Roadha Mihaaru
އިންޑިއާ ޓީމުތަކުގެ އުކުޅު މިހާރު އެނގޭ: ފެސްކޯ

އިންޑިއާ ޓީމުތަކުން ގެންގުޅޭ އުކުޅު މިހާރު އެނގޭ: ފެސްކޯ

20 ފެބުރުއަރީ 2017

އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގައި މާދަމާ ހަވީރު އިންޑިއާގެ މޯހަން ބާގަންއާ ދެކޮޅަށް މާލޭގައި ނުކުންނައިރު އެ ޓީމުތަކުން ގެންގުޅޭ އުކުޅު ވަރަށް ރަނގަޅަށް އެނގޭ ކަމަށް ވެލެންސިއާގެ ހެޑް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) މިއަދު ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގައި މާދަމާ ހަވީރު އިންޑިއާގެ މޯހަން ބާގަންއާ ދެކޮޅަށް މާލޭގައި ނުކުންނައިރު އެ ޓީމުތަކުން ގެންގުޅޭ އުކުޅު ވަރަށް ރަނގަޅަށް އެނގޭ ކަމަށް ވެލެންސިއާގެ ހެޑް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) މިއަދު ބުނެފި އެވެ.

ގާތްގާތުގައި އިންޑިއާގެ އައި ލީގުގައި ތިން މެޗު ކުޅެން ޖެހުމުން މޯހަން ބާގަން ޓީމުން އައީ އެ ޓީމުގެ މުހިއްމު ހަތަރު ކުޅުންތެރިޔަކު ނުލަ އެވެ. އޭގެ ތެރޭގައި އިންޑިއާ ގައުމީ ޓީމުގެ ފޯވާޑް ޖޭޖޭ ލާލްޕެކުލާ ވެސް ހިމެނެ އެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފެސްކޯ ބުނީ މުހިއްމު ކުޅުންތެރިން ނުލައި މެޗަށް ނުކުންނަ ކަމަށް ބުނުމަކީ އިންޑިއާ ޓީމުތަކުން ގެންގުޅޭ އުކުޅެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނިފައި ހުރި ކަންތައްތަކަށް ބަލާއިރު އިންޑިއާ ޓީމުތަކުން ގެންގުޅޭ އުކުޅެއް އެއީ މެޗަށް ނުކުންނައިރު މުހިއްމު ކުޅުންތެރިން ނެތޭ ބުނުމަކީ. ތިބޭފުޅުންނަށް އެނގޭނެ އިންޑިއާ އިން ސާފް މުބާރާތްތަކަށް ނުކުންނައިރު އަބަދުވެސް ބުނާނީ 19 އަހަރުން ދަށުގެ ޓީމު ނޫނީ 23 އަހަރުން ދަށުގެ ޓީމޭ. އެކަމަކު މެޗުގައި އޮންނާނީ މުޅިން ތަފާތުކޮށް،" ފެސްކޯ ބުންޏެވެ.

މޯހަން ބާގަން އެންމެ ފަހުން ކުޅުނު ދެ މެޗު ވެލެންސިއާގެ ޓެކްނިކަލް ޓީމުން ބަލާފައިވާ ކަމަށާއި މެޗަށް ނުކުންނައިރު އެ ޓީމުގެ ބައެއް ކަންތައްތައް އެނގުމުން މެޗަށް ތައްޔާރުވެވިފައިވާ ކަމަށް ފެސްކޯ ވަނީ ބުނެފަ އެވެ.

"އަޅުގަނޑުމެން ބަލާލައިފިން އެންމެ ފަހުން މޯހަން ބާގަން ކުޅުނު މެޗުތައް. އެ ޓީމާ ބެހޭ މައުލޫމާތު ކޮންމެވެސް ވަރަކަށް ލިބިއްޖެ. މިއީ މެޗަށް ތައްޔާރުވުމުގައި ލިބިގެން ދިޔަ ފަސޭހައެއް،" ފެސްކޯ ބުންޏެވެ.

މޯހަން ބަގާން އާއި ވެލެންސިއާ ވަނީ މީގެ ކުރިން އޭޝިއާގެ މުބާރާތްތަަކުގައި ދެ ފަހަރު ވާދަކޮށްފަ އެވެ. އެންމެ ފުރަތަމަ 1995/1994 ގެ އޭޝިއަން ކްލަބް ޗެމްޕިއަންޝިޕުގެ ސައުތު އޭޝިއާ ޒޯނުގައި މޯހަން ބަގާން އަތުން ވެލެންސިއާ ބަލިވީ ކަލްކަތާގެ ސޯލްޓް ލޭކުގައި ކުޅެ 7-1 އިން ނެވެ. އެކަމަކު ޖެހިގެން އައި އަހަރު ހީނާ އަހުމަދު ސަލީމުގެ ކޯޗުކަމުގެ ދަށުން ނުކުމެ ވެލެންސިއާ ވަނީ ފުރަތަމަ ބުރުން މޯހަން ބަގާން ކަޓުވާލައިފަ އެވެ. ކަލްކަތާގައި ކުޅުނު މެޗު 2-1 އިން މޯހަން ބަގާން ކާމިޔާބުކުރިއިރު މާލޭގައި ވެލެންސިއާ 1-0 އިން މޮޅުވެ ކުރި ހޯދީ އަވޭ ގޯލުންނެވެ.

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ބޫޓާންގެ ތިމްޕޫ ކުޅުންތެރިއަކު ކައިރިން ވެލެންސިއާގެ ހަމްދާން (ކ) ބޯޅަ ހިފައިގެން ދާން މަސައްކަތް ކުރަނީ .-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ބޫޓާންގެ ތިމްޕޫ ކުޅުންތެރިއަކު ކައިރިން ވެލެންސިއާގެ ހަމްދާން (ކ) ބޯޅަ ހިފައިގެން ދާން މަސައްކަތް ކުރަނީ .-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރީ 2003/2002 ގެ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކޮލިފައިން ބުރުގަ އެވެ. އެ ފަހަރު ކަލްކަތާގައި ކުޅުނު މެޗު 2-2 އިން އެއްވަރުވިއިރު މާލޭގައި 3-0 އިން މޮޅުވެ މޯހަން ބާގަން ތިން ވަނަ ބުރުން ފުރުސަތު ހޯދި އެވެ.

ފެސްކޯ ބުނީ ވެލެންސިއާ ޓެކްނިކަލް ޓީމުގައި ތިބި ތިން މީހުންނަކީ ވެސް މޯހަން ބާގަންއާ ދެކޮޅަށް ކުރިން ކުޅެފައި ތިބި ކުޅުންތެރިން ކަމަށް ވުމުން މި މެޗު މުހިއްމު ކަމަށެވެ.

"ވެެލެންސިއާ ޓެކްނިކަލް ޓީމުގައި އަޅުގަނޑާ އެކު މިތިބި ކުޑަހީނާ އާއި އިގުބާލަކީ މީގެ ކުރިން މޯހަން ބާގަންއާ ދެކޮޅަށް ކުޅެފައި ތިބި ކުޅުންތެރިން. ތާރީހަށް ބަލާއިރު މިއީ ވެސް މި ދެ ޓީމުގެ މެޗުތައް އަޅުގަނޑުމެންނަށް އެނގޭކަން ދޭހަކޮށްދޭ ކަމެއް،" ފެސްކޯ ބުންޏެވެ.

މިއީ ވެލެންސިއާ މި ސީޒަނުގައި ކުޅޭ ހަތަރު ވަނަ މެޗެވެ. އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ބޫޓާންގެ ތިމްޕޫ އަތުން ރަށުން ބޭރުގައި ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް މާލޭގައި ކުޅުނު މެޗުން 3-0 އިން މޮޅުވެ ޕްލޭއޮފް ބުރުން ޖާގަ ހޯދި އެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ކުޅުނު ޗެރިޓީ ޝީލްޑް މެޗުން މާޒިޔާ އަތުން ވެލެންސިއާ ވަނީ 1-0 އިން ބަލިވެފަ އެވެ.

"ޗެރިޓީ މެޗުގައި އިންޑިވިޖުއަލީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ޕާފޯމް ނުކުރެވި ދިޔައީ. އެކަން މި މެޗުގައި ތަކުރާރުވިޔަނުދޭން މަސައްކަތް ކުރަން ޖެހޭ،" ފެސްކޯ ބުންޏެވެ.

ޕްލޭއޮފުން މޮޅުވާ ޓީމަކަށް ގްރޫޕް އީ އިން ފުރުސަތު ލިބޭނެ އެވެ. މި ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނާއި އިންޑިއާގެ ޗެމްޕިއަން ބެންގަލޫރު އެފްސީ އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ޑާކާ އަބަހާނީ އެވެ.

ފެސްކޯ ބުނީ މާދަމާގެ މެޗުން މޮޅުވެއްޖެ ނަމަ ގްރޫޕް ސްޓޭޖަށް ދެވޭނެ ކަމުގެ ޔަގީންކަން ބޮޑުވާނެ ކަމަށެވެ.

"މާދަމާގެ މެޗުން އަޅުގަނޑުމެން މޮޅުވެއްޖެ ނަމަ ގްރޫޕް ސްޓޭޖަށް ދިއުމުގެ 80 ޕަސެންޓް ޔަގީންވީ. އެ ހުރިހާ ކަމަކަށް ވިސްނައިގެން މޮޅުވާން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނުކުންނާނީ. މޯހަން ބާގަން އަކީ ބަލިނުކުރެވޭނެ ވަރުގެ ޓީމެއް ނޫން،" ފެސްކޯ ބުންޏެވެ.

ގަލޮޅު ދަނޑުގައި ވެލެންސިއާ އާއި މޯހަން ބާގަން ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ.