Roadha Mihaaru
ކުރީގެ ރައީސުން ވެސް އެދިވަޑައިގަތީ އަވަހަށް ވޯޓުލުމަށް

ކުރީގެ ރައީސުން އެދިވަޑައިގަތީ ހައްގު އަދާކޮށް އަވަހަށް ވޯޓު ލުމަށް

21 އެޕްރީލް 2024

ހައްގު އަދާކޮށް، އެންމެ ފަހު ވަގުތަށް މަޑުނުކުރައްވާ އަވަހަށް ވޯޓުލާން ދިއުމަށް ކުރީގެ ރައީސުން އިލްތިމާސް ކުރައްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހައްގު އަދާކޮށް، އެންމެ ފަހު ވަގުތަށް މަޑުނުކުރައްވާ އަވަހަށް ވޯޓުލާން ދިއުމަށް ކުރީގެ ރައީސުން އިލްތިމާސް ކުރައްވައިފި އެވެ.

މިއަދު ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ފެށީ ހެނދުނު 8:00 ގަ އެވެ. ވޯޓުލުން ހަވީރު 5:30 އާ ހަމައަށް ކުރިއަށް ގެންދާއިރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފައި ވަނީ ވޯޓު ލުމަށް އެންމެ މިނިޓެއް ވެސް ނުދެވޭނެ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވޯޓުލައްވަން ވަޑައިގެންނެވީ ހެނދުނު 10:30 ގަ އެވެ. ވޯޓުލެއްވުމަށް ފަހު މީޑިއާއާ ބައްދަލުކުރައްވައި އެ މަނިކުފާނު ވިދާޅުވީ ކޮންމެ ރައްޔިތަކަށް ވެސް ގާނޫނީ ގޮތުން ލިބިފައިވާ ވޯޓުލުމުގެ ހައްގު އެންމެ ފުރިހަމައަށް ބޭނުންކުރުމަކީ ވަރަށް މުހިއްމުކަމެއް ކަމަށެވެ. އެހެންވެ، އަވަހަށް ވޯޓުލާން ނުކުތުމަށް އިބޫ އެދިވަޑައިގަތެވެ.

މަޖިލިސް އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވޯޓު ލައްވަނީ: ވީހާ އަވަހަކަށް ވޯޓު ލައި ނިންމުމަށް ސިޔާސީ ޕާޓީތަކުން ވަނީ ގޮވާލައިފައި -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މަޖިލިސް އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވޯޓު ލައްވަނީ: ވީހާ އަވަހަކަށް ވޯޓު ލައި ނިންމުމަށް ސިޔާސީ ޕާޓީތަކުން ވަނީ ގޮވާލައިފައި -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެ މަނިކުފާނު ވިދާޅުވީ މިފަހަރުގެ މަޖިލިސް އިންތިހާބު ވެސް ބޮޑު އަޣުލަބިއްޔަތަކުން އެމްޑީޕީއަށް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލެއްވުމަށް ފަހު މީޑިއާއާ ބައްދަލުކުރައްވައި އެ މަނިކުފާނު ވެސް އިލްތިމާސްކުރެއްވީ ފަހު ވަގުތަށް މަޑުނުކުރައްވައި ވޯޓުލުމަށް ނިކުތުމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވޯޓުލެއްވީ 11:00 ހާއިރު އެވެ.

އެ މަނިކުފާނު އިލްތިމާސްކުރެއްވީ އަމާންއަމާންކަމާއި ސުލުހަވެރިކަމާއެކު ވޯޓުލާ ނިންމާލެއްވުމަށެވެ. ގިނަ ބަޔަކު ވޯޓު ލުމަށް ނިކުތުމަށް ވެސް މައުމޫން އެދިވަޑައިގަތެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ހެދުނު ވޯޓު ލައްވައިފަ އެވެ. ކުރީގެ ރައީސުންގެ ތެރެއިން މެންދުރާ ހަމައަށް ވޯޓުނުލައްވައި މިހާތަނަށް ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަންޏެވެ. ޔާމީން ވޯޓުލައްވަން ވަޑައިގަންނަވާނީ މެންދުރުފަހު ތިނެއް ޖަހާއިރު އެވެ.

އިލެކްޝަން ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުން ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުން 8:00 ގައި ފެށުމާއެކު، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 39 ޕަސެންޓަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 51،976 އަންހެނުންނާއި 61،651 ފިރިހެނުންނެވެ.