Roadha Mihaaru
އެމްޑީޕީ ލީޑަޝިޕްގެ އިސްތިއުފާއަށް ގޮވާ އަޑު ގަދަވެއްޖެ

ބޮޑު ބައްޔާ އެކު އެމްޑީޕީ ލީޑަޝިޕްގެ އިސްތިއުފާ އަށް ގޮވާ އަޑު ގަދަވެއްޖެ

22 އެޕްރީލް 2024

އިއްޔެ ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީ އަށް ލިބުނު ބޮޑު ބައްޔާ އެކު، އެ ޕާޓީގެ ލީޑަޝިޕްގެ އިސްތިއުފާ އަށް ގޮވާލާ އަޑު ސޯޝަލް މީޑިއާގައި ގަދަވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އިއްޔެ ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީ އަށް ލިބުނު ބޮޑު ބައްޔާ އެކު، އެ ޕާޓީގެ ލީޑަޝިޕްގެ އިސްތިއުފާ އަށް ގޮވާލާ އަޑު ސޯޝަލް މީޑިއާގައި ގަދަވެއްޖެ އެވެ.

މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީ އަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ 12 ގޮނޑި އެވެ. އެ ޕާޓީން ޖުމްލަ 89 ކެންޑިޑޭޓުން މި ފަހަރު ވާދަކުރެއްވިއިރު، އަބަދުވެސް މެޖޯރިޓީ ދަމަހައްޓަމުން ދިޔަ މާލެ އަދި އައްޑޫ ވެސް ވަނީ ގެއްލިފަ އެވެ.

އެމްޑީޕީގެ ގިނަ ދުވަސްވީ އަދި ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންނަށް ވެސް ގޮނޑި ކާމިޔާބު ނުކުރެއްވުނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމް އަދި ޕީޖީ ލީޑަރު ރަޝީދު ހުސައިން (ބިގޭ) ހިމެނެ އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒަށް ވެސް ގޮނޑި ކާމިޔާބެއް ނުވި އެވެ.

އެމްޑީޕީ އަށް ހީނުކުރާ ފަދަ ބޮޑު ބައްޔެއް ޖެހިޖެހިގެން ލިބުނު މިއީ ފުރަތަމަ ފަހަރެވެ. ރިޔާސީ އިންތިހާބުގެ ދެ ބުރުގައި ވެސް އޭރުގެ އިދިކޮޅުން އެމްޑީޕީ ބޮޑު ތަނުން ބަލިކޮށްފައި އޮތްވައި، މަޖިލިސް އިންތިހާބުގައި މިހާ ބޮޑު ބައްޔެއް އެމްޑީޕީ އަށް ލިބުމުގެ ޒިންމާ ލީޑަޝިޕުން އުފުލަންޖެހޭނެ ކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ބުނެފަ އެވެ.

އެމްޑީޕީގެ އާ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ ލީޑަޝިޕްގެ ދަށުން ކުރިއަށް ގެންދިޔަ ދެ ކެމްޕެއިންގައި ވެސް ނަތީޖާ ނެރެވިފައި ނުވާއިރު، ލީޑަޝިޕްގައި އިސްކޮށް ހުންނެވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ފަހަތަށް ޖެހިވަޑައިގަންނވަން ޖެހޭ ވަގުތަކީ މިއީ ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ.

އެ މަނިކުފާނު 25 އަހަރު މެންބަރުކަން ކުރެއްވި އުފަން ރަށް ހިންނަވަރު ދާއިރާގެ ގޮނޑި ވެސް ޕީއެންސީ އިން ކާމިޔާބު ކޮށްފައިވާއިރު، އެމްޑީޕީގެ މި ބައްޔާ ގުޅޭ ގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

"އެމްޑީޕީ ބަލިވި އެންމެ ބޮޑު އެއް ސަބަބަކީ ޕާޓީގެ ބަލިކަށި ލީޑަޝިޕް. އެ ބޭފުޅުން ބޮޑަށް ޝައުގުވެރިވީ ދޮގު ފެތުރުމަށް. އެމްޑީޕީގެ ޕޮލިސީ އެޖެންޑާއެއް، ޕޮލިޓިކަލް ސްޓްރެޓެޖީއެއް ނެތް،" އެމްޑީޕީގައި މަސައްކަތް ކުރެއްވި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވި އެވެ.

ރައީސް އިބޫ ކެމްޕެއިންގައި: އިންތިހާބުގައި ކުރިމަތިވީ ބޮޑު ބައްޔަކާ

ރައީސް އިބޫ ކެމްޕެއިންގައި: އިންތިހާބުގައި ކުރިމަތިވީ ބޮޑު ބައްޔަކާ

"މިހާރު" އާ ވާހަކަ ދައްކަވަމުން އެމްޑީޕީގައި ކުރިން މަސައްކަތް ކުރެއްވި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ، އެމްޑީޕީގެ ބޮޑު ބަލީގެ ޒިންމާ ވަރަށް ބޮޑަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބޮލުގައި އެޅުވޭ ކަމަށެވެ. އެމްޑީޕީގެ ހަގީގީ ފަލްސަފާތަކާއި އުސޫލުތައް މިހާރު ވަނީ ވަރަށް ބޮޑަށް ނެތިގެން ގޮސްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީގެ ފަލްސަފާ އާއި ޑިމޮކްރެޓިކް ހަމަތަކަކީ އަބަދުމެ ވަކާލާތު ކުރަމުން އައި ކަންކަން. ވެރިކަން ލިބުނީމަ ހަމައެކަނި ވެރިކަން ދިފާއު ކުރުމުގެ ފަޅިއަށް ހަގީގަތުގައި ރައީސް އިބޫއަށް ވަޑައިގެންނެވުނީ،" ވައްޑެ ވިދާޅުވި އެވެ.

ވައްޑެ ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް އިންތިހާބުތަކަށް ހުށަހެޅުންތަކެއް ހިފައިގެން ނުކުންނަ ޕާޓީއެއް ކަމަށާއި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެއްވެސް ހުށަހެޅުމެއް ނެތި، މުޅިން ވެސް ކުރީ އެންޓި-ކެމްޕެއިން ކަމަށެވެ.

ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވެސް ވިދާޅުވީ މިހާރު އެމްޑީޕީގައި ތޮށިގަނޑެއް ކަމަށާއި އެ ޕާޓީން ގެންގުޅުނު އުސޫލުތަކާއި ހަމަތައް ގެއްލިފައިވާ ކަމަށެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި އެމްޑީޕީ އަށް މިހާ ބޮޑު ބައްޔެއް ކުރިމަތިވީ އެ ޕާޓީގެ ލީޑަޝިޕް އިސްވެ ތިއްބަވައި ހިންގެވި ބޮޑު އެންޓި-ކެމްޕެއިން ޕްރޮޕެގެންޑާގެ ސަބަބުންނެވެ.

"މީގެ ކުރިން އެމްޑީޕީ އިން ކުރާ ކަހަލަ ކެމްޕެއިނެއް ނޫން ކުރީއެއް. މިއަދު އެމްޑީޕީ އޮތީ ނަމެއްގައި އޭގައި އޮތީ ތޮށިގަނޑު. ވެރިންނަށް ތިބީ ޑީއާރްޕީގެ ބޭފުޅުން، އެއީ ވުޖޫދުން ފުހިވިފައިވާ ޕާޓީއެއް. އެހެން އޮތްވާ އެ ބޭފުޅުން އެމްޑީޕީއަށް ސަވާރުވެ އެމްޑީޕީގައި ބަދަލަކަށް މަސައްކަތް ކުރި ބޭފުޅުން މި ތިބީ އެމްޑީޕީއާ ދުރުވެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.