Roadha Mihaaru
މޯދީ ކޯލިޝަން ކެބިނެޓް އިއުލާނުކުރައްވައިފި

މޯދީ ކޯލިޝަން ކެބިނެޓް އިއުލާނުކުރައްވައިފި؛ ބޮޑު ފަޅި ބީޖޭޕީއަށް

11 ޖޫން 2024

އިންޑިއާގެ އާންމު އިންތިހާބުގައި އުންމީދުކުރި ވަރުގެ ނަތީޖާއެއް ނުލިބި ކޯލިޝަނެއް ހަދަން ޖެހުނު ބޮޑުވަޒީރު ނަރެންދުރަ މޯދީ އޭނާގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ބޮޑު ބައި ދީގެން އިއްޔެ ކޯލިޝަން ކެބިނެޓް އިއުލާނުކުރައްވައިފި އެވެ.

އިންޑިއާގެ އާންމު އިންތިހާބުގައި އުންމީދުކުރި ވަރުގެ ނަތީޖާއެއް ނުލިބި ކޯލިޝަނެއް ހަދަން ޖެހުނު ބޮޑުވަޒީރު ނަރެންދުރަ މޯދީ އޭނާގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ބޮޑު ބައި ދީގެން އިއްޔެ ކޯލިޝަން ކެބިނެޓް އިއުލާނުކުރައްވައިފި އެވެ.

އާދީއްތަ ދުވަހު މޯދީ ހުވާކުރެއްވި އިރު އޭނާގެ ސަރުކާރުގެ 71 މެންބަރަކު ވެސް ވަނީ މަގާމާ ހަވާލުވުމުގެ ހުވާކޮށްފަ އެވެ. މި 71 ގެ ތެރެއިން 11 މަގާމެއް ދޭން ޖެހުނީ މޯދީއަށް ތިން ވަނަ ދައުރަކަށް ވެރިކަން ހޯދައިދޭން ކޯލިޝަން ހެދި ޕާޓީތަކަށެވެ. މީގެ ތެރޭގައި ކެބިނެޓް އެންމެ މަތީ 30 ޕޯސްޓުގެ ތެރެއިން ފަސް ޕޯސްޓެއް ހިމެނެ އެވެ.

ނަމަވެސް މޯދީގެ ކެބިނެޓްގައި ކުރިން ވެސް ތިއްބެވި ގިނަ ބޭފުޅުން މިފަހަރު ވެސް ޕޯސްޓް ބަދަލު ނުވެ ތިއްބެވީ ހަމަ އެގޮތުގަ އެވެ. އެހެންވެ މިއީ ކުރިން ވެސް މޯދީ ގެންގުޅުއްވި ސިޔާސަތު ދަމަހައްޓާނެ ކަމުގެ ނިޝާނެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.

މި ލިސްޓުގައި ޑިފެންސް މިނިސްޓަރު ރަޖްނަތު ސިންގް، އިންޓީރިއާ މިނިސްޓަރު އަމިތު ޝާހް، ޓްރާންސްޕޯޓް މިނިސްޓަރު ނިތިން ގަދުކާރީ، ފިނޭންސް މިނިސްޓަރު ނިރްމަލާ ސިތަރަމަން އަދި ފޮރިން މިނިސްޓަރު އެސް ޖައިޝަންކަރް ހިމެނެ އެވެ.

ބީޖޭޕީގެ ބާރުގަދަ ރައީސް ޖަގަތު ޕްރަކާޝް ނައްދާ އައްޔަންކުރީ ހެލްތު މިނިސްޓަރު ކަމަށެވެ.

ޖުމްލަ 71 މިނިސްޓަރުން ތިއްބެވި އިރު އަންހެނުންގެ އަދަދަކީ 7 އެވެ. މީގެ ތެރެއިން ދެ ބޭފުޅަކު އެންމެ މަތީ ޕޯސްޓްތަކަށް ވަނީ އައްޔަންކޮށްފަ އެވެ. -- އޭއެފްޕީ