Roadha Mihaaru
އިސްރާފު ކުޑަކުރަން މޭ މަހުން ފެށިގެން ފިޔަވަޅު އަޅަނީ

އިސްރާފުތައް ކުޑަކުރަން އަންނަ މަހުން ފެށިގެން ފިޔަވަޅުތައް އަޅަނީ

16 އެޕްރީލް 2024

ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ބޭނުންވާ އިސްލާހީ ފިޔަވަޅުތައް އަންނަ މަހުން ފެށިގެން އަޅަން ފަށާނެ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ބޭނުންވާ އިސްލާހީ ފިޔަވަޅުތައް އަންނަ މަހުން ފެށިގެން އަޅަން ފަށާނެ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.

މިިދިޔަ ހަފުތާގައި "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، ސަރުކާރުގެ ކުންފުނިތައް ހަރުދަނާ ކުރުމާއި އާސަންދައިގެ ތެރެއިން ގެންނަ ހެޔޮ ބަދަލުތަކަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، އެ ކަންކަމަށް ބޭނުންވާ ސްޓަޑީތައް ހަދައި، އަޅާނެ ފިޔަވަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.

"މިހާރު ބަލްކް ޕްރޮކިއުމެންޓް ކޮންމެވެސް ވަރަކަށް އޮންނާނީ ފެށިފައި. ވަރަށް ގިނައިން ފާހަގަކުރެވުނު ރާއްޖެ އަށް މި ގެންނަ ބޭހުގެ ކޮލިޓީ ރަނގަޅު ވާން ޖެހޭ. ކޮލިޓީ ބޭސް މި އަށް ވުރެ އަގު ހެޔޮކޮށް ހޯދުމަކީ ވެސް ވަރަށް މުހިއްމު ކަމެއް،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ސަބްސިޑީ ޓާގެޓުކޮށް، ސަބްސިޑީތަކުގެ ތެރެއިން ހަރަދުތައް ކުޑަކުރުމަކީ ވެސް މި އަހަރު ގެންނާނެ ބަދަލެއް ކަމަށެވެ. ނަމަވެސް އެކަން ކުރަން ފަށާނީ މި އަހަރުގެ ޖޫން މަހުން ފެށިގެން ކަމަށް ވިދާޅުވި އެވެ.

ސަބްސިޑީ އެންމެ ބޭނުންވާ މީހުންނަށް ދިނުމަށް 600 މިލިއަން ރުފިޔާ ބަޖެޓުކޮށްފައި އެބަ އޮތެވެ. ދައުލަތުގެ ބަޖެޓުގައިވާ ގޮތުން ކަރަންޓާއި ތެލާއި ކާޑާއި ނަރުދަމާގެ ހިދުމަތްތަކަށް ދޭ ސަބްސިޑީ ބަދަލުކޮށް، ޑައިރެކްޓް ޓްރާންސްފާ ނިޒާމަކަށް ބަދަލު ކުރުމަށް ވަނީ ކަނޑައަޅައިފަ އެވެ. އެއާ އެކު، ސަބްސިޑީ އަށް ކުރާ ހޭދައިން 2.5 ބިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް ބަޖެޓުގައި ވެ އެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި، އެކަން ކުރާނީ އެކި މަރުހަލާތަކަށް ބަހާލައިގެން ރައްޔިތުންނަށް ވީހާވެސް ދަތިނުވާނެ ގޮތަކަށެވެ.

ޝަފީގު ވިދާޅުވީ، އެސްއޯއީތަކުގެ މައްސަލަތައް ހައްލުކުރުމަށް އަޅާނެ ފިޔަވަޅުތައް ކަނޑައަޅައި، ވަކި ވަކި އެސްއޯއީތަކުގައި ހުރި މައްސަލަތައް ބަލަމުން އަންނަ ކަމަށެވެ. ގެންނަ ބަދަލުތަކުގެ ސަބަބުން ބައެއް އެސްއޯއީތައް އެއްކޮށްލަން ވެސް ޖެހިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.