Roadha Mihaaru
އެމްއެމްއޭއިން އިސްނަގައިގެން ލަފައެއް ނުދޭ: މިނިސްޓަރު

އަމިއްލައަށް އިސްނަގައިގެން އެމްއެމްއޭގެ ލަފައެއް ނުދޭ: މިނިސްޓަރު

15 ޖުލައި 2024

ދައުލަތުގެ މާލީ އަދި އިގުތިސާދީ ކަންކަން ހަރުދަނާ ކުރުމާ ގުޅޭ ގޮތުން، މި ސަރުކާރު ވެރިކަމަށް އައި ފަހުން، މަރުކަޒީ ބޭންކް އެމްއެމްއޭގެ ފަރާތުން އިސްނަގައިގެން އެއްވެސް ލަފައެއް ނުލިބޭ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ދައުލަތުގެ މާލީ އަދި އިގުތިސާދީ ކަންކަން ހަރުދަނާ ކުރުމާ ގުޅޭ ގޮތުން، މި ސަރުކާރު ވެރިކަމަށް އައި ފަހުން، މަރުކަޒީ ބޭންކް އެމްއެމްއޭގެ ފަރާތުން އިސްނަގައިގެން އެއްވެސް ލަފައެއް ނުލިބޭ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން ސާފުކޮށްދޭން އެދި ފޮނުވި ސިޓީއަކަށް ދެއްވި ޖަވާބުގަ އެވެ.

މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސް ކުރައްވައި ފިނޭންސް މިނިސްޓަރު ދެއްވި ޖަވާބުގައި ވިދާޅުވީ، މި ސަރުކާރު ފެށުނު ފަހުން، އެމްއެމްއޭ އިން އަމިއްލަ އަށް އިސްނަގައިގެން ފިނޭންސް މިނިސްޓްރީއަށް ލަފައެއް ދީފައި ނެތް ކަމަށާއި ނަމަވެސް، މިދިޔަ އަހަރު ފަހުކޮޅު އެމްއެމްއޭއާ އެކު ޕޮލިސީ ލެވެލްގައި ކަންކަން ކުރިއަށް ގެންދަން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ފޮރިން ކަރަންސީ އެކްސްޗޭންޖް ވިޔަފާރި މިހާރަށް ވުރެ ރަނގަޅަށް އެމްއެމްއޭ އިން ރެގިއުލޭޓް ކޮށްދޭން އެދިފައިވާނެ ކަމަށް ޝަފީގު ވިދާޅުވި އެވެ. އަދި ފޮރިން އެކްސްޗޭންޖް މާކެޓް ހަރުދަނާ ކުރުމާ ބެހޭ ގޮތުން އެމްއެމްއޭ އިން އިސްނަގައިގެން ޓެކްނިކަލް ފެންވަރުގައި ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުގެ ސިޓީގައި ވިދާޅުވީ، މިދިޔަ ދިގު ތާރީހުގައި ފިސްކަލް އަދި މަނިޓަރީ ޕޮލިސީ އެލައިން ކުރަން އެންމެ އެދެވޭ ގޮތެއްގައި އެމްއެމްއޭ އިން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. އެމްއެމްއޭ އިން ބަލަހައްޓަން ޖެހޭ މިނިމަމް ރިޒާވް ރިކުއަމަންޓް (އެމްއާރްއާރް) އުފުލަން ނިންމި ކަމަށާއި އެކަން ވެގެން ދިޔައީ ކޮމާޝަލް ބޭންކުތަކާ އެކީ ކުރަމުން އަންނަ މާލީ މުއާމަލާތްތަކަށް ދިމާވި ގޮންޖެހުމަކަށް ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަކު، އެމްއެމްއޭއާ އެކު ބޭއްވި ބައްދަލުވުމުންތަކުގައި އެކަމަށް މިހާރު ހައްލުތަކެއް ހޯދިފައިވާ ކަމަށް ސިޓީގައިވެ އެވެ.

މިނިސްޓަރު ޝަފީގު މަޖިލީހަށް އެ ސިޓީ ފޮނުއްވީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި މައްސަލާގެ ތެރެއިން ކޮމިޓީއިން މައުލޫމާތު ސާފުކޮށްދޭން މިނިސްޓްރީގައި އެދުމުންނެވެ.

ގަވަރުނަރު އަލީ ހާޝިމް

ގަވަރުނަރު އަލީ ހާޝިމް

ގަވަރުނަރު މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ކޮމިޓީން ނިންމީ ގައުމުގެ އިގުތިސާދު ހީނަރުވެގެންދާއިރު، އެމްއެމްއޭ އިން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ފުރިހަމަ ގޮތުގައި އަދާކުރައްވާފައި ނުވާ ކަމަށް ބުނެ އެވެ.

އެ ތުހުމަތުގެ ރައްދެއްގެ ގޮތުގައި ގަވަރުނަރު އަލީ ހާޝިމް މަޖިލީހަށް ފޮނުއްވި ރިޕޯޓްގައި ވިދާޅުވީ، އިގުތިސާދީ ކާރިސާއެއް އައުމުގެ ކުރިން އެފަދަ ހާލަތަކުން ގައުމު ސަލާމަތް ކުރަން ބޭނުންވާ މައުލޫމާތާއި އިރުޝާދާއި އެހީ އެމްއެމްއޭ އިން ފޯރުކޮށްދީފައިވާނެ ކަމަށެވެ. މިހާރު ވެސް މަސައްކަތް ކުރަމުން އަންނަނީ އިގުތިސާދަށް މިވަގުތު ދިމާވެފައިވާ ގޮންޖެހުންތަކަށް ވިސްނުންތެރިކަމާ އެކީ ކުރިމަތިލުމަށް ކަމަށް ރިޕޯޓްގައި ވެ އެވެ.

އަދި އިގުތިސާދީ ކާރިސާއެއް ދިމާވެއްޖެ ހާލަތެއްގައި ގައުމު އިގުތިސާދީ ފުން އަނދަވަޅަކަށް ވެއްޓުނަ ނުދީ ރައްކާތެރި ދިމާލަކަށް ވާސިލުވާނެ ގޮތްތައް ޔަގީން ކުރަން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

މިހާރުގެ އިގުތިސާދީ ހާލަތު އަދި އިގުސާދީ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ ބޮޑު ބިރެއް އޮތުމުގެ މައިގަނޑު ސަބަބަކީ، ގަވަރުނަރު ވިދާޅުވި ގޮތުގައި އެމްއެމްއޭ އާއި މާލީ ކަންކަމާ ބެހޭ ބައިނަލްއަގްވާމީ އިދާރާތަކުން މިދިޔަ ދެ އަހަރު ދިން އިރުޝާދާއި ލަފައަށް އަހައްމިޔަތުކަން ނުދިނުމެވެ. އެމްއެމްއޭ އިން ޒަމާނުންސުރެ ވަކާލާތު ކުރަމުން އައިސްފައިވާ ފިސްކަލް ޑިސިޕްލިން ގެންގުޅެފައި ނެތުމުންނެވެ.

އިގުތިސާދީ މި ހާލަތުން އަރައިގަތުމަށް މުޅި ދިވެހި ދައުލަތް އެކުގައި ދަތި އަދި އުނދަގޫ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ މި ހާލަތުގައި އޭނާގެ އަދި އެމްއެމްއޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ވެސް ގަވަރުނަރު ދެއްވި އެވެ.