Roadha Mihaaru
އައްޑޫ ފެނުގެ ނިޒާމް އަޕްގްރޭޑިން އެމްޑަބްލިއުއެސްސީއަށް

އައްޑޫގެ ފެނުގެ ނިޒާމް އަޕްގްރޭޑުކުރަން 282 މިލިއަން ރުފިޔާއަށް އެމްޑަބްލިއުއެސްސީއަށް

13 އެޕްރީލް 2024

އައްޑޫގެ ފެނުގެ ނިޒާމް ތަރައްގީކުރަން އެމްޑަބްލިއުއެސްސީއާ މިއަދު ހަވާލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައްޑޫގެ ފެނުގެ ނިޒާމް ތަރައްގީކުރަން އެމްޑަބްލިއުއެސްސީއާ މިއަދު ހަވާލުކޮށްފި އެވެ.

އެމްޑަބްލިޔުއެސްސީގައި ބޭއްވި ރަސްމިއްޔާތުގައި 282 މިލިއަން ރުފިޔާގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން، އިންފްރަސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތައާމް މުހައްމަދު އަދި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދެވެ.

އެއް އަހަރުގެ ތެރޭގައި ނިންމަން ހަވާލުކުރި މި މަސައްކަތުގައި ހިތަދޫގައި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރަތްކުރުމާއި ބޯހޯލް ތޮރުފުމާއި ދުވާލަކު 1،500 ޓަނުގެ ބޯފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓް ބެހެއްޓުން ހިމެނެ އެވެ. އޭގެ އިތުރުން ފެން ރައްކާކުރުމަށްޓަކައި 200 ޓަނުގެ ތިން ތާނގި އަދި 100 ޓަނުގެ ތިން ތާނގިއާ އެކު ހަ ތާނގި ބަހައްޓާނެ އެވެ.

އައްޑޫގެ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: އެމްޑަބްލިއުއެސްސީ

އައްޑޫގެ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: އެމްޑަބްލިއުއެސްސީ

ހުޅުމީދޫގައި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމާއި ބޯހޯލް ތޮރުފުމާއި ދުވާލަކު 350 ޓަނުގެ ބޯފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓް އަދި ފެން ރައްކާކުރުމަށްޓަކައި 1،000 ޓަނުގެ ތިން ތާނގި ބަހައްޓާނެ އެވެ.

ހިތަދޫ އާއި ހުޅުމީދުއަށް ފެން ތަހުލީލުކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދީ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައި ފެން ރައްކާކުރަން 1000 ޓަނުގެ ޖުމްލަ ހަތަރު ތާނގި ބަހައްޓާނެ އެވެ.

އެ ރަށްރަށުގެ ފެނުގެ ނިޒާމް ބަލަހައްޓަން ބޭނުންވާ ތަމްރީން ޕްރޮގްރާމް ހިންގައި ސްޕެއާ ފޯރުކޮށްދިނުން ވެސް މި އެއްބަސްވުމުގެ ދަށުން ކުރަން ޖެހެ އެވެ.