Roadha Mihaaru
ސުކޫކު ޕޭމަންޓްތައް ދެއްކުމަށް ދަތިކަމެއް ނެތް: ޝަފީގު

ސުކޫކަށް ފައިސާ ދެއްކުމުގައި ދަތިކަމެއް ނެތް: މިނިސްޓަރު

06 ސެޕްޓެމްބަރ 2024

ސުކޫކުގެ ކޫޕަން ޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭ 25 މިލިއަން ޑޮލަރު ދެއްކުމަށް އެއްވެސް ދަތިކަމެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސުކޫކުގެ ކޫޕަން ޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭ 25 މިލިއަން ޑޮލަރު ދެއްކުމަށް އެއްވެސް ދަތިކަމެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ "މިހާރު" އަށް ވިދާޅުވީ، ކޮންމެ އަހަރަކު ދެ ފަހަރު ދައްކަން ޖެހޭ ކޫޕަން ޕޭމަންޓްގެ ފުރަތަމަ ޕޭމަންޓް ދެއްކީ މިދިޔަ މާޗު މަހު ކަމަށާއި އެއީ ވެސް މިހާރެކޭ އެއްގޮތަށް ރާއްޖެ އަށް މާލީ އުނދަގޫތަކެއް ކުރިމަތިވެފައި އޮތް ދުވަސްވަރެއް ކަމަށެވެ. އެހެންވެ، އަންނަ މަހުގެ 8 ވަނަ ދުވަހު ދައްކަން ޖެހޭ ފައިސާ ދެއްކުމަށް އެއްވެސް ދަތި ކަމެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސުކޫކު މެޗުއާވެ، ފުލް ފައިސާ ދައްކަން ޖެހޭނީ 2026 ގަ އެވެ. އަންނަ މަހުގެ ކޫޕަން ޕަމެންޓުގެ އިތުރަށް އަންނަ އަހަރު ކޫޕަން ޕޭމަންޓުގެ ގޮތުގައި 50 މިލިއަން ޑޮލަރާއި އޭގެ އަނެއް އަހަރު ވެސް ކޫޕަން ޕޭމަންޓުގެ ގޮތުގައި 25 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ އެވެ.

ޝަފީގު ވިދާޅުވިގޮތުގައި، މާކެޓުގައި ސުކޫކުގެ އަގު ވެއްޓުނީ ރާއްޖޭގެ ރިޒާވް ހުސްވި ކަމަށް ދެއްކެވުނު ވާހަކަތަކާ ގުޅިގެންނެވެ. އެކަމަކު، އެއްވެސް އިރަކު ރާއްޖޭގެ ރިޒާވް ހުސްނުވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ރިޒާވް މިހާރު ރަނގަޅުވާނެ. މީރާގެ ކަލެކްޝަން ވެސް ކުރިއަށް ވުރެ މާބޮޑުތަން ވެސް ރަނގަޅު،" ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސުކޫކުގެ އަގު ވެއްޓުނަސް، ހާލަތު ރަނގަޅުވާތަން ފެނުމުން އަނެއްކާ ވެސް އޭގެ އަގު އުފުލޭނެ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކު ލިސްޓުކޮށްފައި ވަނީ އަބޫދާބީގެ ސްޓޮކް މާކެޓުގަ އެވެ. ސުކޫކުގެ އަގު ދައްކުވުމާ ގުޅިގެން ބޭރުގެ މީޑިއާތަކުގައި ވެސް އެ ވާހަކަ ލިޔެފައި ވެ އެވެ.

އެމްއެމްއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން ދައުލަތުގެ ރަސްމީ ރިޒާވް ގައި 395 މިލިއަން ޑޮލަރެވެ. ރިޒާވް އިތުރު ކުރުމަށް ސަރުކާރުން އަންނަނީ އިންޑިއާގެ ސެންޓްރަލް ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީއެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ. އަދި ގްރީން ބޮންޑެއް ވިއްކުމުގެ މަސައްކަތް ވެސް ކުރެ އެވެ.