Roadha Mihaaru
އަބުރުގެ ބިލުން މީޑިއާތަކަށް ބިރެއް ނެތް: އޭޖީ އޮފީސް

އަބުރުގެ ބިލުން ނޫސްވެރިންނާއި މީޑިއާތަކަށް ބިރެއް ނެތް: އޭޖީ އޮފީސް

06 އޮކްޓޯބަރ 2020

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ، އަބުރާ ބެހުމުން ގެއްލުމުގެ ބަދަލު ނަގައިދޭ ބިލުން ނޫސްވެރިންނާއި މީޑިއާތަކަށް ބިރެއް ނޯންނާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ، އަބުރާ ބެހުމުން ގެއްލުމުގެ ބަދަލު ނަގައިދޭ ބިލުން ނޫސްވެރިންނާއި މީޑިއާތަކަށް ބިރެއް ނޯންނާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރަށް ސަރުކާރުން ހުށަހަޅަން ގަސްތުކުރާ 28 ބިލުގެ ތެރޭގައި އަބުރުގެ ބިލް ހިމަނާފައި ވާއިރު އެ ބިލްގެ މަގްސަދާ މެދު މީޑިއާތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

އަބުރާ ބެހުމާއި ހަގީގަތާ ޚިލާފް ވާހަކަތައް ހުއްޓުވުމުގެ މަގްސަދުގައި ކަމަށް ބުނެ ކުރީގެ ސަރުކާރުން ވެސް ބިލެއް ފާސްކުރި އެވެ. ނަމަވެސް އެ ބިލް އަމާޒުކޮށްފައި އޮތީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅާށެވެ. އެ ގާނޫނު ވުޖޫދަށް ގެނެސް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޓީވީ ސްޓޭޝަންތައް ބޮޑު އަދަދަކުން ޖޫރިމަނާ ވެސް ކުރި އެވެ.

އޭޖީ އޮފީހުގެ ޑިރެކްޓަ ކޮމިއުނިކޭޝަން، ހުސެއިން ހަސަން ވިދާޅުވީ މި ސަރުކާރުން ހުށަހަޅަން އުޅޭ ބިލުގެ މަގްސަދަކީ ނޫސްވެރިކަމަށް ހުރަސްއެޅުން ނޫން ކަމަށެވެ. ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތާއި ސަރުކާރުގެ ވިސްނުމަކީ މިހާރު ވެސް އޮންނަ ގޮތަށް އަބުރާ ބެހުމުން ގެއްލުމުގެ ބަދަލު ނަގައިދިނުން މަދަނީ ކުށެއްގެ ގޮތަށް ބިލް ފަރުމާކުރުން ކަމަށް ވިދާޅުވި އެވެ. އެއީ، ގަވާއިދުގައި މިހާރު ވެސް އޮތް ގޮތް ކަން ހުސެއިން ފާހަގަކުރެއްވި އެވެ.

"މީޑިއާއަށް ޓާގެޓްކޮށްގެން، މީގެ ކުރިން ހުށަހެޅި ގޮތަށް ނޫސްވެރިން ކުށްވެރިވާ ގޮތަށް، އަބުރާ ބެހުނު މީހާ ޖޫރިމަނާ ކުރުމުގެ ބަދަލުގައި އެ ވާހަކަ ދެއްކި ސްޓޭޝަން ޖޫރިމަނާވާ ގޮތަށް އެއްވެސް މާއްދާއެއް ނޯންނާނެ. އެ ވާހަކައެއް ދެއްކި މީހާ ޒިންމާވާން ޖެހޭނީ،" ހުސެއިން ވިދާޅުވި އެވެ.

"ނޫސްވެރިންނަށް އަމާޒުކޮށް އެއްވެސް މާއްދާއެއް ނޯންނާނެ."

އޭނާ ވިދާޅުވި ގޮތުގައި ބިލުގެ ބޭނުމަކީ މިހާރު އަމަލުކުރާ ގަވާއިދަށް ގާނޫނީ ބާރުވެރިކަން ދިނުމެވެ. ބިލް ފަރުމާކުރުމުގެ ކުރިން މީޑިއާތަކުގެ ހިޔާލު ހޯދާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

ކުރީގެ ސަރުކާރުން ފާސްކުރި ގާނޫނުގެ އެންމެ ބޮޑު މައްސަލައަކީ އެ ގާނޫނުގައި އަބުރާ ބެހުން މާނަކުރާ ފުޅާ މިންވަރުގެ ސަބަބުން އޮތް ނުރައްކަލެވެ. ބުނާ ބަހެއް ނުވަތަ ދައްކާ ވާހަކަ އެކަންޏެއް ނޫނެވެ. ކުރަހާ ކުރެހުމަކުން ނުވަތަ ކުރެވޭ އިޝާރާތަކުން އެހެން މީހަކަށް ކުރެވޭ ދޭހައެއް ނުވަތަ ވިސްނޭ ވިސްނުމެއް ނުވަތަ ކުރެވޭ އިހްސާސްއަކާ ހިސާބުން ވެސް އެއީ އަބުރާ ބެހުނީ ކަމަށް ބަލައި އެތައް މިލިއަން ރުފިޔާއަކުން ޖޫރިމަނާ ކުރެވެ އެވެ. މިހާ ފުޅާކޮށް އެ ގާނޫނުގައި އެކަން އޮތުމުގެ ނަތީޖާއަކަށް ވީ ނުބައި ނިޔަތެއް ނެތި، ބުނެވޭ ބަހެއް ނުވަތަ ކުރެވޭ އިޝާރާތަކީ ވެސް އަބުރާ ބެހުން ކަމަށް ބަލައިގެން އެ ގާނޫނުގެ ތެރެއަށް ފައްތާލެވުމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދާ އެއްގޮތަށް، އެމަނިކުފާނު ވަނީ އެ ގާނޫނު އުވާލައްވައިފަ އެވެ. ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ އުވާލެއްވީ ވެސް އެ ގާނޫނެވެ.