Roadha Mihaaru

ޝަކުވާތަކެއް ލިބުމުން އެއްބަސްވުން ބާތިލުކޮށް، ފިޔަވަޅު އަޅަން އަންގައިފި

ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ ދަށުން ހިންގާ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) އިން ބިދޭސީ މުވައްޒަފުން ތިބޭނެ ތަނެއް ކުއްޔަށް ނެގުމުގައި ޝަކުވާތަކެއް ލިބުމާ އެކު، އެއްބަސްވުން ބާތިލުކޮށް، ތުހުމަތުވާ މުވައްޒަފުންނަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ޝަކުވާތަކެއް ލިބުމުން އެއްބަސްވުން ބާތިލްކޮށްފި
އިފްރާޒް އަލީ
އިފްރާޒް އަލީ

25 ޑިސެމްބަރ 2024

ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ ދަށުން ހިންގާ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) އިން ބިދޭސީ މުވައްޒަފުން ތިބޭނެ ތަނެއް ކުއްޔަށް ނެގުމުގައި ޝަކުވާތަކެއް ލިބުމާ އެކު، އެއްބަސްވުން ބާތިލުކޮށް، ތުހުމަތުވާ މުވައްޒަފުންނަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މަތީން "މިހާރު" އަށް ވިދާޅުވީ، ސޯޝަލް މީޑިއާ އަށް މި މައްސަލަ ފެންމަތިވުމުގެ މާ ކުރިން މިދިޔަ މަހު އެ ކުންފުނީގެ ތެރެއިން މި އެއްބަސްވުމުގެ ޝަކުވާ ބޯޑަށް ލިބިފައިވާ ކަމަށެވެ. އެހެންވެ، އޭރުން ފެށިގެން މި މައްސަލަ ބަލަމުން އައިސް، އެއްބަސްވުން ބާތިލްކުރަން މި މަހުގެ 18 ވަނަ ދުވަހު އެމްޑަބްލިއުއެސްސީގެ ބޯޑުން އައިބީއެމަށް އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިކޮޅަށް [އެމްޑަބްލިއުއެސްސީ އަށް] ޝަކުވާ އައީމާ އޮޑިޓްކުރީ އެ ޕްރޮސެސް. ޝަކުވާ އައީމަ ޖެހޭނީ އޮޑިޓް ކުރަން ދެއްތޯ. އަޅުގަނޑުމެން ބެލިއިރުގައި ހުރި ރަނގަޅުކުރަން ޖެހޭ ކަންތައްތައް، ޕްރޮސެސްގައި ވެސް މައްސަލަތައް އުޅޭ. އަގުތަކުގެ ވެސް އަޅުގަނޑުމެން އެސަސްމަންޓެއް ހެދީ، ބެލިއިރުގައި ފެނުނީ މަސްލަހަތު އެންމެ ރަނގަޅު ގޮތަކީ އަލުން އިއުލާން ކުރުން ކަން،" އޭނާ ވިދާޅުވި އެވެ.

ކުންފުނީގެ އޮޑިޓް ކޮމިޓީން މި މައްސަލަ ބަލައި، ހުށަހެޅި ރިކޮމެންޑޭޝަންތަކުގައި ވެސް އެއްބަސްވުން ބާތިލުކުރަން ލަފާދީފައިވާ ކަމަށް މަތީން ވިދާޅުވި އެވެ.

މުވައްޒަފެއްގެ އިހުމާލެއް އުޅޭ ނަމަ، އެކަން ވެސް ބަލަން ނިންމާފައި އޮތީ: މަތީން، މެނޭޖިން ޑިރެކްޓަރު

"މުވައްޒަފެއްގެ އިހުމާލެއް އުޅޭ ނަމަ އެކަން ވެސް ބަލަން ނިންމާފައި އޮތީ،" މަތީން ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މަތީން ވިދާޅުވި ގޮތުގައި، އޮޑިޓް ކޮމިޓީގެ ލަފަޔާ އެއްގޮތަށް ހުރިހާ ކަމެއް ކުރިއަށް ގެންދަން ކުންފުނީގެ ބޯޑުން އޮތީ ނިންމައިފަ އެވެ.

"އެހެންވީމަ އަޅުގަނޑު އައިބީއެމް އަށް އެންގީ، މި މަހު 18 ވަނަ ދުވަހު، އެއްބަސްވުން ބާތިލުކުރަން،" އޭނާ ވިދާޅުވި އެވެ.

އައިބީއެމްގެ ބިދޭސީ މުވައްޒަފުންގެ އެކޮމޮޑޭޝަން އާއި ގުދަން ކުރާނެ ތަނެއް ހަމަޖެއްސުމަށް، ދެ ފުލޯގެ ތަނެއް ކުއްޔަށް ނެގުމަށް ހެދި އެއްބަސްވުންތަކުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ މައްސަލައެއް ފެންމަތިވީ އިއްޔެ އެވެ. އެ އްބަސްވުންތަކުގެ ކޮޕީ އެކްސްގައި ވަނީ ލީކުކޮށްލައިފަ އެވެ.

އެ ދެ އެއްބަސްވުން ވެސް ހަދާފައި ވަނީ ޓެލެ މޯލްޑިވްސް ކިޔާ ކުންފުންޏަކާ އެކު އެވެ. އެ ކުންފުންޏާ އެކު އެއްބަސްވުން ހެދީ ބީލަމަށް ހުޅުވާ ނުލަ އެވެ.

މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ހެދި ފުރަތަމަ އެއްބަސްވުމުގައި މަހު ކުލީގެ ގޮތުގައި ކަނޑައަޅާފައި ވަނީ 60،000ރ. އެވެ. ނަމަވެސް، އެ އެއްބަސްވުން އުވާލައި، މިދިޔަ އޮކްޓޯބަރުގެ މަހުގެ 22 ވަނަ ދުވަހު ހެދި ދެވަނަ އެއްބަސްވުމުގައި ކަނޑައަޅާފައި އޮތް އަގަކީ 200،000ރ. އެވެ. އެއީ، 140،000ރ. ގެ ބޮޑު ފަރަގެކެވެ. އެކަމަކު، ފަހުން ހެދި އެއްބަސްވުމުގައި ވަނީ އެކޮމޮޑޭޝަންގެ އިތުރުން ގުދަން ކުރާނެ ޖާގަ ވެސް ހަމަޖައްސައިފަ އެވެ.

ފަސް އަހަރަށް ހެދި އެ އެއްބަސްވުމުގެ ދަށުން އެޑްވާންސްގެ ގޮތުގައި 400،000ރ. ދައްކަން އެއްބަސްވެފައިވެ އެވެ. އެ އެއްބަސްވުމުގައި އައިބީއެމްގެ ފަރާތުން ސޮއިކޮށްފައި ވަނީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖިނާން ޖަލީލެވެ.