Roadha Mihaaru
މޯހަން ބަގާން އަތުން ބަލިވެ ވެލެންސިއާ ކަޓައިފި

މޯހަން ބަގާން އަތުން ބަލިވެ ވެލެންސިއާ ކަޓައިފި

28 ފެބުރުއަރީ 2017

އޭއެފްސީ ކަޕުގެ ޕްލޭއޮފުގެ ދެ ވަނަ ލެގުގައި އިންޑިއާގެ ގަދަބާރު މޯހަން ބަގާން އަތުން 4-1 އިން ބަލިވެ ގްރޫޕް ސްޓޭޖުން ފުރުސަތު ނުލިބި ރާއްޖޭގެ ކްލަބް ވެލެންސިއާ ކަޓައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޭއެފްސީ ކަޕުގެ ޕްލޭއޮފުގެ ދެ ވަނަ ލެގުގައި އިންޑިއާގެ ގަދަބާރު މޯހަން ބަގާން އަތުން 4-1 އިން ބަލިވެ ގްރޫޕް ސްޓޭޖުން ފުރުސަތު ނުލިބި ރާއްޖޭގެ ކްލަބް ވެލެންސިއާ ކަޓައިފި އެވެ.

ވެލެންސިއާގެ މައްޗަށް މޯހަން ބަގާން އިން ކުރި ހޯދީ ދެ ލެގުން 5-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. މި ކާމިޔާބީއާ އެކު މޯހަން ބަގާން ވަނީ މުބާރާތުގެ ސައުތު އޭޝިއާ ޒޯނުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިފަ އެވެ. އެ ޓީމު ބައްދަލުކުރަން ޖެހޭނީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އާއި އިންޑިއާގެ ބެންގަލޫރު އެފްސީ އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ޑާކާ އަބަހާނީއާ އެވެ.

މިއަދުގެ މެޗުގައި މޯހަން ބަގާންގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ އިންޑިއާ ގައުމީ ޓީމުގެ ފޯވާޑް ޖޭޖޭ ލާލްޕެކްލުއާ އެވެ. އަނެއް ލަނޑު ސޮނީ ނޯޑޭ ޖެހިއިރު ވެލެންސިއާގެ ކުޅުންތެރިޔެއްގެ އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފަ އެވެ. މި ދެ ކުޅުންތެރިންނަކީ މިދިޔަ ހަފްތާގައި މާލޭގައި ކުޅުނު މެޗުގައި ނުކުޅޭ ދެ ކުޅުންތެރިންނެވެ. ވެލެންސިއާގެ ހަމައެކަނި ލަނޑު ޖެހީ ނައިޖީރިއާގެ ފޯވާޑް އޮމޮދޫ ގޮޑްފްރޭ ވެސްޓް އެވެ.

ކަލްކަތާގެ ރަބިންދުރަ ސަރޯބާރް ސްޓޭޑިއަމްގައި ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖޭޖޭ ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ ދެ ވަނަ މިނިޓްގަ އެވެ. މި ހާފްގައި ވެލެންސިއާ އަށް މާ ރަނގަޅު ކުޅުމެއް ނުދެއްކުނުއިރު، ފުރަތަމަ ހާފްގެ ފަހު މިނިޓްގައި އެ ޓީމުގެ ހުސެއިން ނިހާން އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފަ އެވެ.

މޯހަން ބަގާން އާއި ވެލެންސިއާ މާލޭގައި ކުޅުނު މެޗުގެ ތެރެއިން: ވެލެންސިއާގެ ރިލޭ (ކ) މޯހަން ބަގާން ދެ ކުޅުންތެރިން ކައިިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މޯހަން ބަގާން އާއި ވެލެންސިއާ މާލޭގައި ކުޅުނު މެޗުގެ ތެރެއިން: ވެލެންސިއާގެ ރިލޭ (ކ) މޯހަން ބަގާން ދެ ކުޅުންތެރިން ކައިިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ ވަނަ ހާފްގައި ކުޅެން ނުކުމެ ވެލެންސިއާ އިން ވަނީ ވަރަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ 52 ވަނަ މިނިޓްގައި ވެސްޓްގެ ލަނޑުން ވެލެންސިއާ އުއްމީދުއާ ކުރިއިރު، އޭގެ ހަ މިނިޓް ފަހުން ދެ ވަނަ ލަނޑެއް ޖަހަން ވެސްޓް އާއި އަހުމަދު ރިލްވާން (ރިލޭ) އަށް ފުރުސަތު ލިބި ވަނީ ބޭކާރުވެފަ އެވެ.

ނަތީޖާ ހަމަހަމަ ކޮށްލަން ވެލެންސިއާ އިން އެންމެ ހުސް ފުރުސަތެއް ލިބުނީ އެ ޓީމުގެ ހަސަން ނިމާލް އަށެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެ ވަނަ ހާފްގައި ކުޅެން ނިކުތް ނިމާލް އަށް މޯހަން ބަގާން ގޯލު ކުރިމަތިން ހުސްކޮށް ކަހަލަ ގޮތަކަށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ވެލެންސިއާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ނުހިފުމުގެ ނަތީޖާ އަކަށްވީ މެޗުގެ ފަހު ދިހަ މިނިޓް ތެރޭ މޯހަން ބަގާނުން އިތުރު ދެ ލަނޑު ޖެހުމެވެ. މެޗުގެ 82 ވަނަ މިނިޓްގައި ޖޭޖޭ ވަނީ އޭނާގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. ފަހު ލަނޑު ޖެހީ 87 ވަނަ މިނިޓްގައި ނޯޑޭ އެވެ.

މިދެ ޓީމު ޕްލޭ އޮފް ބުރުން ޖާގަ ހޯދީ ޕްރިލިމިނަރީ ބުރު ކާމިޔާބު ކޮށްގެންނެވެ. ވެލެންސިއާ މޮޅުވީ ބޫޓާންގެ ތިމްޕޫ ސިޓީ އަތުންނެވެ. މޯހަން ބަގާން ކުރިހޯދީ ސްރީލަންކާގެ ކޮލަމްބޯ އެފްސީއާ ވާދަކޮށެވެ.

މިއީ އޭއެފްސީ ކަޕްގެ ޕްލޭ އޮފް ބުރުގައި ކުޅެގެން ރާއްޖޭގެ ޓީމެއް ގްރޫޕް ސްޓޭޖަށް ނުގޮސް ކެޓި ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2011 ވަނަ އަހަރު ޕްލޭއޮފް ބުރުގައި ރާއްޖޭގެ ވިކްޓަރީ ވަނީ 4-3 އިން ބަލިވެ ޔަމަންގެ އަލް ތިލާލް އަތުން ކަޓައިފަ އެވެ. އޭގެ ފަހުން 2015 ވަނަ އަހަރު ރާއްޖޭގެ މާޒިޔާ ވަނީ ޕްލޭއޮފް ބުރުގައި ފިލިޕީންސްގެ ޗެރެސް ބަލިކޮށްފަ އެވެ.