Roadha Mihaaru
ދިވެހިންގެ އުފާވެރިކަން ހުރި ވަރު ވަޒަންކުރަނީ

ދިވެހިންގެ އުފާވެރިކަން ހުރި ވަރު ވަޒަން ކުރަން "ހެޕިނެސް އިންޑެކްސް" އެއް ކަނޑައަޅަނީ

02 މެއި 2024

ދިވެހިންގެ އުފާވެރިކަން ހުރި ވަރު ވަޒަން ކުރުމަށް ރާއްޖޭގެ "ހެޕިނެސް އިންޑެކްސް" އެއް ކަނޑައެޅުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދިވެހިންގެ އުފާވެރިކަން ހުރި ވަރު ވަޒަން ކުރުމަށް ރާއްޖޭގެ "ހެޕިނެސް އިންޑެކްސް" އެއް ކަނޑައެޅުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު ހިދުމަތްތަކާ ބެހޭ މިނިސްޓްރީން މިއަދު މެންދުރު ފަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެ ވެސް ތަރައްގީވަމުން އަންނައިރު، ދިވެހިން ބޭނުންވާ އުފާވެރިކަމާއި ހިތްހަމަޖެހުމާއި އުއްމީދުކުރާ ކަންކަމާއި އަދި ކޮންމެ ރަށެއްގެ ހާލަތު ދެނެގަނެވޭނެ ގޮތެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެހެންވެ، ސަރުކާރުން ވަނީ މާނަ ހުރި ގޮތެއްގައި ރާއްޖޭގެ "ހެޕިނެސް އިންޑެކްސް" ކަނޑައެޅުމަށްޓަކައި ހާއްސަ މަސައްކަތެއް ފަށައިގެން ކުރިއަށް ގެންދަން ނިންމައިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ރަށްރަށުގައި ހާލަތު، އުފާވެރިކަން، ރައްޔިތުން މިން ކުރާ ގޮތެއް ދެނެގަތުމަށްޓަކައި ކުރާ މަސައްކަތެއް،" މިނިސްޓަރު ވިދާޅުވި އެވެ.

"މި މަސައްކަތަކީ، އަޅުގަނޑުމެން ރާވައިގެން މި އުޅެނީ ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ގިނަ ބަޔަކާ މަޝްވަރާ ކުރެވިގެން ކޮންސަލްޓޭޓިވް ޕްރޮސެސްއެއްގެ ދަށުން ވަރަށް ބޮޑަށް ހުޅުވާލެވިފައި އަދި ގިނަ ފަރާތްތަކާ މަޝްވަރާ ކުރެވިގެން އެކުލަވާލެވޭ އޮނިގަނޑެއް ނުވަތަ އިންޑެކްސްއެއްގެ ތެރެއިން ރަށްރަށުގެ ހާލަތު ރަނގަޅަށް އެނގޭނެ ގޮތަކަށް ތައްޔާރުކުރެވޭ ފްރޭމްވޯކެއްގެ ދަށުން، ރަނގަޅު ނަތީޖާ ހޯދާ ފަރާތްތަކަށް އެވޯޑު ވެސް ދެވޭ ކަހަލަ އިންތިޒާމެއްގެ ތެރެއިން މަސައްކަތް ކުރުމަށް."

އާދަމް ޝަރީފް ވިދާޅުވީ "ހެޕިނެސް އިންޑެކްސް" އެއް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތަކެއްތޯ ބެލުމަށް ވެސް އާންމުންގެ ހިޔާލު ހޯދާނެ ކަމަށެވެ. މި ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ މަޝްވަރާ އާއި ލަފާ ވެސް ހޯދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ ރަށްރަށުގައި ހާލަތު، އުފާވެރިކަން، ރައްޔިތުން މިން ކުރާ ގޮތެއް ދެނެގަތުމަށްޓަކައި ކުރާ މަސައްކަތެއް،"--- މިނިސްޓަރު

ދުނިޔޭގެ އެހެން ގައުމުތަކުގައި "ހެޕިނެސް އިންޑެކްސް" ކަނޑައެޅުމުގައި ބަލަނީ އެ ގައުމެއް ނުވަތަ ރަށެއްގައި ކުށް މަދުވުމާއި ދެމެހެއްޓެނިވި ތަރައްގީ އަށް މަސައްކަތްކުރާ ވަރާއި ރަށުގެ ސާފުތާހިރުކަމާއި އެކުވެރިކަމާއި ބަދަހިކަމެވެ. އަދި އާއިލާތަކުގައި އޮންނަ ގުޅުމާއި ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް އޮތުމާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ރަނގަޅު މާހައުލެއް އޮތުމާއި މެހުމާނުންނަށް ކަމޭހިތުމާއި ތައުލީމީ ފެންވަރު ރަނގަޅުވުމާއި ސިއްހީ ހާލަތު ރަނގަޅުވުމާއި އާންމުންގެ ހޭލުންތެރިކަން ހުރި މިންވަރާއި ދީނާއި ސަގާފަތާއި ތަރިކަ އަށް ލޯބިކުރުމާއި އަދި ނިކަމެތިންނަށް އަޅާލުން ކަހަލަ ކަން ކަމަށް ބަލަ އެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، ރާއްޖޭގައި ވެސް މިކަން ކުރާނީ ދުނިޔޭގެ "ބެސްޓް ޕްރެކްޓިކްސް" ގައި މިކަން ކުރާ އުސޫލުގެ ދަށުންނެވެ. މި އަހަރު މި މަސައްކަތް ފަށައި އަންނަ އަހަރު ރާއްޖޭގެ "ހެޕިނެސް އިންޑެކްސް" ފުރަތަމަ ފަހަރަށް ކަނޑައަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވޯލްޑް ހެޕިނެސް އިންޑެކްސް" އަކީ 2011 ވަނަ އަހަރު އދ. އިން ފާސްކުރި ހާއްސަ ގަރާރެއްގެ ދަށުން ގައުމުތަކުގައި އާންމުންގެ ދިރިއުޅުމުގެ ހާލަތާއި އުފާވެރިކަން މިންކުރުމަށްޓަކައި ގައުމުތަކުން އަމިއްލަ އަށް ކުރާ ސާވޭއެއްގެ އަލީގައި ކޮންމެ އަހަރަކު ވެސް ކަނޑައަޅަމުން އަންނަ އިންޑެކްސް އެކެވެ. އެ އިންޑެކްސްގައި މިދިޔަ ހަތް އަހަރު، ޖެހިޖެހިގެން ކޮންމެ އަހަރަކު ވެސް އެންމެ ކުރީގައި އޮތީ ފިންލެންޑެވެ.