Roadha Mihaaru
ރައީސް މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ރައީސް މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވަނީ

25 މެއި 2021

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އަނެއްކާވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ މި ދުވަސްވަރު، އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ މީޑިއާއާ ބައްދަލުކުރައްވަން ނިންމަވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އަނެއްކާވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ މި ދުވަސްވަރު، އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ މީޑިއާއާ ބައްދަލުކުރައްވަން ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އެ މީޑިއާ ބްރީފިން އޮންނާނީ މިރޭ 10 ޖަހާއިރު ކަމަށެވެ.

މި ނިއުސް ބްރީފިންގައި، ރާއްޖޭގެ ކޮވިޑްގެ ހާލަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތަކާއި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން އަޅަން ނިންމައިފައިވާ އާ ފިޔަވަޅުތަކާ ބެހޭގޮތުން ރައީސް ވާހަކަފުޅު ދައްކަވާނެ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، އެތައް ބަޔަކު މަރުވާއިރު، ބައެއް މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މި ނާޒުކް ހާލަތުގައި ރައީސާއި ސަރުކާރުގެ އެންމެ އިސްވެރިން އާންމުންނާ ބައްދަލުކުރައްވައި ވާނުވާ އޮޅުންފިލުއްވައި ނުދެއްވާ މައްސަލަ އެވެ. ހާއްސަކޮށް، ކޮވިޑް ފެތުރުން ކުރިއަށް ވުރެ ގޯސްވިިއިރު، އެކަމުގެ ޒިންމާ ނަގައި ކަންކަން ގޯސްވި ސަބަބާ ކުރިމަތިލައްވާނެ ވެރިއެއް ނެތް ކަމުގެ ޝަކުވާ ވަރަށް ބޮޑެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެ، އިއްޔެ ސަރުކާރުން ވަނީ އާ ފިޔަވަޅުތަކެއް އަޅަން ނިންމައި، އެކަން އިއުލާންކޮށްފަ އެވެ. މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި މާލެ ސަރަހައްދުގެ ކާފިއުގެ ވަގުތު މާދަމާ އިން ފެށިގެން ހަވީރު 4:00 އިން ހެނދުނު 8:00 އަށް އިތުރު ކުރުމާއި ކާފިއު ނޫން ގަޑިތައް ކަމަށްވާ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ގެއިން ބޭރަށް ނުކުތުމަށް ހާއްސަ ފާހެއް ގެންގުޅެންޖެހޭ ގޮތަށް ހެދުން ހިމެނެ އެވެ. ކާފިއު ގަޑީގައި އެ ފާހަށް ވެސް ބޭރަށް ނުނިކުމެވޭނެ އެވެ.

ބަލި ފެތުރޭ ހުރިހާ ރަށެއްގައި ވަކި ވަގުތުތަކެއްގައި ކާފިއު ހިންގަން ވެސް ވަނީ ނިންމައިފަ އެވެ.

ރާއްޖޭގައި ކޮވިޑް ކޭސްތައް މިހާރު ކޮންމެ ދުވަހަކު އުޅެނީ 1،000 އިން މަތީގަ އެވެ. އެކްޓީވް ކޭސްތަކުގެ އަދަދު ވެސް 20،000 އިން މައްޗަށް ވަނީ ގޮސްފަ އެވެ. މި ބަލީގައި މަރުވި މީހުން އަދަދު ވެސް މިހާރު ވަނީ 144 އަށް އަރައިފަ އެވެ.