް އައީ އެއިޑްސްއަށް ހާއްސަ ޑޮކްޓަރަކަށް ދައްކާށެވެ. އެ ދުވަހު އޭނާއަށް އެ ތަނުން ރޭޝަމް ފެނުނެވެ. ނަމަވެސް އެ ރީތިކަން މިހާރު ހުރީ ގެއްލިފައެވެ. ދެ ކޯ އަޑިވެ، ދެ ލޯ ވަޅަށް ހުރީ ވަޅު ވަދެފައެވެ. މީހާގެ ގައިގައި އެއްވެސް ބާރެއް ނެތް ކަހަލައެވެ. އޭނާ އައިސް އިނީ ވެސް އެކަނިމާ އެކަންޏެވެ. ޝައްމޫނު ފެނުމާއެކު ރޭޝަމް އެއްމިޔަނަކުން ހީލިއެވެ. އޭނަގެ އެ ނުބައި ބެލުމާއި މަލާމާތުގެ ހިނިތުންވުމުން ޝައްމޫނު ހުރީ އޭނާއާ އިތުރަށް ވާހަކަ ދައްކަން ބޭނުން ވެފައެވެ.

އެ ދުވަހު ޝައްމޫނު ރޭޝަމްއާ ބައްދަލު ކުރީ ހޮސްޕިޓަލްގެ ބިއްދަށުގައި އޮތް ކާރުޕާކިން ޒޯނުންނެވެ.

"އެ ޑޮކްޓަރުގެ ކޮޓަރި ދޮރުމަތިން ކަލެޔާ ދިމާވީތީ އަހަރެން އުފާ ކުރަން،" ރޭޝަމް ބުންޏެވެ.

"ތިއީ ކާކު؟" ޝައްމޫން އެހިއެވެ. ރުޅި އައިސް ހުރެއެވެ.

"އަހަންނަކީ ތި ޝައްމޫންގެ ސަބަބުން ދުނިޔެ ގެއްލިފައި ހުރި ޒުވާން އަންހެން ކުއްޖެއް،" ރޭޝަމް ބުންޏެވެ.

އޭނާގެ ވާހަކަ ޝައްމޫނުއަކަށް ނުވިސްނުނެވެ. އެއީ މީގެ ކުރިން ދުވަހަކު ވެސް އޭނާއާ ދިމާވި ކުއްޖެއް ނޫނޭ ހިތަށް އެރިއެވެ.

"އަހަރެންގެ އުމުރުން ހަތް އަހަރުގައި އަހަރެން އުޅުނީ ޝައްމޫނުއާ އެއް ކްލާހެއްގައި. ހަނދާންވޭތަ އަހަންނާ ބުލީ ކުރެވުނު ކަން. އޭރު އަހަރެން ފަލަކޮށް ހުންނާތީ، އަހަންނަށް ނުދުވެވޭތީ، އަހަރެން ބާކީކޮށްފައި ބަހައްޓަނީ. އަދި އަހަރެން ހުތުރު ކަމުން އަބަދު މަލާމާތް ކުރީ." ރޭޝަމް ކިޔައިދިނެވެ.

ކޮންމެވެސް ވަރަކަށް ޝައްމޫނު ރޭޝަމް މަތިން އެ ވަގުތު ހަނދާންވިއެވެ. ކުޑައިރު މާލޭގައި ކިޔަވަން އުޅެފައި ގްރޭޑް ހަތަކުން ޝައްމޫން މަންމައާއެކު ރަށަށް ބަދަލުވި ހަނދާން ވެސް ވިއެވެ.

"އެންމެ ފަހުން ގްރޭޑް ފަހަކަށް ދިޔަ އަހަރު އަހަރެން ފާހާނާއަށް ދިޔަ ވަގުތު ކަލޭމެން ގުރޫޕް އަހަރެންގެ ސްކާޓް ބޭލުވީ. އެ ގުރޫޕްގެ ލީޑަރަކީ ހަމަ ޝައްމޫން. ކަލޭ ގެންގުޅުނު ޓެބަކުން ފޮޓޯ ވެސް ނެގި. އޭގެ އަނެއް ދުވަހު އަހަރެންގެ ފޮޓޯތައް ހުރީ ކުލާހު ކުދިންގެ ޑެސްކު ކަބަޑުތަކަށް އަޅާފައި. އެ ދުވަހަށް ފަހު އަހަރެން ސްކޫލަކަށް ނުދަން." ރޭޝަމް ބުންޏެވެ.

އިތުރަށް އޭނާ ކިޔައިދިން ގޮތުގައި އެ ހިސާބުން އޭނާގެ މަދްރަސީ ހަޔާތުގައި ސިއްކަ ޖެހުނެވެ. އެކަމާ ރުޅި އައިސްގެން އޭނާއަށް އަނިޔާ ކުރުމަށްފަހު ބައްޕަ އޭނާ ގެއިން ނެރެލިއެވެ. މަންމަ ނިޔާވީ އެ ހިތާމައިގައެވެ. މަންމަ ނިޔާވިކަން އެނގުނީ ވެސް މަންމަ ހަނދާން ވާތީ ގޭދޮށަށް ދިޔަ ދުވަހެއްގައެވެ. އޭރު މަންމަ ނިޔާވިތާ ދެ މަސް ވަރު ވެއްޖެއެވެ.

ބައްޕަ، އޭނާ މަގުމަތި ކޮއްލުމުން ގޮސް ގުޅުނީ މާލެ ތެރޭގައި އުޅޭ ގުރޫޕަކާއެވެ. އެ ހިސާބުން ރޭޝަމްއަށް ރޭޝަމްގެ ނަފްސު އޮޅުނެވެ. ޕާޓީކޮށް، ޑްރަގް ބޭނުން ކޮށް، އެންމެހާ ވިޔާނުދާ ގޮތް ގޮތަށް އޭނާ އުޅެން ފެށިއެވެ. އޭނާގެ ދިރިއުޅުން އެ ދަރަޖައަށް ވެއްޓުމުގެ އަސްލަކީ ޝައްމޫނު ކަމުގައި އަބަދު ވެސް އޭނާ ހަނދާން ބަހައްޓައެވެ.

ރޭޝަމް ފައިސާ ހޯދަނީ ހަށި ވިއްކައިގެންނެވެ. އޭނާ އެއިޑްސްއަށް ޕޮޒިޓިވް ވީ ވެސް އެކަމުންނެވެ. އޭނާ ޝައްމޫނުއާ ބެހޭ މައުލޫމާތު ހޯދީ ފޭސްބުކުންނެވެ. ޝައްމޫނު ލައިފައި ހުންނަ ފޮޓޯތަކުން އޭނާގެ ގޭގެ ނަން ވެސް ރޭޝަމް ވަނީ ހޯދާފައެވެ. އެ ގޭ ކައިރިން ގެސްޓު ހައުސްއެއް ނެގީ ވެސް އޭނާގެ އަވައިގައި ޖައްސަން ފަސޭހަ ވާނެތީއެވެ.

"ކަންތައް ވީ އަހަރެން ހީ ވެސް ނުކުރާހާ އަވަހަށް، އެހާމެ ފަސޭހަކޮށް." ރޭޝަމް ބުންޏެވެ.

"އެއިޑްސް ޖެހުނީމަ އަހަރެން ދެރައެއް ނުވެ، ކަލޭގެ ކިބައިން ބަދަލު ހިފުމަށް މިއީ އަހަންނަށް ލިބުނު ރަނުގެ ފުރުސަތެއް. އަހަންނަށް ކަލޭ ޖެއްސި ހާލުން ތި ވަރު ވެސް މާ ކުޑަ،" އަނެއްކާ ވެސް ރޭޝަމް ބުންޏެވެ.

ދެ އަތް އުރާލުމަށްފަހު އޭނާ އައިސް ޝައްމޫނުއާ ދާދި ގާތުގައި ހުއްޓި ހިނިތުން ވެލިއެވެ.

"އީދު ހަދިޔާ ކަމުދާނެ ކަމަށް ހީކުރަން. ގުޑް ލަކް،" މަލާމާތުގެ ރާގެއްގައި ރޭޝަމް ބުންޏެވެ.

ނިމުނީ