Roadha Mihaaru
ޣައްޒާ މަޝްވަރާތަކަށް ހުރަސްއަޅަނީ ނަތަންޔާހޫ: ހަމާސް

ހަމަލާތައް ހުއްޓައިލުމުގެ މަޝްވަރާއަށް ނަތަންޔާހޫ ހުރަސްއަޅާކަމުގެ ތުހުމަތު

04 މެއި 2024

ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމާއި ރަހީނުން މިނިވަންކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވެމުންދާ އެއްބަސްވުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުރަސްއަޅަމުންދާކަމުގެ ތުހުމަތު ހަމާސްއިން ކޮށްފި އެވެ.

ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމާއި ރަހީނުން މިނިވަންކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވެމުންދާ އެއްބަސްވުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުރަސްއަޅަމުންދާކަމުގެ ތުހުމަތު ހަމާސްއިން ކޮށްފި އެވެ.

"މީގެ ކުރިން ބޭއްވި ހުރިހާ މަޝްވަރާތަކުގެ އެންމެ ބޮޑު ހުރަހަކީ ނަތަންޔާހޫ. އޭނާ އަދިވެސް ދަނީ އެކަން ކުރަމުން،" ހަމާސްގެ އޮފިޝަލެއް ކަމަށްވާ ހޮސާމް ބަދުރާން މީޑިއާތަކަށް ބުންޏެވެ.

އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ބިމާ ހަމަވެ އެތައް ހާސް ބައެއްގެ ފުރާނަ ގެއްލި އާންމުން ބަނޑަށް ޖެހިފައި ވާއިރު ހަމަލާތައް ހުއްޓާލުމަށް އިޒްރޭލުން އިސްނެގުމަށް ބައިނަލްއަގުވާމީ ޕްރެޝަރު ވަނީ ބޮޑުވެފަ އެވެ. އަދި ހަމާސް އިން އިޒްރޭލަށް ހަމަލާދީ ރަހީނުކުރި އިޒްރޭލު މީހުން މިނިވަންކުރުމަށް އިޒްރޭލުން އަވަހަށް އެއްބަސްވުމަކަށް ދިއުމަށް އިޒްރޭލުގެ އާންމުންގެ ފަރާތުން ވެސް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.

ހަމަލާތައް 40 ދުވަހަށް ހުއްޓާލައި އިޒްރޭލުން ބަންދުކޮށްފައިވާ ފަލަސްތީނުގެ ގައިދީން މިނިވަންކުރަން ހުށަހަޅާފައިވާ ހުށަހެޅުމަށް ހަމާސްގެ ޖަވާބަކަށް، މި މަޝްވަރާތަކުގައި މެދުވެރިއެއްގެ ރޯލު އަދާކުރާ ބޭރުގެ ގައުމުތަކުން އަދިވެސް ތިބީ އިންތިޒާރުކޮށްގެންނެވެ.

މިސްރާއި ގަތަރާއި އެމެރިކާއިން މެދުވެރިންގެ ދައުރު އަދާކޮށް ނޮވެމްބަރު މަހު ހަފްތާއަކަށް ހަމަލާތައް މެދުކަނޑާލި އިރު ހަމާސް އިން ވަނީ ރަހީނުކުރި މީހުންގެ ތެރެއިން 80 މީހަކު މިނިވަންކޮށްފަ އެވެ. އަދި އިޒްރޭލުން ވަނީ ބަދަލުގައި އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ 240 މީހަކު މިނިވަންކޮށްފަ އެވެ.

މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި ކުރިއެރުމެއް ނުލިބުމުގެ އެންމެ މައިގަނޑު ސަބަބަކީ، ހަމަލާތައް ދާއިމީކޮށް ހުއްޓާލުމަށް ހަމާސްއިން ޑިމާންޑުކުރާތީ އެވެ. އަދި ޣައްޒާއިން އިޒްރޭލުގެ ހުރިހާ ސިފައިން ފައިބައި، އެތަނަށް ފަލަސްތީނުގެ އާންމުން އެނބުރި ދިއުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ވެސް ހަމާސް އިން ބުނެ އެވެ.

އެކަމަކު ދާއިމީކޮށް ހަމަލާތައް ހުއްޓާލުމަކީ އިޒްރޭލުން މިހާތަނަށް ވެސް ދެކޮޅު ހަދަމުން އައިސްފައިވާ ކަމެކެވެ.

އަދި ޣައްޒާގެ އުތުރުގައި ދޮޅު މިލިއަން މީހުން ހިމާޔަތް ހޯދަމުން އަންނަ ރަފަހް އަށް އަރައި އަސްކަރީ އޮޕަރޭޝަނެއް ހިންގުމުގެ ޕްލޭން ދޫކޮށްނުލާ ކަމަށް އިޒްރޭލުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.