Roadha Mihaaru
އިތުރު މަޝްރޫއުތަކަށް އަބޫދާބީ ފަންޑުގެ އެހީ ހޯދަނީ

އިތުރު މަޝްރޫއުތަކަށް އަބޫދާބީ ފަންޑުގެ އެހީ ހޯދަން މަޝްވަރާކޮށްފި

03 މެއި 2024

ރާއްޖޭގެ ތަރައްގީގެ ބައެއް މަޝްރޫއުތަކަށް އަބޫދާބީ ފަންޑު ފޮ ޑިވެލޮޕްމަންޓުގެ އެހީ ހޯދުމަށް މަޝްވަރާކޮށްފި އެވެ.

ރާއްޖޭގެ ތަރައްގީގެ ބައެއް މަޝްރޫއުތަކަށް އަބޫދާބީ ފަންޑު ފޮ ޑިވެލޮޕްމަންޓުގެ އެހީ ހޯދުމަށް މަޝްވަރާކޮށްފި އެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އަބޫދާބީ ފަންޑުގެ ޑިރެކްޓާ ޖެނެރަލް ސައިފް އަލް ސުވައިދީ އާ އިއްޔެ ވަނީ ބައްދަލުކުރައްވައިފަ އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެ ބައްދަލުވުމުގައި ސަރުކާރުން ހިންގަން ނިންމާފައިވާ ތަރައްގީގެ ބައެއް މަޝްރޫއުތަކަށް އެ ފަންޑުގެ އެހީތެރިކަން ހޯދުމަށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ނަމަވެސް، އެއީ ކޮން މަޝްރޫއުތަކެއް ކަމެއް މިނިސްޓްރީއަކުން ނުބުނެ އެވެ.

އެ ބައްދަލުވުމުގައި އަބޫދާބީ ފަންޑުން ޒަމާނުއްސުރެ ރާއްޖޭގެ ތަރައްގީއަށް ދެމުންދާ އެހީތެރިކަމަށް ޒަމީރު ޝުކުރު އަދާކުރެއްވި ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އޭގެތެރޭގައި، އަބޫދާބީ ފަންޑުގެ އެހީގައި މިހާރު ކުރިއަށްދާ ވެލާނާ އެއާޕޯޓާއި މާފަރު އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އަލިއަޅުވައިލައްވައި، އެ މަޝްރޫއުތަކުގެ ސަބަބުން ރާއްޖެއަށް ޓޫރިސްޓުން އަންނަ މިންވަރާއި، ބޭރުގެ އިންވެސްޓުމަންޓުތައް އިތުރުވެ، އިގުތިސޯދުގެ ވިލުންވެރިކަން އިތުރުކުރެވޭނެ ކަން މިނިސްޓަރު ފާހަގަކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.