Roadha Mihaaru
ބެލޮންޑިއޯ ހަތަރު އަހަރުފަހުން ލިބުނަސް ދެރައެއް ނުވާނެ

2020ގެ ބެލޮންޑިއޯ ހަތަރު އަހަރުފަހުން ލިބުނަސް ދެރައެއް ނުވާނެ: ލެވަންޑޯސްކީ

29 އެޕްރީލް 2024

މިޔުނިކް (އޭޕްރީލް 29) – ދެހާސް ވީހީގެ ބެލޮންޑިއޯ އެވޯޑް ހަތަރު އަހަރު ފަހުން ލިބުނަސް އޭނާ ދެރަ ނުވާނެ ކަމަށް، ބާސެލޯނާގެ ތަރި ރޮބަޓް ލެވަންޑޯސްކީ ބުނެފި އެވެ.

މިޔުނިކް (އޭޕްރީލް 29) – ދެހާސް ވީހީގެ ބެލޮންޑިއޯ އެވޯޑް ހަތަރު އަހަރު ފަހުން ލިބުނަސް އޭނާ ދެރަ ނުވާނެ ކަމަށް، ބާސެލޯނާގެ ތަރި ރޮބަޓް ލެވަންޑޯސްކީ ބުނެފި އެވެ.

ބެޔާން މިޔުނިކްގެ ކުރީގެ ފޯވާޑަށް 2020 އަހަރަކީ އޭނާގެ ކެރިއާގެ އެންމެ ހާއްސަ އަހަރެވެ. އެ ކްލަބާ އެކު އޭނާ ވަނީ އެ އަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގު، ބުންޑެސް ލީގާ އަދި ޖަރުމަނު ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

އެ ސީޒަނުގައި އޭނާ 55 ގޯލް ޖެހި އެވެ. އެކަމަކު އެ އަހަރު ދުނިޔެއާ ކުރިމަތިވި ކޮވިޑް-19 ގެ ސަބަބުން، ބައެއް ގައުމުތަކުގައި ފުޓްބޯޅަ ސީޒަން ނިންމާލުމުން، އެ އަހަރުގެ އެވޯޑް ނުބާއްވަން ފްރާންސްގެ ފުޓްބޯލް މަޖައްލާއިން ނިންމި އެވެ.

އެ އަހަރު ފީފާއިން ހޮވި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ ލެވަންޑޯސްކީ އެވެ. އެކަމަކު ފުޓްބޯޅަ އެވޯޑްތަކުގެ ތެރެއިން ކުޅުންތެރިންގެ މެދުގައި އެންމެ ޝަރަފުވެރި ކަމަށް ދެކޭ އެވޯޑަކީ ބެލޮންޑިއޯ އެވެ. އެއީ އެ އެވޯޑްގެ ދުވަސްވީ ތާރީހާއި ކުރީގެ އެންމެ މަޝްހޫރު ކުޅުންތެރިން އެ އެވޯޑް ހޯދާފައިވުމުންނެވެ.

ލެވަންޑޯސްކީ ބުނީ 2020 ބެލޮންޑިއޯ އެވޯޑް މި އަހަރު ދޭން އުޅޭކަމުގެ ވާހަކަތަކެއް އަޑު އިވިފައިވާ ކަމަށެވެ.

"ހަމަ ޔަގީނުން ވެސް ބެލޮންޑިއޯ ލިބުމަށް އުންމީދު ކުރަން 2020 ނޫނީ 2021 އެއީ އަހަރެން އަހަރު،" ޖަރުމަނުގެ ބިލްޑް ނޫހަށް ދިން އިންޓަވިއުގައި ޕޮލެންޑްގެ ކެޕްޓަން ބުންޏެވެ.

"ދެހާސް ވިހި ވަނަ އަހަރަށް ހާއްސަކޮށް ތާރީހީ އެވޯޑެއް ދޭނެ ކަމަށް އަޑުތައް ފެތުރިފައި އެބަހުރި. އެއީ އަހަންނަށް އާދަޔާ ހިލާފު އަހަރެއް. އެއީ އަހަރެންގެ އެންމެ މަތީ ފެންވަރު، އަދި އެ އަހަރު އަހަރެމެންނަށް ހުރިހާ ތައްޓެއް ކާމިޔާބު ކުރިން.

"ހަތަރު އަހަރު ފަހުން ވެސް 2020 ގެ ބެލޮންޑިއޯ ލިބުނަސް އަހަރެން ހިތާމައެއް ނުކުރާނަން. އެ އެވޯޑް ލިބިގަންނާނީ ޝަރަފުވެރި ކަމާ އެކު އުފަލުން."