Roadha Mihaaru
އަމޯރިމް ވެސްޓްހޭމާ ވާހަކަދެއްކުމުން ސަޕޯޓަރުން ރަތަށް

ސްޕޯޓިންގެ ކޮންޓްރެކްޓްގައި ހުރެ އަމޯރިމް ވެސްޓްހޭމާ ވާހަކަ ދެއްކުމުން ސަޕޯޓަރުން ރުޅިގަދަވެއްޖެ

28 އެޕްރީލް 2024

ލިޒްބަން (އޭޕްރީލް 28) – ސްޕޯޓިން ލިޒްބަންގެ ކޯޗުކަމުގައި ހުރެ، ވެސްޓް ހޭމް ޔުނައިޓެޑާ ވާހާކަ ދެއްކުމުން، ކުރިމަތިވި ޕްރެޝަރާ އެކު ކޯޗު ރުބެން އަމޯރިމް މައާފަށް އެދިއްޖެ އެވެ.

ލިޒްބަން (އޭޕްރީލް 28) – ސްޕޯޓިން ލިޒްބަންގެ ކޯޗުކަމުގައި ހުރެ، ވެސްޓް ހޭމް ޔުނައިޓެޑާ ވާހާކަ ދެއްކުމުން، ކުރިމަތިވި ޕްރެޝަރާ އެކު ކޯޗު ރުބެން އަމޯރިމް މައާފަށް އެދިއްޖެ އެވެ.

ވެސްޓް ހޭމްގެ މިހާރުގެ ކޯޗު ޑޭވިޑް މޮއިސްއާ އެކު، އެ ކްލަބުން ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. މިދިޔަ އަހަރުގެ ޔޫއެފާ ކޮންފަރެންސް ލީގު ވެސްޓް ހޭމަށް ކާމިޔާބުކޮށް ދިން ނަމަވެސް، މި ސީޒަނުގައި އެންމެ ރަނގަޅު ނަތީޖާ ތަކެއް މޮއިސް އަކަށް ނުރެވުނެވެ.

ބަދަލުގައި އާ ކޯޗަކު ހޯދުމުގެ މަސައްކަތުގައި އެ ކްލަބުން ވަނީ ބައެއް ކޯޗުންނާ ވާހަކަ ދައްކައިފަ އެވެ. މިދިޔަ ހަފުތާގައި އަމޯރިމް ވެސް ވަނީ ލަންޑަނަށް ދަތުރުކޮށް ވެސްޓް ހޭމާ އެކު ވާހާކަ ދައްކައިފަ އެވެ.

ޕްރިމިއާ ލީގުގެ ބައެއް އެހެން ކްލަބްތަކުން ވެސް ޝައުގުވެރިވާ އަމޯރިމް، ވެސްޓްހޭމާ ވާހަކަ ދައްކަން ލަންޑަނަށް ދަތުރުކުރިކަން އެނގުމުން ސްޕޯޓިންގެ ސަޕޯޓަރުން ރުޅި ގަދަވި އެވެ. އަދި އޭނާ މައާފަށް އެދެން ސަޕޯޓަރުން ޑިމާންޑް ކުރި އެވެ.

ޑޭވިޑް މޮއިސް

ޑޭވިޑް މޮއިސް

ކުރިމަތިވި ޕްރެޝަރާ އެކު މައާފަށް އެދެމުން، އަމޯރިމް ބުނީ ވެސްޓް ހޭމާ އެކު ވާހަކަތައް ކުރިއަށް ގެންދިޔައީ ސްޕޯޓިން އަށް އެނގިގެން ކަމަށެވެ.

"އެންމެ ފުރަތަމަ ކަމަކަށް އަހަރެން އޮޅުންފިލުވައި ދޭން ބޭނުން ލަންޑަނަށް ދަތުރު ކުރީ ވެސް އަދި ވެސްޓް ހޭމާ އެކު ވާހަކަތައް ކުރިއަށް ގެންދިޔައީ ވެސް ކްލަބަށް [ސްޕޯޓިން އަށް] އެނގިގެންކަން،" އުމުރުން 39 އަހަރުގެ ކޯޗު ކިޔައި ދިނެވެ.

ޕޯޗުގަލްގެ ޕްރިމޭރާ ލީގު، ސްޕޯޓިން އަށް 2021 ގައި ކާމިޔާބުކޮށް ދިން އަމޯރިމް ބުނީ ވެސްޓް ހޭމްއާ އެކު ވާހަކަތައް ކުރިއަށް ގެންދިއުން އެއީ އޭނާ ހެދި ގޯހެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

ސަޕޯޓަރުންގެ ރުޅި އިތުރަށް ގަދަވީ ލީގު ހޯދުމުގެ ރޭސް ވާދަވެރި ވެފައިވާ އިރު އެކަހަލަ ވަގުތެއްގައި ދަތުރުކޮށް އެހެން ޓީމަކާ ވާހަކަ ދެއްކުމެވެ. ސްޕޯޓިން އޮތީ ލީގުގެ އެއްވަނައިގަ އެވެ. ތިން ޕޮއިންޓްގެ ތަފާތަކުން ވާދަވެރިން ބެންފީކާ އޮތީ ދެވަނައިގައި ވިއްދައިފަ އެވެ. ސްޕޯޓިން މިއަދު ނުކުންނާނީ ވާދަވެރި އަނެއް ޓީމު ޕޯޓޯއާ ދެކޮޅަށެވެ.

"އެއީ ސިއްރުން ނުވަތަ ހުއްދައެއް ނެތި ހިނގި ކަމެއް ނޫން. އަހަރެންގެ ދަތުރަކީ ގޯހެއްކަން ސާފުކޮށް ބަލައިގަންނަން، މި ވަގުތު އެ ދަތުރު ކުރުން މުޅިން ގޯސް. އެވަގުތު ރަނގަޅު ކަމަކަށް ނުފެނޭ،" އަމޯރިމް ބުންޏެވެ.

"އެއީ ގޯހެއް، ހާއްސަކޮށް އަހަރެންގެ ކުޅުންތެރިންނަށް އަހަރެން އެހާ ޑިމާންޑް ކުރާއިރު އަދި އަބަދުވެސް އެންމެ ފުރަތަމަ ބުނަނީ ކޮންމެ މީހެއްގެ އަމަލަކުން ވިޔަސް ޓީމަށް އަސަރު ކުރާނެ ކަމަށް.

"އެއީ އަހަރެންނަށް ހެދުނު ގޯހެއް، އަހަރެން ޖެހޭނީ އެކަން ގަބޫލުކޮށް އެއާ އެކު އުޅެން. އެވަގުތު އެހާ ދެރަ ކަމަކަށް ނުފެނުނު އެކަމެއް. ނަމަވެސް ފަހުން ވިސްނާލުމުން ވަރަށް ސާފު. މިހާރު މިއީ ކުރިއަށް ދާންވީ ވަގުތު. އަހަރެންނަށް ހެދުނު ގޯހަށް ސްޕޯޓިންގެ ސަޕޯޓަރުންނާއި ސްޓާފުންނާއި ހާއްސަކޮށް ކުޅުންތެރިންގެ ކިބައިން މައާފަށް އެދެން."