Roadha Mihaaru
ވަޒީފާއަށް ބިރުން ޖަލްސާއަށް ދާމީހުން ހޭލުންތެރިކުރުވަނީ

ސިޔާސީ ޖަލްސާތަކަށް މަޖުބޫރުން ދާން ޖެހޭ މީހުން ހޭލުންތެރި ކުރުވަނީ

20 ފެބުރުއަރީ 2017

ވެރިކަން ކުރާ ޕީޕީއެމުން ބާއްވާ ސިޔާސީ ޖަލްސާތަކަށް ސަރުކާރު އަދި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން މަޖުބޫރުން ގެންދާތީ، އެ ފަދަ މީހުންނަށް އަމަލު ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން ޕެނަލް ޑިސްކަޝަނެއް ބޭއްވުމަށް ނިންމައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ވެރިކަން ކުރާ ޕީޕީއެމުން ބާއްވާ ސިޔާސީ ޖަލްސާތަކަށް ސަރުކާރު އަދި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން މަޖުބޫރުން ގެންދާތީ، އެ ފަދަ މީހުންނަށް އަމަލު ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން ޕެނަލް ޑިސްކަޝަނެއް ބޭއްވުމަށް ނިންމައިފި އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، އިދިކޮޅު އިއްތިހާދުގެ ޝެޑޯ ޖުޑީޝަލް ރިފޯމް މިނިސްޓަރު ހިސާން ހުސެއިން ވިދާޅުވީ، ޕީޕީއެމުން ބާއްވާ ޖަލްސާތަކާއި ސިޔާސީ ހަރަކާތްތަކުގައި ސިވިލް ސާވަންޓުންނާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން މަޖުބޫރުން ބައިވެރިވެރި ކުރާ މައްސަލަ، އެ އިއްތިހާދުން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި މަޝްވަރާކޮށް، އެކަން ހައްލު ކުރެވޭނެ ގޮތަކާ ގުޅޭގޮތުން ވާހަކަ ދައްކާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ނިންމީ، ޖަލްސާތަކަށް މަޖުބޫރުން ސަރުކާރުގެ މުވައްޒަފުން ގެންދާ މައްސަލައާ ގުޅޭގޮތުން އެ މީހުން ހޭލުންތެރިކޮށް، އަމަލު ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ކަމަށް ހިސާން ވިދާޅުވި އެވެ. އަދި އެކަމާ ގުޅޭ ޕެނަލް ޑިސްކަޝަން އަންނަ ބުދަދުވަހު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕީޕީއެމްގެ ހަރަކާތްތަކުގައި ބައިވެރިވުމަށް މުވައްޒަފުންނަަަށް އަންގައި އެ މީހުންގެ ހާޒިރީ އެ ދަނީ ނަގަމުން. މިއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމުން، މިކަމާ މެދު ފިޔަވަޅެއް އެޅުމަށް މި ނިންމީ،" ހިސާން ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ޔޫތު މިނިސްޓަރު އަދި އެމްޔޫއޯގެ ހިޔަނި ކެބިނެޓްގެ ޓޫރިޒަމް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ގަދަ ބާރުން މީހުން ޕީޕީއެމަށް ސޮއި ކުރުވާ ކަމަށާއި އެއީ އެ އިއްތިހާދުން ކުށްވެރި ކުރާ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގެ ބޭނުމަކީ ވެސް ވަޒީފާގެ ބިރަށް، ގަދަ ބާރުން މީހުން ސިޔާސީ ޕާޓީތަކަށް ސޮއި ކުރުން ފަދަ ކަންކަމުން ރައްކާތެރިކުރުވުމެވެ. އެކަމަކު ސިވިލް ސާވަންޓުންގެ ބަލަދުވެރިޔާ، ސިވިލް ސާވިސް ކޮމިޝަނުން ވެސް މިކަމުގައި އިންސާފުވެރި ނޫން ކަމަށް މަލީހް ވިދާޅުވި އެވެ. އަދި ހާއްސަކޮށް އެ ކޮމިޝަންގެ ރައީސް އަލީ ޝަމީމް ވެސް މި ފަދަ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަންނަވާކަން މަލީހް ފާހަގަ ކުރެއްވި އެވެ.

"ސްޓެލްކޯ އާއި ފެނަކަ އާއި އެމްޓީސީސީ އާއި އެއާޕޯޓްސް ކޮމްޕެނީގެ ގިނަ މުވައްޒަފުންނަކީ އަޅުގަނޑުމެންގެ ސިސްޓަމްގެ ތެރޭގައި އުޅެފައި ތިބި ބައެއް ވީމާ، އެބަ އެނގޭ އެ މީހުންނަކީ ސަރުކާރުން ބުނާހާ ގޮތެއް ހެދުމުގެ ވިސްނުމުގައި ތިބި ބައެއް ނޫންކަން. އެ މީހުންނަށް އެނގޭ ގާނޫނުއަސާސީން މިކަމުގައި ލިބިދޭ ހައްގުތައް،" މަލީހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނިތަކުގެ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ސިޔާސީ ވެރިންގެ ނުފޫޒުން ހިންގާ އެފަދަ ކަންކަން ހުއްޓުވޭނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް ކެންޑިޑޭޓުންނަށް ނޫނެކޭ ބުނެގެން ކަމަށެވެ.