Roadha Mihaaru
ލެވަންޑޯސްކީ ހިތްހަމަނުޖެހެނީ ނާގެލްސްމަންއާ ހެދި

ބަޔާން ދޫކޮށްލަން ލެވަންޑޯސްކީ ބޭނުން ވަނީ ނާގެލްސްމަންއާ ހެދި: މީޑިއާ

31 މެއި 2022

މިޔުނިކް (މެއި 31) - ބަޔާން މިޔުނިކުގައި އިތުރަށް ކުޅެން ބޭނުން ނުވާކަމަށް، ބުނެ ރޮބަޓް ލެވަންޑޯސްކީ ހިތްހަމަނުޖެހުން ފާޅުކުރީ، އެޓީމުގެ ޒުވާން ކޯޗު، ހޫލިއަން ނާގެލްސްމަންއާ ހެދި ކަމަށް ޖަރުމަންގެ މީޑިއާތަކުން ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިޔުނިކް (މެއި 31) - ބަޔާން މިޔުނިކުގައި އިތުރަށް ކުޅެން ބޭނުން ނުވާކަމަށް، ބުނެ ރޮބަޓް ލެވަންޑޯސްކީ ހިތްހަމަނުޖެހުން ފާޅުކުރީ، އެޓީމުގެ ޒުވާން ކޯޗު، ހޫލިއަން ނާގެލްސްމަންއާ ހެދި ކަމަށް ޖަރުމަންގެ މީޑިއާތަކުން ބުނެފި އެވެ.

ޔޫއެފާ ނޭޝަން ލީގުގެ މެޗުގެ ޕްރީ ޕްރެސް ޕްރެސްގައި ވާހަކަ ދައްކަމުން، ޕޮލެންޑްގެ ކެޕްޓަން ބުނީ ބަޔާންގައި އިތުރަށް ކުޅެން އޭނާ ބޭނުން ނުވާ ކަމަށެވެ.

"ބަޔާންގައި އަހަރެންގެ ޒަމާން ނިމިއްޖެ. އެ ކްލަބަށް ކުޅެން ދިއުމުގެ އެއްވެސް ފުރުސަތެއް ދެން އަހަންނަކަށް ނުފެނޭ،" ލެވަންޑޯސްކީ، 33، ބުންޏެވެ. "ބަޔާން އަކީ ސީރިއަސް ކްލަބެއް. އަހަރެން ގަބޫލުކުރަނީ އެމީހުން އަހަރެން ހިފަހައްޓަން މަސައްކަތް ނުކުރާނެ ކަމަށް، އަހަރެން ދެން އެކްލަބްގައި ކުޅޭކަށް ބޭނުމެއް ނޫން."

ޖަރުމަންގެ މީޑިއާތަކުން ބުނާ ގޮތުގައި ލެވަންޑޯސްކީ އާއި ބައެއް ސީނިއާ އެހެން ކުޅުންތެރިން ތިބީ ނާގެލްސްމަންގެ ބައެއް ކަންތައްތަކާ މެދު ހިތްހަމަނެުޖެހިފަ އެވެ. އޭގެ ތެރޭގައި ޓްރޭނިންތަައް ކުރިއަށް ގެންދާިއުމަށް އޭނާ ބޭނުން ކުރާ ބައެއް އުސޫލުތަކާ މެދު ވެސް ސީނިއާ ކުޅުންތެރިން ގަޔާ ނުވާ ކަމަށް، ޖަރުމަންގެ "ބިލްޑް" ނޫހުން ބުނެފައި ވެއެވެ. ސީނިއާ ބައެއް ކުޅުންތެރިން ސިފަކުރަނީ ނާގަލްސްމަން، 34 އަކީ "ހަރުކަށިކަމާއި އުނދަގޫ ގޮތްގަނޑެއް ގެންގުޅޭ" ކޯޗެއްގެ ގޮތުގައި ކަމަށް ވެސް މީޑީއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

މީގެ ކުރިން، ނާގެލްސްމަން ބުނެފައި ވަނީ ބަޔާންގައި ލެވަންޑޯސްކީ މަޑުކުރުވަން އޭނާ ޝައުގުވެރިވާ ކަމަށެވެ. ޓްރާންސްފާ ޚަބަރުތައް ބުނާ ގޮތުން ލެވަންޑޯސްކީ ގެންދަން ބާސެލޯނާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ބަޔާންގެ ސީއީއޯ، އޮލިވާ ކާން ވަނީ ލެވަންޑޯސްކީގެ ވާހަކަތަކަށް ރައްދު ދީފަ އެވެ. ބަޔާންގެ ކުރީގެ ގޯލް ކީޕަރު ބުނީ، ޕަބްލިކްގައި އެގޮތަށް ވާހަކަ ދައްކަން ލެވަންޑޯސްކީ އިހްތިޔާރު ކުރި ސަބަބެއް ބުނެވެން ނެތް ކަމަށެވެ

ބަޔާންގެ ސީއީއޯ އޮލިވާ ކާން: އޭނާ ބުނީ ޕަބްލިކްުގައި ލެވަންޑޯސްކީ އެގޮތަށް ވާހަކަ ދައްކަން ނިންމި ސަބަބެއް އޭނާ އަށް ބުނެވެން ނެތް ކަމަށް --- ފޮޓޯ: ގޭޓީ އިމޭޖަސް

ބަޔާންގެ ސީއީއޯ އޮލިވާ ކާން: އޭނާ ބުނީ ޕަބްލިކްުގައި ލެވަންޑޯސްކީ އެގޮތަށް ވާހަކަ ދައްކަން ނިންމި ސަބަބެއް އޭނާ އަށް ބުނެވެން ނެތް ކަމަށް --- ފޮޓޯ: ގޭޓީ އިމޭޖަސް

"އަހަންނަކަށް ނުބުނެވޭނެ ރޮބަޓް [ލެވަންޑޯސްކީ] މިގޮތަށް ވާހަކަ ދައްކަން ނިންމީ ކީއްވެގެން ކަމެއް. އެކަހަލަ ގޮތަކަށް އާންމުތަނެއްގައި ވާހަކަ ދައްކައިގެން ހައްލެއް ނުހޯދޭނެ. ވިދިވިދިގެން ދެ ފަހަރު އޭނާ ދުނިޔޭގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށް ވެގެން ދިޔައީ މިތަނުގައި. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ މިތަނުގައި،" ޖަރުމަނުގެ ކުރީގެ ކީޕަރު ބުންޏެވެ. "އަހަރެންނަށް ހީވަނީ ބަޔާން އިން އޭނާ އަށް ހާސިލުކޮށް ދީފައި ހުރި ކަންކަން އޭނާ އަށް އެނގެން ޖެހޭނެހެން. އަގުވަޒަން ކުރުމަކީ އެއްކޮޅުން އެކަނި ވާންޖެހޭ ކަމެއް ނޫން."

ބަޔާންގެ ލެޖެންޑް، ލޮތާ މެތެއުސް، މިހަފުތާގައި ސްކައި ސްޕޯޓްސް އަށް ލިޔުނު ކޮލަމްގައި ބުނެފައި ވަނީ، އަށް އަހަރު ވަންދެން ބަޔާން އާއި ލެވަންޑޯސްކީ އާ ދެމެދު އޮތް ގުޅުން މިހާރު ހީނަރުވެފައިވާ ކަމަށެވެ.

"އޭނާ ކްލަބްގައި މަޑުކުރަން ނިންމިއަސް އަހަންނަކަށް ހީއެއް ނުވޭ ކުރިން އޮތް ގުޅުން އޮންނާނެ ހެނެއް،" މެތެއުސްގެ ކޮލަމްގައި އޭނާ ބުނެފައި ވެއެވެ.

ލެވަންޑޯސްކީ ބަޔާން އަށް ބަދަލުވީ، 2014 ގައި، ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑުން ހިލޭ ޓްރާންސްފާއެއްގަ އެވެ.