Roadha Mihaaru
ފެލިދޫ ދާއިރާއިން އެމްޑީޕީގެ ތާއީދު އަލީ ޒާހިިރަށް

ފެލިދޫ ދާއިރާ އިން އެމްޑީޕީގެ ތާއީދު އަލީ ޒާހިރަށް

29 ފެބުރުއަރީ 2024

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވ. ފެލިދޫ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ، އަދާލަތު ޕާޓީގެ ކުރީގެ ނައިބު ރައީސް އަލީ ޒާހިރަށް ތާއީދު ކުރަން އެމްޑީޕީން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވ. ފެލިދޫ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ، އަދާލަތު ޕާޓީގެ ކުރީގެ ނައިބު ރައީސް އަލީ ޒާހިރަށް ތާއީދު ކުރަން އެމްޑީޕީން ނިންމައިފި އެވެ.

އަންނަ މަހުގެ 17 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މަޖިލިސް އިންތިހާބުގައި ފެލިދޫ ދާއިރާ އަށް އެމްޑީޕީން ކެންޑިޑޭޓެއް ނުނެރެ އެވެ.

ނަމަވެސް އެމްޑީޕީން މިއަދު ބުނީ، އެ ދާއިރާގެ އިންތިހާބުގައި އެ ޕާޓީން ތާއީދު ކުރާނީ އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމު ފުރުއްވި އަލީ ޒާހިރަށް ކަމަށެވެ.

އެހެންވެ، އެމްޑީޕީން ވަނީ އެ ޕާޓީގެ މެމްބަރުންނާއި ޕާޓީ އަށް ތާއީދުކުރާ މީހުން އަލީ ޒާހިރަށް ވޯޓުދިނުމަށް އެދިފަ އެވެ.

އެމްޑީޕީގެ ސަރުކާރުގައި އަދާލަތު ޕާޓީއާ އެކު ކޯލިޝަން ހަދާފައިވާއިރު، އަލީ ޒާހިރު ވެފައި ވަނީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ބޮޑަށް ތާއީދު ކުރެއްވި އެއް ބޭފުޅާ އަށެވެ.

ފުވައްމުލަކަށް އުފަން އަލީ ޒާހިރު ވަނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުން ގާނޫނީ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައިފަ އެވެ.

ފެލިދޫ ދާއިރާ އަށް ވާދަކުރައްވާ ކެންޑިޑޭޓުން:

1. ހުސައިން ޒައިދު އާރިފު (އަމިއްލަ ގޮތުން)

2. އަލީ ޒާހިރު (އަމިއްލަ ގޮތުން)

3. ޝުޖާއު އަލީ (ޑިމޮކްރެޓްސް)

4. އާދަމް ޒާހިރު (ޕީއެންސީ)

ފެލިދޫ ދާއިރާގައި ހިމެނެނީ ފެލިދު އާއި ފުލިދޫ އަދި ތިނަދޫ އެވެ.