Roadha Mihaaru
ރައީސް އޮފީހަށް ފޯނު ވެއްދުން މަނާކޮށްފި

ރައީސް އޮފީހަށް ފޯނު ވެއްދުން މަނާކުރިތާ ދެ މަހަށް ވުރެ ގިނަ ދުވަސް!

28 އެޕްރީލް 2024

މިނިސްޓަރުން އިސްތިސްނާވާ ގޮތަށް، ރައީސް އޮފީހުގެ އެކިއެކި ބައްދަލުވުންތަކަށް ބޭރުން ދާ މީހުންގެ މޮބައިލް ފޯނު އެ އޮފީހަށް ވެއްދުން މަނާކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މިނިސްޓަރުން އިސްތިސްނާވާ ގޮތަށް، ރައީސް އޮފީހުގެ އެކިއެކި ބައްދަލުވުންތަކަށް ބޭރުން ދާ މީހުންގެ މޮބައިލް ފޯނު އެ އޮފީހަށް ވެއްދުން މަނާކޮށްފި އެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް މިއަދު ވިދާޅުވީ، ސެކިއުރިޓީ ޕްރޮޓޮކޯލެއްގެ ދަށުން އެ އަށް އަމަލުކުރަން ފެށިތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.

އެކަމަކު، އެ ނިންމުން މީޑިއާގެ ސަމާލުކަމަށް މިއަދު އައީ ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ، އާ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދުގެ މީޑިއާ ބްރީފިން އަށް ދިޔަ ނޫސްވެރިންނަށް ފޯނު ނުވެއްދުމާ ގުޅިގެންނެވެ.

ނަމަވެސް ނޫސްވެރިންގެ ކަންބޮޑުވުމާ ގުޅިގެން، މިއަދުގެ ބްރީފިން އަށް ފޯނު ވެއްދުމުގެ ހުއްދަ ދިނެވެ. އެއީ ކުރިން އާންމުކޮށް އެކަން ނޫސްވެރިންނަށް ނާންގާ އޮތުމުން ދިން ހުއްދައެކެވެ.

ހަލީލް ވިދާޅުވީ، މިއީ ހަމައެކަނި ނޫސްވެރިންނަށް އަމަލު ކުރަމުން އަންނަ ގޮތެއް ނޫން ކަމަށާއި މިހާރު އުސޫލުގައި އޮންނަނީ ރަައީސް އޮފީހުގެ މުވައްޒަފުން ނޫން އެހެން މީހުންނަށް ވެސް ފޯނު ނުވެއްދޭނެ ގޮތަށް ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ އުސޫލުގައި އިސްތިސްނާ ވަނީ ހަމައެކަނި މިނިސްޓަރުންނެވެ. ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި އެހެން އިސްވެރިންނާއި އެހެނިހެން ބޭފުޅުންނަށް ވެސް މިކަން އޮތީ މަނާކޮށްފަ އެވެ.

ރައީސް އޮފީހުން ބުނީ ނޫސްވެރީންގެ މަސައްކަތްތަކަށް ފަހިވެ ފަސޭހަވާނެގޮތަށް ކަންކަން ހަމަޖައްސައިދެމުން ގެންދިއުމަށް އަބަދުވެސް ސަރުކާރުން މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށެވެ. އަދި މިއަދު އޮތް ނޫސްވެރީންގެ ބައްދަލުވުމަށް ފޯނު ހިފައިގެން ވަދެ ތިބުމަށް ފަހު، ކަން ހިނގާފައިވާ ގޮތުގެ ހަގީގަތް އޮޅޭގޮތަށް ބައެއް މީޑިއާތަކުން ހަބަރު ފަތުރަމުން ދިއުމަކީ ޒިންމާދާރުކަމެއް ނޫން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

"މިއަދު ވެސް އަދި މީގެ ފަހުން ވެސް ނޫސްވެރީންގެ ބައްދަލުވުންތަކަށް ރައީސް އޮފީހަށް ވަޑައިގަންނަވާ ނޫސްވެރީންނަށް ފޯނާ އެކު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވޭނެ އިންތިޒާމު ރައީސް އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލުން ވަނީ ހަމަޖައްސަވައިދެއްވައިފައި،" ބަޔާނުގައި ބުނެފައި ވެ އެވެ.