Roadha Mihaaru
ދަނޑަށް އަަރުވާނީ ނަތީޖާ ނެރެވޭވަރުގެ ޓީމެއް: މޯހަން

ދަނޑަށް އަަރުވާނީ ނަތީޖާ ނެރެވޭވަރުގެ ޓީމެއް: މޯހަން ބާގަން

20 ފެބުރުއަރީ 2017

އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގައި މާދަމާ ވެލެންސިއާއާ ދެކޮޅަށް މާލޭގައި ނުކުންނައިރު މި މެޗުން ބޭނުންވާ ނަތީޖާ ނެރެން މޯހަން ބާގަން އޮތީ ތައްޔާރުވެގެން ކަމަށާއި، ދަނޑަށް އަރުވާނީ އެ ފެންވަރުގެ ޓީމެއް ކަމަށް އެ ކްލަބުން މިއަދު ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގައި މާދަމާ ވެލެންސިއާއާ ދެކޮޅަށް މާލޭގައި ނުކުންނައިރު މި މެޗުން ބޭނުންވާ ނަތީޖާ ނެރެން މޯހަން ބާގަން އޮތީ ތައްޔާރުވެގެން ކަމަށާއި، ދަނޑަށް އަރުވާނީ އެ ފެންވަރުގެ ޓީމެއް ކަމަށް އެ ކްލަބުން މިއަދު ބުނެފި އެވެ.

އިންޑިއާގެ އައިލީގުގައި ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން މޯހަން ބާގަން ރާއްޖެ އައީ އެ ޓީމުގެ މުހިއްމު ކުޅުންތެރިން ކަމަށްވާ އިންޑިއާ ގައުމީ ޓީމުގެ ފޯވާޑް ޖޭޖޭ ލާލްޕެކުލާ އާއި ޕްރިތަމް ކޯޓާލް އަދި ސޮނީ ނޯޑޭ ނުލަ އެވެ. އަދި އަމިއްލަ ސަބަބުތަކާ ހުރެ މޯހަން ބާގަންގެ ހެޑް ކޯޗު ސަންޖޯއީ ސެން ވެސް ރާއްޖެ ނާދެ އެވެ.

މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޯޗު ޝަންކަރުލާލް ޗަކުރަބޯތީ ބުނީ އެ ޓީމުން މާދަމާގެ މެޗަށް ނެރޭނީ ނަތީޖާ ނެރެވޭނެ ފެންވަރުގެ ޓީމެއް ކަމަށެވެ.

"ފާއިތުވި އަހަރުތަކުން ފެށިގެން އަހަރެމެން މަސައްކަތް ކުރަމުން އައި ކަމެއް ކުޅުންތެރިންގެ ފަރަގު ކުޑަކުރުމަށް. މޯހަން ބާގަންގައި ނުތިބޭނެ މާ ހާއްސަ ކުޅުންތެރިއެއް. ހުރިހާ ކުޅުންތެރިން ވެސް އަހަރެމެންނަށް ވާނީ ހަމަހަމަ. މާދަމާގެ މެޗަށް ވެސް ނުކުންނާނީ އަހަރެމެން ބޭނުންވާ ނަތީޖާ ނެރެވޭ ފެންވަރުގެ ޓީމެއް،" ޝަންކަރުލާލް ބުންޏެވެ.

އޭނާ ބުނީ މެޗަށް ނުކުންނައިރު ވެލެންސިއާއާ ބެހޭ ގޮތުން މާ ގިނަ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.

"ހަގީގަތުގައި އަހަރެމެންނަށް ނެތް ވެލެންސިއާގެ މާ ބޮޑު މައުލޫމާތެއް. ގާތް ފަރާތަކުން ފޯރުކޮށްދިން ކުޑަ މައުލޫމާތެއް ލިބިފައި ހުރީ. އަހަރެމެންގެ ވިސްނުމަކީ މި ކުޅުންތެރިންގެ ރަނގަޅު ކުޅުމާ އެކު މެޗު ކާމިޔާބު ކުރުން،" ޝަންކަރުލާލް ބުންޏެވެ.

މޯހަން ބާގަން ޕްލޭއޮފް ބުރުން ޖާގަ ހޯދީ ޕްރިލިމިނަރީ ބުރުގެ ދެ ލެގުން ވެސް ސްރީ ލަންކާގެ ކޮލަމްބޯ އެފްސީ ބަލިކުރުމަށް ފަހު އެވެ. ޝަންކަރުލާލް ބުނީ އެއީ މާދަމާގެ މެޗަށް ނުކުންނައިރު ވިސްނާ ކަމެއް ނޫން ކަމަށެވެ.

ލަނޑު ޖެހުމަށް ފަހު މޯހަން ބާގަން ކުޅުންތެރިން އުފާފާޅުކުރަނީ: އެ ޓީމުގެ އެންމެ އިތުބާރު ފޯވާޑް ޖޭޖޭ (މ) މާދަމާގެ މެޗުގައި ނުކުޅޭނެ -- ފޮޓޯ: ގޯލްއިންޑިއާ

ލަނޑު ޖެހުމަށް ފަހު މޯހަން ބާގަން ކުޅުންތެރިން އުފާފާޅުކުރަނީ: އެ ޓީމުގެ އެންމެ އިތުބާރު ފޯވާޑް ޖޭޖޭ (މ) މާދަމާގެ މެޗުގައި ނުކުޅޭނެ -- ފޮޓޯ: ގޯލްއިންޑިއާ

"ކޮލަމްބޯ އެފްސީގެ މެޗަކީ މާޒީ. އަހަރެމެން އެ މެޗަކަށް ނުވިސްނަން. އެއީ މި މެޗަކީ މުޅިން ތަފާތު މާހައުލެއްގައި ކަމަށް ވާތީ. ވެލެންސިއާ އަކީ ވަރުގަދަ ޓީމެއް ކަމަށް އަހަރެމެން ގަބޫލުކުރަނީ. އެ ވަރަށް ތައްޔާރުވެގެން މި މެޗަށް މި ނުކުންނަނީ،" އޭނާ ބުންޏެވެ.

މޯހަން ބާގަން އަކީ މިދިޔަ އަހަރު އިންޑިއާގެ އައި ލީގުގެ ދެ ވަނަ ޓީމެވެ. އެ ޓީމު މި ވަގުތު ވެސް އޮތީ އައި ލީގުގެ ދެ ވަނައިގަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް އީސްޓް ބެންގާލް އާއި ދެ ވަނައިގައި އޮތް މޯހަން ބާގަން އަށް ނުވަ މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ. އީސްޓް ބެންގާލަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ.

މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގައި މޯހަން ބާގަން އޮތީ ރާއްޖޭގެ މާޒިޔާއާ އެއް ގްރޫޕެއްގަ އެވެ. ގުވާހަޓީގައި ކުޅުނު މެޗު 5-2 އިން މޯހަން ބަގާން ކާމިޔާބުކުރިއިރު، މާލެގައި މި ދެ ޓީމު 1-1 އިން އެއްވަރުވީ އެވެ.

މޯހަން ބާގަން އަށް ކުޅޭ ޖަޕާންގެ މިޑްފީލްޑަރު ކަޓްސުމީ ޔޫސާ ބުނީ މިދިޔަ އަހަރު ވެސް މާލޭގައި ކުޅުނު މެޗު އުނދަގޫ ކަމަށާއި މި ފަހަރު ވެސް ނުކުންނާނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށެވެ.

"މިދިޔަ އަހަރު މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗު ވެސް ފަސޭހައެއް ނޫން. އެ ފަދަ މެޗަކަށް މި ފަހަރު ވެސް މި ނުކުންނަނީ. އަމާޒަކީ އަވޭ މެޗުގައި ރަނގަޅު ނަތީޖާއެއް ނެރެގެން ހޯމް މެޗަށް ދާން،" ކަޓްސުމީ ބުންޏެވެ.

ރާއްޖޭގައި ކުޅޭ ބޭރުގެ ޓީމުތަކަށް އެންމެ އުނދަގޫވާ ސަބަބަކީ ހޫނު ގަދަ ވުމެވެ. މާދަމާގެ މެޗަށް ތައްޔާރުވުމަށް މޯހަން ބާގަން ގަލޮޅު ދަނޑުގައި ފަރިތަކުރުންތައް ބޭއްވީ މިއަދު މެންދުރު އެވެ.

"ރާއްޖެ ހޫނުވުމަކީ އަބަދުވެސް ކުރިމަތިވާ މައްސަލައެއް. އެއީ ގިނަ ޓީމުތަކަށް ކުރިމަތިވާ ގޮންޖެހުމެއް. އަހަރެމެން މާދަމާގެ މެޗަށް ނުކުންނާނީ އެކަމަށް ތައްޔާރުވެގެން،" ޝަންކަރުލާލް ބުންޏެވެ.

ގަލޮޅު ދަނޑުގައި ވެލެންސިއާ އާއި މޯހަން ބާގަން ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ. ދެ ވަނަ ލެގު އޮންނާނީ މި މަހުގެ 28 ގައި ކަލްކަތާގެ ރަބިންދުރާ ސަރޯބަރް ސްޓޭޑިއަމުގަ އެވެ.